ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެބޭފުޅުން "ސުލޫކީ ބިސްމަޅި" ޖައްސާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ޝަރުއީ ދާއިރާއާ ގުޅޭ އެއްވެސް މައްސަލައެއްގައި އެއްވެސް ތަނަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާ ކަމަށެވެ.
ނަމަވެސް ފަނޑިޔާރުންގެ މައްސަލަތައް ބަލާ ޖޭއެސްސީން މިފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްސަލަ ބަލަން ފެށުމާ ގުޅޭގޮތުން ކުރި ސުވާލަށް މިއުވާން ޖަވާބެއް ނުދެއްވި އެވެ.
އެކަމާ ގުޅުވައި އަލީ ހުސައިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖޭއެސްސީ މެދުވެރިކޮށް ފަނޑިޔާރުންގެ ސުލޫކީ ބިސްމަޅި ނުޖައްސާ ކަމަކަށް ނުވާނެ ކަމަށާއި ރައްޔިތުންގެ އިތުބާރު ޝަރުއީ ދާއިރާއަށް އަދިވެސް ނުލިބޭ ކަމަށެވެ.
ފަނޑިޔާރު މަހާޒުގެ މައްސަލަ ބަލަން ފެށީ މިދިޔަ އަހަރު ސުޕްރީމް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރި ދުވަހު، ރައީސް ޔާމީންގެ ސަޕޯޓަރަކު އެ ކޯޓަށް ފޮނުވި މެންދުރު ކެއުމަކާ، އެ މައްސަލަ ބެލި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް ހަވާލުވެ ވަޑައިގަތް ކަމަށް ބުނެ އެވެ.
ނަމަވެސް، އެ ހުކުމް އިއްވެވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އެ މައްސަލަ ބަލަން ފެށުމުން ޖޭއެސްސީ އަށް ގިނަ ބައެއްގެ ސުވާލު ވަނީ އަމާޒުވެފަ އެވެ. އެ މައްސަލައާ ގުޅިގެން މަހާޒު ވަނީ ފަރިއްކޮޅު ބައްލަވައިގަތީ އަމިއްލައަށް ކަމަށް ވިދާޅުވެ ހުޅުވާލައިގެން މައްސަަލަ ބެލުމަށް އެދިފަ އެވެ.