Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޔާސީ އިންތިޚާބު

ވެރިކަމުގައި އެންމެ ގިނަ ދުވަސްވީ ރައީސް %95 އަޣުލަބިއްތާއެކު 6 ވަނަ ދައުރު ފައްޓަވައިފި

ދުނިޔޭގެ ވެރިންގެ ތެރެއިން ރައީސްކަމުގައި އެންމެ ގިނަ ދުވަސް ހޭދަކުރައްވާފައިވާ އިކުއިޓޯރިއަލް ގިނީގެ ރައީސް ޓިއޯޑޮރޯ އޮބިއަން ޏުއެމާ އެމްބަސޯގޯ ވެރިކަމުގެ 6 ވަނަ ދައުރަށް ހުވައިކުރައްވައިފިއެވެ.

ހަވަނަ ދައުރަށް ވެރިކަމާ ހަވާލުވެވަޑައިގެން ދެއްވި ޚިޠާބުގައި އޭނާ ވިދާޅުވެފައިވަނީ ވެރިކަމުގައި އޭނާ ހުންނެވިހައި ދުވަހެއްގައި މެދު އެފުރިކާގެ އެ ޤައުމުގެ ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންގެ ބޭނުންތައް ފުރިހަމަކޮށްދީ އެ ރައްޔިތުންގެ ދުޅަހެޔޮކަމަށް ޟަރޫރީ ހުރިހާ ކަމެއް ފުރިހަމަވާނެ ކަމަށެވެ.

އުމުރުފުޅުން 80 އަހަރުގެ އޮބިއަން ހުވައިކުރެއްވި ރަސްމިއްޔާތު ފެށިގެން ދިޔައީ އަސްކަރީ ޕެރޭޑަކުންނެވެ. އެ ރަސްމިއްޔާތުގައި އެފުރިކާގެ ވެރިންނާއި އިކުއިޓޯރިއަލް ގިނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އޮބިއަންވަނީ ބޮޑެތި މަޝްރޫޢުތައް ހިންގަވައި ނިންމަވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި އެ ޤައުމުން ކޮރަޕްޝަން ނައްތާލައި ޤައުމުގެ އެއްބައިވަންތަކަން ކަށަވަރުކުރައްވާނެކަމުގެ ޔަގީންކަން އޭނާ ރައްޔިތުންނަށް ދެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ތަފާސްހިސާބުތަކުން ފެންނަނީ އޭނާގެ ރިޔާސަތަށް އެ ޤައުމުގެ ރައްޔިތުން އަބަދުވެސް ތާއީދުކުރާކަމެވެ. އޭނާ ވެރިކަމުގައި ހުންނަވާތާ މިއީ 43 ވަނަ އަހަރެވެ.

އިކުއިޓޯރިއަލް ގިނީގެ ރައީސްކަމަށް އޮބިއަން ވަޑައިގަތީ އޭނާގެ ކުރިން އެ ޤައުމުގެ ރައީސްކަމުގައި ހުންނެވި ފްރެންސިސްކޯ މަކިއަސް ޏުއެމާގެ ވެރިކަން ބަޣާވާތަކުން ވައްޓަވައިލެއްވުމަށްފަހުއެވެ. 2 މިލިއަނެއްހައި މީހުންގެ އާބާދީއެއް އޮތް ޤައުމުގެ ވެރިކަން މިފަހަރު އޭނާ ކާމިޔާބުކުރެއްވި 95 އިންސައްތަ އަޣުލަބިއްޔަތުންނެވެ.

އަދި އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު އޭނާގެ ޑިމޮކްރެޓިކް ޕާޓީ އޮފް އިކުއިޓޯރިއަލް ގިނީއިންވަނީ ސަރަހައްދީ ކައުންސިލުތަކުގެ ހުރިހާ ގޮނޑިއަކާއި ސެނެޓުގެ ހުރިހާ ގޮނޑިއެއްގެ އިތުރަށް ޗެމްބާ އޮފް ޑެޕިއުޓީސްގެ ހުރިހާ ގޮނޑިއެއްވެސް ކާމިޔާބުކުރައްވާފައެވެ.

ސަބް-ސަހަރަން އެފުރިކާގެ ޤައުމުތަކުގެ ތެރެއިން ތިންވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ އިކުއިޓޯރިއަލް ގިނީގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެނީ ފަޤީރުކަމުގެ ރޮނގަށްވުރެ ދަށް ހާލަތެއްގައިކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުތަކުން ބުނެއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފައިވާ ގޮތުގައި އިކުއިޓޯރިއަލް ގިނީއަކީ ދުނިޔެއާ އެންމެ އެކަހެރި، އެންމެ ޚުދުމުޚުތާރު ޤައުމުތަކުގެ ތެރޭގައި ގުނައިލެވޭ ޤައުމެކެވެ. އަދި ކޮރަޕްޝަނާއި ފަސާދައިގެ ސަބަބުން އެ ޤައުމުގެ ޚާރިޖީ ގުޅުންތައްވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

މި ލިއުމާއި ގުޅޭ