ކަރަންސީ ސްވޮޕްގެ ގޮތުގައި 200 މިލިއަން ޑޮލަރު ނުވަތަ 3.08 ބިލިއަން ރުފިޔާ އިންޑިއާއިން ހޯދުމަށް އިންޑިއާގެ މަރުކަޒީ ބޭންކު ރިޒާވް ބޭންކް އޮފް އިންޑިއާއާއި ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ކަރަންސީ ސްވޮޕްގެ ގޮތުގައި ނަގާ ފައިސާއަކީ ވަކި މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ ފައިސާއެވެ. އެގޮތަށް ފައިސާ ނަގާއިރު އިންޑިއާގެ ރިޒާވް ބޭންކުގައި ދިވެހި ރުފިޔާއިން ނަގާ މިންވަރު ބަހައްޓާނެއެވެ. އަނބުރާ ބޭރު ފައިސާއިން ދަރަނި އަދާކުރުމުން ދިވެހި ރުފިޔާއިން ބަހައްޓާ ފައިސާ އަނބުރާ ދޭނެއެވެ.
ސާކު ސަރަހައްދުގެ ޤައުމުތަކަށް ފައިސާ ދޫކުރުމަށް ކަރަންސީ ސްވޮޕް ފްރޭމްވޯކެއް ސާކުގައި ހަމަޖައްސާފައިވެއެވެ. މި ފުރޭމްވޯކުގެ ތެރެއިން މީގެ ކުރިންވެސް އިންޑިއާގެ މަރުކަޒީ ބޭންކާއި ރާއްޖޭގެ މަރުކަޒީ ބޭންކާ ދެމެދުގައި ކަރަންސީ ސްވޮޕް ހަދާފައިވެއެވެ.
މި އެއްބަސްވުން ހެދީ ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވުމާއެކު ރިޒާވްގެ ހާލަތު ރަނގަޅުކޮށް ދިވެހި ފައިސާގެ އަގު އެއް މިންގަނޑެއްގައި ހިފަހެއްޓުމާއެކު، ރާއްޖޭގައި ދައުރުކުރާ ބޭރު ފައިސާ އިތުރުކުރަންކަމަށް އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ކަރަންސީ ސުވޮޕަކީ އެހެން ދަރަންޏެކޭ އެއްފަދައިން އަނބުރާ ދައްކާއިރު އިންޓަރެސްޓު ރޭޓަކާއެކު ދައްކަންޖެހޭ ފައިސާ ކަމުގައިވާތީ 200 މިލިއަން ޑޮލަރު ނެގި ނަމަވެސް އެއަށްވުރެ ގިނައިން ފައިސާ ދައްކަންޖެހޭނެއެވެ. ނަމަވެސް މި ދަރަނީގެ އިންޓެރެސްޓު ރޭޓާއި ދަރަނި އަދާކުރަންޖެހޭ މުއްދަތު އެމްއެމްއޭއިން ހާމަނުކުރެއެވެ.
މީގެކުރިން 2019 ވަނަ އަހަރުވެސް އެމްއެމްއޭއިންވަނީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް އިންޑިއާގެ މަރުކަޒީ ބޭންކާއެކު ހަދާފައެވެ. އެ އެއްބަސްވުމުގެ ދަށުން ނެގި ފައިސާ އަނބުރާ އަދާކޮށް ޚަލާސްކުރީ ނިމުނު އަހަރުގެ ޑިސެންބަރުގައެވެ.
އިންޑިއާއިން ދަރަންޏަށް 200 މިލިއަން ޑޮލަރު ނަގާފައިވާއިރު ފާއިތުވި މަހުގެ ތެރޭގައި އިންޑިއާއިންވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް 100 މިލިއަން ޑޮލަރު ދަރަންޏަށް ދީފައެވެ. އެ ފައިސާ ދިނީ އެސްބީއައިއިން ޓްރެޝަރީ ބޮންޑު ގަނެގެންނެވެ.