Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މީޑިޔާ

ދައުލަތުގެ ބަޖެޓުން މީޑިއާއަށް ފައިސާ ހަމަޖައްސަން އެޑިޓާސް ގިލްޑުން އެދިއްޖެ

މީޑިއާއަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ދިވެހިރާއްޖޭގެ އެޑިޓާސް ގިލްޑުން އެދިއްޖެއެވެ.

އެޑިޓާސް ގިލްޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑިމޮކްރަސީގެ 4 ވަނަ ބާރަކީ މީޑިއާކަމަށްވާތީ ނުފޫޒުން މިނިވަންވެފައިވާ، މިނިވަންކަމާއެކު މަސައްކަތްކުރާ މީޑިއާއެއް އޮތުމަކީ ފޭރާންހެޔޮ ޒިންމާދާރު މުޖުތަމައަކަށް އެންމެ ރަނގަޅު ގޮތްކަމަށް ދެކޭ ކަމަށެވެ. އަދި އެމަގަށް މީޑިއާއަށް މަސައްކަތްކުރެވޭނީ މާލީ ނުފޫޒުތަކުން އެއްކިބާވެވިގެންކަމަށްވެސް އެޑިޓާސް ގިލްޑުގެ ބަޔާނުގައި ބުނެފައިވެއެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ ދައުލަތުގެ މުއައްސަސާތަކާއި، އިދާރާތަކާއި، ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކާއި މަސައްކަތްތަކުގެ ސާފު މައުލޫމާތު ރައްޔިތުންނަށް ގެނެސްދެނީ މީޑިއާއިން ކަމަށެވެ. އަދި ދުވަހުން ދުވަހަށް ރައްޔިތުން ކަންކަން ނިންމަން ބޭނުންވާ މައުލޫމާތު ފޯރުކޮށްދެނީވެސް މީޑިއާއިންކަން އެޑިޓާސް ގިލްޑުން ފާހަގަކުރެއެވެ.

މީޑިއާއިން ތެދު މައުލޫމާތު ފޯރުކޮށްނުދޭނަމަ، އަދި ވަކި ފަރާތަކަށް ބުރަވެ ޚަބަރުތައް ގެންނަނަމަ ރައްޔިތުން ކަންކަން ނިންމުމަށް ބޭނުންވާ ތެދު މައުލޫމާތު ނުލިބި، މަގު އޮޅޭނެކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އެއީ ހާމަކަންބޮޑު ގޮތަކަށް ދެފުށް ފެންނަ އުސޫލުން ޚަބަރާއި މައުލޫމާތު ފޯރުކޮށްދޭންޖެހޭ ސަބަބުކަމަށް އެ ޖަމްއިއްޔާއިން ފާހަގަކުރެއެވެ.

އަދި މިޑިއާއަށް ޒިންމާ އަދާނުކުރެވޭނެމަ ފަސާދައާއި ކޮރަޕްޝަން ދައުލަތުގައި އަށަގަނެ، ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް ފުރުސަތު ހުޅުވޭކަމަށާއި، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ހުންނަ ފައިސާ ބޭކާރުވާ ހާލަތު މެދުވެރިވާކަމަށްވެސް އެޑިޓާސް ގިލްޑުން ބުންޏެވެ.

މިނިވަންކޮށް މީޑިއާއަށް ހިންގޭނީ ދާއިމީކޮށް ފައިސާ ލިބޭނެ ހަމައެއް އޮވެގެން ކަމަށާއި، އެފަދަ އެއް އުސޫލަކީ މިހާރު ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލުން، މީޑިއަތަކަށްވެސް ބަޖެޓުން ވަކި މިންވަރެއް ހަމަޖެހުންކަމަށް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ.

އެ ޖަމްއިއްޔާއިން، ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި ސިޔާސީ ޕާޓީތަކަށް ގޮވާލާފައިވަނީ ދައުލަތުގެ ބަޖެޓުން މީޑިއާއަށް ފައިސާ ލިބޭނެ އުސޫލެއް ތައާރަފުކުރުމަށެވެ. އަދި އެކަން އެންމެ އަވަސް ފުރުސަތެއްގައި ތަނަވަސްކޮށްދިނުމަށް އެދިފައިވެއެވެ.

މި ލިއުމާއި ގުޅޭ