Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުނި މެނޭޖުކުރުން

ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތަށް ބިލު ތަސްދީގު ނުކުރަން ގޮވާލައިފި

ހުއްދަ ނަގައިގެން ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތަށް ހަދައި ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ނުކުރުމަށް ޖަމިއްޔާތަކުން ގޮވާލައިފި އެވެ.

ޒީރޯ ވޭސްޓް މޯލްޑިވްސް އާއި ސޭވްދަ ބީޗް އަދި ނޯ ޕްލާސްޓިކް މޯލްޑިވްސްގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް ހިމެނޭހެން 17 ޖަމިއްޔާއަކުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ކުނި މެނޭޖްކުރުމުގެ ބިލު ހަ މަސް ދުވަހު މަޖިލީހުގައި އޮތް އިރު އެފަދަ ބޮޑު މައްސަލައަކާ ގުޅިގެން އެއްވެސް ވަރަކަށް އާންމުންގެ ހިޔާލު ހޯދާފައި ނުވާ ކަމަށެވެ.

އެ އިސްލާހުގެ ސަބަބުން ކުނި މެނޭޖްކުރުމުގެ ނިޒާމު ރެގިއުލޭޓް ކުރުމަށް ގާނޫނީ ގޮތުން ވަރަށް ބޮޑަށް މަގުފަހިވެގެން ދިޔަ ނަމަވެސް ވޭސްޓް-ޓު-އެނާޖީގެ ދަށުން ހުއްދަ ނަގައިގެން ކުނި އެތެރެކުރެވޭ ގޮތަށް ބިލުގެ 44 ވަނަ މާއްދާ އިސްލާހު ކުރުމުން އެ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރި އެވެ.
މިދިޔަ މަހުގެ 28 ގައި މަޖިލީހުން ފާސްކުރި މެނޭޖު ކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގައިވާ ގޮތުން ކުނި މެނޭޖްކުރުމުގެ ލައިސަންސެއް ނުވަތަ މިނިސްޓްރީގެ ހުއްދަނެތި ވިޔަފާރި އުސޫލުން އެއްވެސް ބާވަތެއްގެ ކުނި އެތެރެކުރުން މަނާ ވާނެ އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހެޅިއިރު، އެއްވެސް ފަރާތަކުން ރާއްޖެއަށް ކުނި އެތެރެކުރުމަކީ މަނާކަމެއްގެ ގޮތުގައި އޮތީ ބަޔާންކޮށްފަ އެވެ. ކުނި އެތެރެކުރެވޭ ގޮތަށް ބަދަލު ގެނައީ ކޮމިޓީ މަރުހަލާގަ އެވެ.

ޖަމިއްޔާތަކުން ފާހަގަކުރި ގޮތުގައި އެ ބިލު ތަސްދީގުކޮށްފި ނަމަ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގެ "ކުނި ގޮނޑަކަށް" ރާއްޖެ ވެދާނެ އެވެ. ކުނި މެނޭޖްކުރުމަށް އެކަށީގެންވާ ސްޓްރެޓެޖީތަކާއި ވަސީލަތްތައް ނެތް ގައުމަކަށް ޕްލާސްޓިކް ކުނި އިމްޕޯޓް ކުރުމުގެ ސަބަބުން ކުނި މެނޭޖްކުރަން އިތުރަށް އުނދަގޫވެގެން ދާނެ ކަމަށް ވެސް އެ ޖަމިއްޔާތަކުން ބުންޏެވެ.

އެގޮތުން އޭޝިއާ، އެފްރިކާ އަދިއެމެރިކާއިން އެތެރެކުރާ ޕްލާސްޓިކް ކުނީގެ ނޭދެވޭ އަސަރުކޮށްފައިވާ ގައުމުތަކުން އެކަން ހުއްޓާލުމަށް މިހާރުވެސް ގޮވާލާފައިވާކަން ފާހަގަކުރި އެވެ.

"އިންޑޮނޭޝިއާގެ ބަންގުން އަދި ޓްރޮޕޯޑޯ ވިލެޖްތަކަކީ ޕްލާސްޓިކް ކުނި ގިނައިން އެތެރެކުރުމުގެ ނަތީޖާއެއްގެ ގޮތުން ނުރައްކާތެރި ކެމިކަލްތަކުން ތަގައްޔަރުވެފައިވާ އަވަށްތަކެކެވެ،" ބަޔާނުގައި ބުންޏެވެ.

އެހެންކަމުން ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތަށް ބިލު ތަސްދީގުކޮށްފިނަމަ އެތައް މައްސަލަތަކެއް ކުރިމަތިވާނެކަން ފާހަގަކޮށް އެގޮތަށް ބިލު ތަސްދީގު ނުކުރުމަށް އެ ޖަމިއްޔާތަކުން ސަރުކާރަށް ގޮވައިލި އެވެ.

މި ލިއުމާއި ގުޅޭ