މި އަހަރަށް އަހަރުގެ ބަހުގެ ގޮތުގައި އާންމުން އިޚުތިޔާރުކުރި ބަހަކީ "ގޮބްލިން މޯޑް"ކަމަށް އިނގިރޭސި ޑިކްޝަނަރީ ތައްޔާރުކުރާ އޮކްސްފޯޑް ޑިކްޝަނަރީސްއިން ބުނެފިއެވެ.
ޓުވިޓާއިން 2009 ވަނަ އަހަރު އެންމެ ފުރަތަމަ ފެންމަތިވެ ތިލަވާން ފެށި މި ބަހުގެ މަޤުބޫލުކަން އިތުރުވީ ކޮވިޑް-19 އާލަމީ ވަބާއަށްފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު ތަހައްމަލުކުރަމުންދާ ޝައްކާއި ޔަގީންކަމެއް ނެތުމުގެ ސަބަބުންނެވެ.
"އަހަރުމެން އެންމެ މި ތަޖުރިބާކުރި އަހަރަށް ބަލާއިރު ކުރިމަތިވި ކަންކަމުން ދަތިވެ އުދަގޫވެފައި ތިބި ގިނަ ބަޔަކަށް "ގޮބްލިން މޯޑް"އަކީ ގާތް އަދި އިހުސާސްތަކާ ގުޅިފައިވާ ފަސޭހައިން ހިތަށް ނަގައިގަނެވޭނެ ކަހަލަ ބަހެއް،" އޮކްސްފޯޑް ލޭންގުއޭޖްސްގެ ރައީސް ކެސްޕާ ގްރަތްވޯހްލް ވިދާޅުވިއެވެ.
މި ބަހުގެ މާނައަކީ މައާފަށް އެދުމެއް ނެތި، އާންމުކޮށް އިޖުތިމާއީ މިންގަނޑުތަކާއި ޤަބޫލުކުރުންތަކުން ބޭރުގައި، ދަހިވެތިވެ އަމިއްލަ އެދުން އިސްކޮށް މަވެތިވެގަތުމެވެ.
އަހަރުގެ ބަހެއް އިޚުތިޔާރުކުރުމުގެ ބޭނުމަކީ ފާއިތުވި 12 މަހު މީހުންގެ ވިސްނުމާއި އާންމު ޝުއޫރުތަކާއި މީހުން އެކަންކަމެއްގައި މަޝްޣޫލުކުރުވި ކަންކަން އެއް ބަހަކުން ފެންނާނެ ބަހެއް އިޚުތިޔާރުކުރުމެވެ.
އެހެން އަހަރުތަކާ ތަފާތުކޮށް އޮކްސްފޯޑު ލޭންގުއޭޖުގެ ބަހުގެ އިލްމުވެރިން އިޚުތިޔާރުކުރެއްވި ތިން ބަހެއްގެ ތެރެއިން އެއް ބަސް، އަހަރުގެ ބަހުގެ ގޮތުގައި ކަނޑައަޅާފައިވަނީ އާންމުންގެ މެދުގައި ނެގުނު ވޯޓަކަށް ފަހުއެވެ. ބަހުގެ އިލްމުވެރިން އިޚުތިޔާރުކުރެއްވި ތިން ބަހަކީ: ގޮބްލިން މޯޑް، މެޓަވާސް އަދި ISandWith ހޭޝްޓެގެވެ.
އޮންލައިންކޮށް މާގިނައިން ބޭނުންކުރާ ބަހަކަށް ނުވި ނަމަވެސް 340،000 ވޯޓުގެ 93 އިންސައްތަ އަޣުލަބިއްޔަތުން އަހަރުގެ ބަހަށް އިޚުތިޔާރުކުރެވުނީ "ގޮބްލިން މޯޑް"އެވެ.
މީގެ ހަފުތާއެއްހައި ދުވަސްކުރި ޑިކްޝަނަރީ ނެރޭ މެރިއަމް-ވެބްސްޓާއިންވަނީ އެ ޑިކުޝަނަރީގެ އަހަރުގެ ބަހުގެ ގޮތުގައި "ގޭސްލައިޓިން" އިޚުތިޔާރުކޮށްފައެވެ. އެބަހުގެ މާނައަކީ އެހެން މީހެއްގެ ޒާތީ ވިސްނުމާމެދު ސުވާލު އުފެދޭ ގޮތަކަށް އެމީހެއްގެ މައްޗަށް ނާޖާއިޒު ގޮތްތަކުން ނުފޫޒު ހިންގުމެވެ.