ތިލަމާލެ ބުރިޖު ހެދުމުގެ މަސައްކަތްކުރާ އެފްކޯންސް ކުންފުނިން ބޭނުންކުރަމުން އަންނަ ކެރޭނެއް ކަނޑަށް ވެއްޓުމާއި ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިކަމާއި ގުޅިގެން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިލަމާލެ ބްރިޖުގައި ހަރަކާތްތެރިވާ އިދާރާތަކުން މިހާރަށްވުރެ ދެފުށް ފެންނަ ގޮތަށް މަސައްކަތް ކުރަން ޖެހޭކަމަށާއި އެއީ 600 މިލިއަން ޑޮލަރުގެ ބޮޑު ދަރަންޏެއްކަމަށެވެ.
އެގޮތުން ސައީދު ވަނީ ކޮންޓްރެކްޓަރު މިމަސައްކަތުގައި ބޭނުންކުރަނީ ރަނގަޅު ޓެކްނޮލޮޖީއެއްކަން ޔަގީން ކުރެވިދާނެތޯ ސުވާލު އުފައްދަވާފައެވެ.
މީގެއިތުރުން ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދަނީ ތިން ވަނަ ފަރާތެއްގެ ސުޕަވިޒަންގެ ދަށުންތޯވެސް ސައީދު ވަނީ ސުވާލު އުފައްދަވާފައެވެ.
ތިލަމާލެ ބުރިޖު އެޅުމުގެ މަސައްކަތްކުރުމަށް އެފްކޯންސްއިން ޤާއިމުކޮށްފައިހުރި ޕްލެޓުފޯމެއްގައި ހަރުކޮށްފައި ހުރި ކެރޭނެއް ވެއްޓުނުކަން އަދި ކެރޭން ވެއްޓުނީ ކިހިނެއްވެގެންކަން އެ ކުންފުނިން ހާމަނުކުރެއެވެ.
ޕްލެޓުފޯމެއްގައި ހަރުކޮށްފައި ހުރި ކެރޭނެއް ވެއްޓިފައިވާއިރު ބްރިޖުގެ ޖިއޯ ޓެކްނިކަލް ސާވޭ އަށް ބޭނުންކުރާ ޕްލެޓްފޯމެއްވެސް މިދިޔަ އޮގަސްޓް 16 ގައި ވިލިމާލެ ފަރަށް އަޜާފައިވެއެވެ. ބްރިޖްގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުންޏަށް އެ ޕްލެޓްފޯމް ފުންކުރެވުނީ އޭގެ 12 ދުވަސް ފަހުންނެވެ. އެ މައްސަލާގައި އެފްކޮން 69 މިލިއަން ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައިވެއެވެ. ނަމަވެސް އެ ފައިސާ އަދި ނުދައްކައެވެ.