Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖަރުމަނުވިލާތް

ޖަރުމަންވިލާތަށް ގެންނަން އުޅުނު ބަޣާވާތެއް ހުއްޓުވައިފި

ޔޫރަޕުގެ އެންމެ ބޮޑު އިޤްތިސާދު ކަމަށްވާ ޖަރުމަންވިލާތުގައި ބަޣާވާތެއްކޮށް ވެރިކަން ބަދަލުކުރުން އުޅުނު ބަޔަކު އެ ޤައުމުގެ ފުލުހުން ހުއްޓުވައިފިއެވެ.

ޖަރުމަންގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި 3000 އަށްވުރެ ގިނަ ފުލުހުން މިއަދު ޖަރުމަނުގެ އެކި ސްޓޭޓުތަކުގައި އެއްފަހަރާ ހިންގި އޮޕަރޭޝަނެއްގައި 25 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެމީހުން ނިސްބަތްވަނީ ޖަރުމަނުގެ ކަނާތުފިޔައިގެ ހަރުކަށި ޖަމާއަތެއް ކަމަށްވާ ޜައިޚް ސިޓިޒެންސްއަށް ކަމަށް ޖަރުމަނުގެ ފުލުހުން ބުނެފައިވެއެވެ. ޖުމްލަ 52 މީހުން މި އޮޕަރޭޝަނުގައި ހައްޔަރުކުރުމަށް ހަމަޖެހިފައިވާއިރު މިހާތަނަށް ހައްޔަރުކުރި އެންމެންނަކީވެސް ޖަރުމަން ރައްޔިތުންނެވެ.

މި ބަޣާވާތް ގެންނަން އުޅުނީ ޖަރުމަނުގެ ސިފައިންގެ ތެރެއިން ބަޔަކާއި ގުޅިގެން ގަދަބާރުން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ވަދެ މީހުންތަކެއް މަރައި ހަމަނުޖެހުުން ހިންގައިކަމަށްވެއެވެ. ޖަރުމަނުގެ ފުލުހުން ހިންގި އޮޕަރޭޝަނުގައި ޖަރުމަނުގެ ސިފައިން ސްޕެޝަލް ފޯސެސް ޔުނިޓުގެ ބެރެކްސްވެސް ބަލާ ފާސްކޮށްފައިވެއެވެ. އެ ޔުނިޓުގެ ސިފައިންނަކީ މީގެ ކުރިންވެސް ކަނާތުފިޔައިގެ ފިކުރުތަކަށް ތާއީދުކުރާ ކަމަށް ތުހުމަތުކުރެވިފައިވާ ފަރާތްތަކެވެ.

މި މައްސަލައާއި ގުޅިގެން އޮސްޓްރިއާ އަދި އިޓަލީންވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޖަރުމަން ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން ޖަރުމަން ފުލުހުން ބުނެފައިވާ ގޮތުގައި މި ބަޣާވާތް ގެނައުމުގައި އިސްކޮށްތިބީ ހެއިންރިޙް އަދި ރުޑިގާ ނަމަކަށް ކިޔާ ދެމީހުންނެވެ. މީގެތެރެއިން ހެއިންރިޙް އަކީ ޖަރުމަނުގެ ޝާހީ އާއިލާއެއްގެ މެމްބަރެކެވެ. އަދި ރުޑިގާ އަކީ އެ ޤައުމުގެ އަސްކަރިއްޔާގައި ކުރިން އުޅުނު މީހެކެވެ. ބަޣާވާތް ގެންނަން އުޅުނު މީހުން މަސައްކަތް ކުރީ ޖަރުމަނުގެ ޤާނޫނީ ސަރުކާރު ވައްޓާލުމަށްފަހު އެ ޤައުމުގެ ވެރިކަމަށް ހެއިންރިޙް ގެނައުމަށެވެ. އަދި ހެއިންރިޙް އަށް މިކަމުގައި ރަޝިޔާ އަންހެނަކު އެހީތެރިވިކަމަށް ޖަރުމަނު ފުލުހުން ތުހުމަތު ކުރެއެވެ.

މި މައްސަލައާއި ގުޅިގެން ޖަރުމަނު ފުލުހުން ހިންގަމުންދާ އޮޕަރޭޝަން އަދިވެސް ކުރިއަށްދާއިރު އިތުރު މީހުން ހައްޔަރު ކުރާނެ ކަމަށްބެލެވެއެވެ.

މި ލިއުމާއި ގުޅޭ