Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

ޝަރީފާ ދެކޮޅަށް ރައީސް ނަޝީދު ހުށަހެޅުއްވި އަބުރުގެ މައްސަލަ ކޯޓުގައި ރަޖިސްޓަރީކޮށްފި

ފަންސާސް މީހުން ޤަތުލުކޮށް އެކަން ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ އިސްތަށިފުޅުގައި އަޅުއްވަން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރު ރައީސް، ރައީސް މުޙައްމަދު ނަޝީދު ރޭއްވެވިކަމަށް ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާ ދެކޮޅަށް ނަޝީދު މަދަނީ ކޯޓުގައި ކުރައްވާ އަބުރުގެ ދައުވާ އެ ކޯޓަށް ބަލައިގަނެ މައްސަލަ ރަޖިސްޓާކޮށްފިއެވެ.

މި މައްސަލައާ ގުޅިގެންރައީސް ނަޝީދުގެ ވަކީލުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ގަތުލު އާންމެއް ހިންގަން އުޅުނުކަމަށް ބުނެ މެންބަރު ޝަރީފް، މިމަހުގެ 25 ވަނަ ދުވަހު ޝާއިއުކޮށްފައިވާ ޓްވީޓެއްގައި، ރައީސް ނަޝީދުގެ އަބުރާ ބެހި، އަބުރަށް ގެއްލުން ލިބޭގޮތަށް ވާހަކަ ދައްކާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެހެންކަމުން މެންބަރު ޝަރީފުގެ ކިބައިން، އަބުރާ ބެހުމުގެ އަމަލެއް ހިންގާފައިވާކަމަށް ކަނޑައަޅައިދެއްވައި، އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު އެ ފަރާތުގެ ކިބައިން ނަގައިދިނުމަށް އެދި މިއަދު ސިވިލް ކޯޓުގައި ދައުވާ އުފުލައިފާ ކަމަށެވެ.

ވަކީލުން ބުނިގޮތުގައި ރައީސް ނަޝީދުގެ ކިބައިން ކޯޓުގައި އެދިފައިވަނީ އެމަނިކުފާނަށް ނިސްބަތްކޮށް ޝަރީފްގެ ޓްވީޓުގައި ލިޔެފައިވާ ދޮގުތަކުގެ ސަބަބުން، އެމަނިކުފާނަށް ލިބިވަޑައިގަނެފައިވާ މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 10,000,000 ރުފިޔާ ނަގައިދިނުމަށެވެ.

މެންބަރު ޝަރީފު ތުހުމަތުކުރެއްވީ ފަންސާސް މީހަކު މަރައިލާ އެކަން ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ އިސްތަށިފުޅުގައި އަޅުއްވަން ރައީސް ނަޝީދު ރޭއްވެވިކަމަށެވެ. ޝަރީފު މިފަދައިން ވިދާޅުވީ ހަސަން ކުރުސީ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓަކުން ޝަރީފަކީ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ސެކްރެޓޭރިއެޓުގައި މަސައްކަތްކުރި އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކޮށްގެން އެމްޑީޕީން ވަކިކުރި ބޭފުޅެއްކަމަށް ބުނެ ކުރި ޓުވީޓަކަށް ރައްދުދެއްވަމުންނެވެ.

ޝަރީފު ވިދާޅުވި ގޮތުގައި އޭނާއަށް ޔަޤީންވެވަޑައިގަންނަވާ ގޮތުގައި ހަސަން ކުރުސީގެ ނަމުގައި ޓުވިޓާގައި ހަރަކާތްތެރިވަނީ ރައީސް ނަޝީދެވެ. ނަމަވެސް ނަޝީދުވަނީ އެ އެކައުންޓަކީ އެމަނިކުފާނު ބޭނުންކުރައްވާ އެކައުންޓެއް ނޫންކަމަށް އަދި ޓުވިޓާގައި އުޅޭ ހަސަން ކުރުސީއަކީ އެމަނިކުފާނު ނޫންކަމަށް ކުރިން ވިދާޅުވެފައެވެ.

ޝަރީފު ވިދާޅުވި ގޮތުގައި ރައީސް މައުމޫނުގެ ވެރިކަން ވައްޓައިލުމަށް ފަންސާސް މީހަކު މަރާލައި އެ މީހުންގެ މަރުތައް ރައީސް މައުމޫނުގެ އިސްތަށިފުޅުގައި އަޅުއްވަން ނަޝީދު ރޭއްވެވިއެވެ. ނަމަވެސް އެ އަނިޔާވެރި އަމަލު ހުއްޓުވަން އެމްޑީޕީގެ އެއިރުގެ ޕާލިމަންޓަރީ ގުރޫޕުން ޤަރާރެއް ފާސްކުރިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި އެ ޤަރާރު ފާސްކޮށް ނަޝީދުގެ ރޭއްވެވުން ހުއްޓުވައިދެއްވަން ބޭރުގެ ބައެއް ލީޑަރުން އަރިހުން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން އެދުމުން އެ ބޭފުޅުން ތަދައްޚުލުވެވަޑައިގެން ނަޝީދުގެ އެ މަސައްކަތް ހުއްޓުމަކަށް ގެންނެވިކަމަށް ޝަރީފު ވިދާޅުވިއެވެ.

އެ ޤަރާރު ފާސްކުރީ އެއިރު އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގައި ތިއްބެވި ހުރިހާ މެންބަރުންގެ ސޮޔާއެކުކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވި ގޮތުގައި އެއިރު އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރަކީ ރައީސް އޮފީހުގެ ވަޒީރުކަމުގައި މިހާރު ހުންނެވި މުޙައްމަދު ޝިހާބެވެ. އެހެންނަމަވެސް ޝިހާބު ނެތުމުން ބޭރުގެ ލީޑަރުންނަށް ޕާލިމަންޓަރީ ގުރޫޕުން ފޮނުވި ސިޓީތަކުގައި ސޮއިކުރެއްވީ ސީދާ އޭނާކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ