އަންނަ ހުކުރުދުވަހު ބާއްވަން ރާވާފައިވާ ޓެންޒޭނިއާގެ މިނިވަންދުވަހުގެ އިހުތިފާލުތައް ނުބާއްވަން ނިންމަވައި އެކަމަށް ޚާއްޞަ ކުރި ފައިސާ ޚާއްޞަ އެހީއަށް ބޭނުންވާ ކުޑަކުދިން ދިރިއުޅޭނެ ތަންތަން ބިނާކުރަން ބޭނުންކުރުމަށް އެ ޤައުމުގެ ރައީސް ސާމިއާ ސުލޫހޫ ހަސަން ނިންމަވައިފިއެވެ.
ޓެންޒޭނިއާގެ 61 ވަނަ މިނިވަންދުވަހުގެ އިހުތިފާލުތަކަށް 445،000 އެމެރިކާ ޑޮލަރު ޚަރަދުކުރުމަށް ކުރިން ނިންމާފައިވީ ނަމަވެސް އެ ޤައުމުގެ އެކި ސަރަހައްދުގައި ހުރި 8 ސުކޫލެއްގައި ޑޯމިޓޮރީތައް އެޅުމަށް އެ ފައިސާ ހޭދަކުރަން މިހާރުވަނީ ނިންމާފައެވެ.
ޓެންޒޭނިއާގެ ސްޓޭޓް މިނިސްޓަރެއްކަމުގައިވާ ޖޯޖް ސިމްބަޗަވީން ހޯމަދުވަހުގައި ވިދާޅުވެފައިވަނީ މިހާރު އެ ފައިސާ ސުކޫލުތަކަށް ދޫކޮށްފައިވާ ކަމަށެވެ.
އަދި މިނިވަންދުވަސް ފާހަގަކުރުމަށް ޕެރޭޑުތަކާއި އެހެނިހެން ހަފުލާތައް ބޭއްވުމުގެ ބަދަލުގައި އިރުމަތީ އެފުރިކާގައި އޮންނަ ޓެންޒޭނިއާއިން މިފަހަރު ކުރަން ހަމެޖެހިފައިވާ ކަމަކީ ތަރައްޤީއާއި ކުރިއެރުމާ ގުޅޭ ގޮތުން އާންމު ހުޅުވާލެވިފައިވާ މަޝްވަރާތަކެއް ބޭއްވުން ކަމަށްވެސް ސިމްބަޗަވީން ވިދާޅުވިއެވެ.
މި ބަހުސްތަކާއި މަޝްވަރާތަކުގެ ކުރިން އެކި ސަރަހައްދުތަކުގެ ވެރިންނާއި އިސްވާރުން ނިކުމެވަޑައިގެން ތަފާތު އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ހޮސްޕިޓާތަކާއި ސުކޫލުތަކާއި ދުވަސްވީ މީހުން ބަލަހައްޓާ ތަންތަން ސާފުކުރެއްވުން އޮންނާނެއެވެ.
މިއީ ޓެންޒޭނިއާގައި މިނިވަންދުވަހުގެ އިހުތިފާލުތައް ކެންސަލްކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އެ ޤައުމުގެ ކުރީގެ ރައީސް ޖޯން މަގުފޫލީވަނީ 2015 ވަނަ އަހަރުގައި މިނިވަންދުވަހުގެ އިހުތިފާލުތައް ކެންސަލްކުރައްވައި އެ ފައިސާ އެ ޤައުމުގެ ވިޔަފާރީގެ ވެރިރަށް ދާރުއްސަލާމުގެ މަގެއް ހެދުމަށް ބޭނުންކުރަން ނިންމަވާފައެވެ.
އަދި 2020 ވަނަ އަހަރުވެސް އެ އިހުތިފާލުތައް ނުބާއްވަވައި އެ ފައިސާވަނީ ސިއްހީ ވަސީލަތްތައް ގަތުމަށް ބޭނުންކުރައްވާފައެވެ.
ޓެންޒޭނިއާގެ މިހާރުގެ ރައީސަކީ އެ ޤައުމުގެ ފުރަތަމަ އަންހެން ރައީސެވެ. އޭނާވަނީ ކުރިން އދގެ ވޯލްޑް ފުޑް ޕްރޮގުރާމުގައި މަސައްކަތްކުރައްވާފައެވެ. އަދި ޔޫތު އެމްޕްލޯއިމެންޓް ވިމެން އެންޑް ޗިލްރެން މިނިސްޓަރުކަންވެސް ކުރިން ކުރެއްވިއެވެ.