ތައިލޭންޑުގައި އޮތް ފެޝަން ޝޯއެއް ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ތައިލޭންޑަށް ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ތައި ސިލްކް ފެޝަން ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ވަނީ އިއްޔެ ބައިވެރިވެވަޑައިގެންފައެވެ. އެ ރަސްމިއްޔާތު އޮތީ ތައިލެންޑްގެ ބެންކޮކްގެ ރޯޔަލް ޕެރަގަން ހޯލްގައެވެ.
ޑިސެމްބަރު 6 އިން 11 އަށް ކުރިއަށް ދާ މި ފެޝަން ވީކުގައި ފަޒުނާ ބައިވެރިވެވަޑައިގެންފައިވަނީ އެސޯސިއޭޝަން އޮފް ތައި ސިލްކް އެންޑް ކަލްޗަރ ޕްރޮމޯޝަންސްގެ ދައުވަތަކަށް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ސަރުކާރުގެ ބަޖެޓު ހުސްވެ އިތުރަށް 5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކޮށްގެން މިހާރު ހަރަދުކުރަމުން ދާއިރުވެސް ދައުލަތުގެ އިސްވެރިން ބޭކާރު ހަރަދުކުރުން ހުއްޓާނުލައްވައެވެ. މެޑަމް ފަޒުނާ ބެންކޮކަށް ކުރައްވާ ދަތުރުފުޅަށްވެސް މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.
ރައީސް ސޯލިހާއި ފަސްޓް ލޭޑީ ފަޒްނާ ވަނީ ވެރިކަމަށް ވަޑައިގަތްފަހުން ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކުރައްވާފައެވެ. ރައީސް ސޯލިހް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ދަތުރުކުރެއްވުމަކީ އެމަނިކުފާނު ވަރަށް ކުރާހިތްވާ ކަމެކެވެ.