Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޒްރޭލު

އިސްރާއީލު ސިފައިން ނާބުލުސްއަށް ވަދެގަނެ ހުޅަނގު އައްސޭރިން ގިނަ ބަޔަކު ހައްޔަރުކުރަން ފަށައިފި

އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ނާބުލުސްގެ ތެރެއަށް އިސްރާއީލު ސިފައިން ވަދެގަނެ މީހުން ހައްޔަރުކުރަން ފަށާފައިވާކަމަށް އެ ސަރަހައްދުގައި ތިބި އަލްޖަޒީރާގެ މުރާސިލުންނާ ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފިއެވެ.

އަލްޖަޒީރާގެ މުރާސިލު ބުނި ގޮތުގައި ނާބުލުސްގެ ދުވަސްވީ ސަރަހައްދަކަށް އިސްރާއީލު ސިފައިން ވަދެގަތް ވަގުތު އެ ސަރަހައްދުން އެއްޗެހެތަކެއް ގޮވި އަޑާއި ބަޑިޖެހި އަޑު އިވިފައިވެއެވެ. ފާއިތުވި ހަފުތާތަކުގައި ހުޅަނގު އައްސޭރީގެ ގިނަ ޝަހަރުތަކަށް އިސްރާއީލު ސިފައިން ވަދެގަނެ ހަމަނުޖެހުންތައް ހިންގާފައިވެއެވެ.

ނާބުލުސްގެ ޤަދީމީ ސަރަހައްދަކަށް އިސްރާއީލު ސިފައިން އަރާގަނެފައިވާއިރު، މިއަދު ހެނދުނު އިސްރާއީލު ސިފައިންވަނީ ރާމުﷲއާއި ޤުދުސާއި ބައިތު ލަޙުމާއި، އަލްޚަލީލުގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ފަލަސްޠީނު ޒުވާނުން ހައްޔަރުކޮށްފައެވެ.

ރާމުﷲގެ ބަލްދަތުއް ނަބިއްޔު ނަމަކަށް ކިޔާ ސަރަހައްދު ކައިރިން އިސްރާއީލު ސިފައިންނަށް ބަޔަކު ބަޑިން ހަމަލާދިންކަމަށް އިސްރާއީލު ސިފައިންނާ ހަވާލާދީ ވަކާލަތު އަންބާއުލް ފަލަސްޠީނިއްޔާއިން ރިޕޯޓުކޮށްފައިވެއެވެ. އެ ނޫހުން ރިޕޯޓުކުރި ގޮތުގައި އެ ހަމަލާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވެއެވެ.

ނާބުލުސްއާއި ޖަނީނަށް ސަމާލުކަމެއް ދީގެން އިސްރާއީލުން ހައްޔަރުކުރަން ބޭނުންވާ ބައެއް މީހުން ހޯދައި ހައްޔަރުކުރުމުގެ ނަމުގައި އިސްރާއީލު ސިފައިންނާއި ފުލުހުން ގުޅިގެން އޮޕަރޭޝަންތަކެއް ހިންގާތާ މިހާރު މަހެއްހައި ދުވަސްވެއްޖެއެވެ.

މި އަހަރު ފެށުނުފަހުން އިސްރާއީލު ސިފައިންގެ ޝިކާރައަށްވެ ޝަހީދުވީ ފަލަސްޠީނު ރައްޔިތުންގެ އަދަދުވަނީ 215 އަށް އަރާފައެވެ. އެއިން 159 މީހުންނަކީ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުން ޝަހީދުވި މީހުންނެވެ. އަދި ޣައްޒާއިން 52 މީހަކު ޝަހީދުކޮށްފައިވެއެވެ. 1948 ގައި އިސްރާއީލުން އިސްތިއުމާރުކުރި ފަލަސްޠީނުގެ ބިންތަކުގައި 4 މީހަކު ޝަހީދުކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ