މޮރޮކޯއަށް ނިސްބަތްވެވަޑައިގަންނަވާ ޙަދީސް ޢިލްމުގެ ބޮޑު ޢިލްމުވެރިއެއް ކަމުގައިވާ ޢަބްދުއްރަޙްމާން ބިން ޢަބްދުލްޙައްޔަ އަލްކައްތާނީ އަވަހާރަވެއްޖެއެވެ.
އަލްކައްތާނީ އަވަހާރަވިއިރު އޭނާގެ އުމުރުފުޅަކީ 107 އަހަރެވެ. އޭނާއަކީ މި ޒަމާނުގެ ޙަދީސް ޢިލްމުވެރިންގެ ތެރެއިން އެންމެ މަތީ ފަންތީގެ ސަނަދަކުން ޙަދީސް ރިވާކުރައްވާ އެއް ރާވީއެވެ. އޭނާއަކީ ޞަޙީޙުލް ބުޚާރީގެ ޙަދީސްތައް އިމާމް ބުޚާރީއާ ހަމައަށް އެންމެ ކުރު ސަނަދުން ރިވާކުރައްވާ އެއް ރާވީއެވެ. އޭނާއާއި އިމާމް ބުޚާރީގެ މެދުގައި ތިއްބަވަނީ 18 ރާވީންނެވެ.
އަލްކައްތާނީއަކީ މަޣުރިބުގެ އެންމެ މަޝްހޫރު ޙަދީސް ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. ފަހުގެ ގިނަ ޢިލްމުވެރިންތަކެއް އޭނާ އަރިހުން ޙަދީސް އުނގެނިވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި ޕާކިސްތާނުގެ މަޝްހޫރު ޢިލްމުވެރިޔާ މުޙައްމަދު ތަޤީ އަލްޢުޘްމާނީ ފަދަ ޢިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ.
ޙަދީސް ޢިލްމުވެރިއަކަށް ވެވަޑައިގަތުމުގެ އިތުރަށް އަލްކައްތާނީއަކީ މެޑިކަލް ޑޮކްޓަރެކެވެ. އޭނާއަކީ މެޑިކަލް ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ވިހެއުމާއި އަންހެނުންގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރެއްވެސްމެއެވެ.
އޭގެ އިތުރަށް އޭނާއަކީ އިސްލާމީ ދައުވަތަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ޢިލްމުވެރިއެކެވެ. އެގޮތުން އިސްލާމްދީނާ ގުޅުންހުރި އެކި ދާއިރާތަކުން ފޮތްތައް ލިޔުއްވާފައިވެއެވެ. އޭނާގެ ފޮތްތައް ފާހަގަވެފައިވަނީ ޢަރަބި ބަހުގެ އެންމެ ބަލާޣާތްތެރި ލަފްޒުތަކުން ލިޔެވިފައިވާ ފަސާހާތްތެރިކަމުގެ ނަމޫނާ ފެންނަ ފޮތްތަކެއްގެ ގޮތުގައެވެ.
އޭނާ އަވަހާރަވުމާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގެ އިލްމުވެރިން އޭނާގެ އާއިލާއަށާއި މަޣުރިބުގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާފައިވެއެވެ.