Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ހައްޔަރުކުރި މީހަކު ބިޑި އަޅުވައި، މާސްކަކުން މޫނު ނިވައިކޮށް، ގަޑިއިރެއް ބިންމަތީ ބޭއްވިކަމުގެ ތުހުމަތު

ވައްކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހަކު ފުރަގަހަށް ބިޑިއަޅުވައި މޫނުގައި މާސްކެއް އަޅުވައި، ގަޑިއިރެއް ވަންދެން ބިންމަތީގައި ފުލުހުން ބޭއްވިކަމަށް އޭނާ ތުހުމަތުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ އުމުރުން 36 އަހަރުގެ މީހާއަށް ފުލުހުން ތުހުމަތުކުރަނީ އިތުރު ދެ މީހަކާ ބައިވެގެން ވައްކަމެއް ކުރަން ރާވައި، އެކަން ތަންފީޒުކުރި ބައެއްކަމަށެވެ. އަދި ފުލުހުންނަށް އެ މައުލޫމާތު ލިބުނީ އެމީހުންގެ ފޮޓޯއާއެކު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ނަމަވެސް އެމީހާ ބުނި ގޮތުގައި ވައްކަން ރޭވުމުގައި އޭނާއާއެކު ބައިވެރިވިކަމަށް ފުލުހުން ބުނެފައިވާ މީހުންނަކީ އޭނާ ދުއްވި ކާރުގައި ހުޅުމާލޭ ފޭސް-2 އިން ދަނިކޮށް، ދަތުރެއް ނަގައިގެން ކާރަށް އެރި ދެ މީހުންނެވެ.

ވައްކަން ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓުން ފެންނަނީ އެ ސަރަހައްދުގައި ދެ މީހަކު ހަރަކާތްތެރިވާ މަންޒަރުކަމަށް އޭނާ ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން ނެރުނު އަމުރުގައި ފާހަގަކުރިއެވެ.

ފުލުހުން ހުއްޓުވި ކާރުގެ ޑިކީ ތެރެއިން ވަގަށް ނެގި ބައެއް ތަކެތި ފެނިފައިވާއިރު އެމީހާ ބުނެފައިވަނީ އެއްވެސް ފަރާތަކުން ކާރުގެ ޑިކީއަށް އެއްވެސް އެއްޗެއް އަރުވާފައިނުވާ ކަމަށެވެ. ނަމަވެސް ވައްކަންކުރި އޮފީހުގެ ވެރިފަރާތުން ދިން ސިޓީއަށް ބަލާއިރު ކާރުގެ ޑިކީއިން ފެނުނު ތަކެތީގެ ތެރޭގައި އެ އޮފީހަށް ނިސްބަތްވާ ތަކެތިހުރިކަން އެނގޭކަމަށް ކޯޓު އަމަރުގައި ބުނެފައިވެއެވެ.

އެމީހަކީ ކުރިން ކުށުގެ ރެކޯޑެއް އޮތް ފަރާތެއް ނޫނެވެ. އޭނާ ބުނެފައިވަނީ އޭނާއަކީ ޑުރައިވަރެއްގެ ވަޒީފާ އަދާކުރާ މީހެއްކަމަށާއި، ގިނަ ދަރިންގެ ޒިންމާ އުފުލަމުން އަންނަ މީހެއްކަމަށާއި، އެކަންކަމަށް ރިއާޔަތްކޮށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްދިނުމަށް އޭނާ ކޯޓުގައި އެދުނެވެ.

ނަމަވެސް އޭނާގެ ވާހަކަތަކާއި ފުލުހުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށް ކޯޓުން ނިންމާފައިވަނީ އޭނާ 10 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބަހައްޓާށެވެ.

މި ލިއުމާއި ގުޅޭ