ރަޝިޔާގެ ފުނަށް ވަދެ ހަމަލާދިނުމުގެ ޤާބިލުކަން ލިބިފައިވާކަން ދައްކުވައިލުމުގެ ގޮތުން ރަޝިޔާގެ ދެ އެއާ ފީލްޑަކަށް ޔޫކުރެއިނުން ޑުރޯނު ބޭނުންކޮށްގެން ހަމަލާދިންތާ އެއް ދުވަސް ފަހުން އަނެއްކާވެސް ރަޝިޔާގެ އެއާ ފީލްޑަކަށް ޔޫކުރެއިނުން ޑުރޯން ހަމަލާތަކެއް ދީފިއެވެ.
ޔޫކުރެއިނާއި ރަޝިޔާ އިންވާ ބޯޑަރާ 90 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ކުރްސްކުގެ މަސްއޫލުވެރިއެއްވަނީ އަންގާރަދުވަހު ޔޫކުރެއިނުގެ ޑުރޯންތަކުން ދިން ހަމަލާގައި ރަޝިޔާގެ އެއާފީލްޑެއްގައި އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުކުރައްވާފައެވެ. އެ ޝަހަރުގެ ގަވަރުނަރު ވިދާޅުވި ގޮތުގައި ތެޔޮ ރައްކާކޮށްފައި ހުރި ތާނގީއެއްގައި އަލިފާން ރޯވި ނަމަވެސް އެ ހަމަލާގައި އެއްވެސް މީހަކު މަރުވެފައިނުވާ ކަމަށެވެ.
ހޯމަދުވަހު ރަޝިޔާއިން ބުނެފައިވަނީ ޔޫކުރެއިނާ އެތައް ސަތޭކަ ކިލޯމީޓަރެއް ދުރުގައި އޮންނަ އެންގެލްސް އެއާބޭސްއަށް ސޯވިއެޓް ޒަމާނުގެ ޑްރޯންތައް ބޭނުންކޮށްގެން ޔޫކުރެއިނުން ހަމަލާދީފައިވާ ކަމަށެވެ. އަދި މޮސްކޯއަށް ގަޑިއިރުތަކެއް ތެރޭގައި ކާރުން ދަތުރުކޮށްފައިދެވޭ ހިސާބުގައި އޮންނަ ރިޔާޒަން އެއާ ބޭސްއަށްވެސް ހަމަލާދީފައިވާ ކަމަށެވެ.
މި ހަމަލާތަކުގެ ޒިންމާ ޔޫކުރެއިނުން ސީދާ ނުނެގި ނަމަވެސް އެ ޤައުމުންވަނީ އެ ހަމަލާތަކާ ގުޅިގެން އުފާ ފައުޅުކޮށް އިހުތިފާލުކޮށްފައެވެ.
އަންގާރަދުވަހުގެ ވަގުތެއްގައި އެންގެލްސް އެއާބޭސް ވަށައިގެން ހުރި ސަރަހައްދުތަކުން ސައިރެންގެ އަޑު އިވުނުކަމަށް އެންގެލްސް ޑިސްޓުރިކްޓުގެ ފަސްޓު ޑެޕިއުޓީ ޔެގެންވީ ޝްޕްލޮސްކީއާ ހަވާލާދީ ރަޝިޔާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.
އެމެރިކާގެ ޚާރިޖީވަޒީރު އެންޓޮނީ ބްލިންކެން ވިދާޅުވެފައިވަނީ ޔޫކުރެއިނުން އެ ޤައުމު ދިފާއުކުރަން ބޭނުންވާ ހަތިޔާރު ފޯރުކޮށްދެމުން އެމެރިކާއިން ގެންދާނެ ކަމަށެވެ. ނަމަވެސް ރަޝިޔާގެ އެތެރެއަށް ހަމަލާދިނުމަށް ޔޫކުރެއިނަށް ހިތްވަރުދީ މަދަދުވެރިވެފައިނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރްޔާޒަނަށް ދިން ހަމަލާގައި ރަޝިޔާގެ ސިފައިންގެ ތިން މީހަކު މަރުވެފައިވާކަމަށް އެ ޤައުމުން ބުނެފައިވެއެވެ. ރަޝިޔާއިން ސިފަކުރި ގޮތުގައި މި ހަމަލާތަކަކީ ނިރުބަވެރި ހަމަލާތަކެކެވެ. އަދި އެ ހަމަލާތަކަކުގެ އަމާޒަކީ ދުރު ރާސްތާ ހަމަލާތައް ދިނުމަށް އެ ޤައުމުން ބޭނުންކުރާ އެއާކުރާފްޓުތައް ހުއްޓުވުމެވެ.
މި ހަމަލާތަކާ ގުޅިގެން ސުވާލުކުރުމުން ސަމާސާ ގޮތަކަށް ޔޫކުރެއިނުގެ ދިފާއީ ވަޒީރު އޮލެސްކީ ރެޒްނިކޯވް ވިދާޅުވީ ވަރަށް ގިނައިް ރަޝިޔާ މީހުން ސިނގެރެޓު ބުއިން މަނާ ތަންތަނުގައި ސިނގެރެޓު ބޮއެހަދާ ކަމަށެވެ. ހަމަލާތަކުގެ ޒިންމާ ޔޫކުރެއިނުން މިހާތަނަށް ނަގާފައިނުވެއެވެ.