Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޯލްޑް ކަޕް

ރޮނާލްޑޯ ނުލައި ހަ ގޯލު ޖަހައި ޕޯޗުގަލް ކުއާޓާ އަށް

ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ރޭ ގޮންޒާލޯ ރާމޯސްގެ ހެޓްރިކާ އެކު 1-6 އިން ސްވިޒަލެންޑް ބަލިކޮށް ޕޯޗުގަލް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މެޗުގެ ފުރަތަމަ އެގާރައިގައި ބެންފީކާގެ 21 އަހަރުގެ ފޯވާޑް، ރާމޯސް ހިމެނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގަ އެވެ. ރާމޯސްގެ ހެޓްރިކަކީ މިފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ހެޓްރިކެވެ. ވޯލްޑް ކަޕްގެ މެޗެއްގެ ފުރަތަމަ އެގާރައިގައި ހިމެނުނު ފުރަތަމަ މެޗުގައި މީގެ ކުރިން ހެޓްރިކް ހެދީ 2002 ވަނަ އަހަރު ޖަރުމަނުގެ މިރޮސްލާވް ކްލޯސާ އެވެ.

ރާމޯސް ހެޓްރިކް ހެދުމާ އެކު މުޅި ދުނިޔޭގެ ސަމާލުކަން އޭނާ އަށް ވަނީ ލިބިފަ އެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އޭނާ ގެންދަން ޕީއެސްޖީ އިން މަސައްކަތްކުރި އެވެ.

މިރޭގެ މެޗު ފަށައިގެން 17 ވަނަ މިނެޓުގައި ރާމޯސް ވަނީ ގޯލު ހުޅުވައިދީފަ އެވެ. ޔާއޯ ފީލިކްސް ދިން ބޯޅަ އެއްފަހަރުން ޖަހައި ރާމޯސް ވައްދާލީ ގޯލުގެ މަތީ ކަނަށެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރޫނޯ ފެނާންޑޭސް ނަގައިދިން ކޯނަރަކުން ޕޯޗުގަލްގެ ދެވަނަ ގޯލު ބޮލުން ޖެހީ ޕެޕޭ އެވެ. އުމުރުން 39 އަހަރުގައި ޕެޕޭ ވެފައިވަނީ ވޯލްޑް ކަޕް ނޮކްއައުޓް މެޗެއްގައި ގޯލު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ.

ދެވަނަ ހާފު ފެށިގެން ހަ ވަނަ މިނެޓުގައި ޑިއޯގޯ ޑަލޯ ނަގައިދިން ހުރަހަކުން ރާމޯސް ވަނީ ދެވަނަ ގޯލު ޖަހައިފަ އެވެ. އޭގެ ތިން މިނެޓު ފަހުން ރާމޯސް ދިން ބޯޅައަކުން ޕޯޗުގަލްގެ ތިންވަނަ ގޯލު ޖެހީ ރަފައެލް ގަރޭރޯ އެވެ.

ރާމޯސް މެޗުގައި ހެޓްރިކް ހެދީ 67 ވަނަ މިނެޓުގަ އެވެ. ފީލިކްސް ދިން ބޯޅަ ރާމޯސް ގޯލަށް ވައްދާލީ ހަމަޖެހިލާފައި ކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ އެވެ. ޕޯޗުގަލްގެ ހަވަނަ ގޯލު އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ރަފައެލް ލެއާއޯ އެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ލެއާއޯ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލާފަ އެވެ. މިއީ ލެއާއޯ މިފަހަރުގެ ވޯލްޑް ކަޕްގައި ކާމިޔާބުކުރި ދެވަނަ ލަނޑެވެ.

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް މެޗުތައް ކުޅޭނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު އެވެ. ހުކުރު ދުވަހުގެ ރޭ އަށެއް ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްރޮއޭޝިއާ އާއި ބްރެޒިލް އެވެ. އެރޭ މެންދަމު 12 ޖަހާއިރު ކުޅޭނީ އާޖެންޓީނާ އާއި ނެދަލެންޑްސް އެވެ. ހޮނިހިރު ދުވަހުގެ ރޭ ކުޅޭ ފުރަތަމަ މެޗުގައި ޕޯޗުގަލް ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ. ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ހޮނިހިރު ދުވަހުގެ ރޭ 12 ޖަހާއިރު އިންގްލެންޑާއި ފްރާންސް ވާދަކުރާނެ އެވެ.

މި ލިއުމާއި ގުޅޭ