Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޯލްޑް ކަޕް

ސްޕެއިން ބަލިކޮށް މޮރޮކޯ އިން މުސްލިމުން ފަހުރުވެރި ކޮށްދީފި

ފީފާ ވޯލްޑް ކަޕްގައި މިރޭ ސްޕެއިން ޕެނަލްޓީ ޖަހައިގެން ގަދަފަދަ ސްޕެއިން ބަލިކޮށް މޮރޮކޯ އިން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މޮރޮކޯ އިން މިރޭ ވަނީ 120 މިނެޓު ވަންދެން ސްޕެއިން ގޯލެއް ޖެހިޔަނުދީ ހިފަހައްޓައިފި އެވެ. ޕެނަލްޓީގައި މޮރޮކޯ އިން ކުރި ހޯދީ 0-3 އިންނެވެ. ސްޕެއިން އިން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ މޮރޮކޯގެ ހުށިޔާރު ގޯލްކީޕަރު ޔަސީން ބޯނޯ ވަނީ މަތަކޮށްފަ އެވެ.

މޮރޮކޯގެ އާބާދީގެ ތެރެއިން 32 މިލިއަން މީހުންނަކީ މުސްލިމުންނެވެ. އެގައުމަކީ 99.9 މުސްލިމް އިންސައްތަ އޮތް ގައުމެކެވެ. އެފްރިކާ އަށް ނިސްބަތްވާ މޮރޮކޯގެ މި ކާމިޔާބީއާ އެކު މުސްލިމުންނަށް ލިބުނީ ބޮޑު އުފަލެކެވެ.

މޮރޮކޯ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕުގައި ހިމެނުނު ވަރުގަދަ ބެލްޖިއަމް ބަލިކުރިއިރު ކްރޮއޭޝިއާއާ އެއްވަރުކުރި އެވެ. އެއްވަނަ ކަށަވަރުކުރީ ކެނެޑާ ބަލިކޮށްގެންނެވެ.

ވޯލްޑް ކަޕާ އެޓީމު ކުރިމަތިލީ ކޮލިފައިންގެ އެއްވެސް މެޗަކުން ބަލިނުވެ އެވެ. އެޓީމުގެ އެންމެ ވަރުގަދަ ޑިޕާޓްމަންޓަކީ ގޯލްކީޕަރު ހިމެނޭހެން ޑިފެންސް ލައިނެވެ. ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުގައި އެޓީމު ކޮޅަށް ވަނީ އެންމެ ގޯލެކެވެ.
މިރޭގެ މެޗުގައި މޮރޮކޯ އިން ސްޕެއިން ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި މޮރޮކޯ އިން ވެސް ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތްކުރި އެވެ. މި ހާފުގައި އެއްވެސް ޓީމަކަށް ގޯލު ޖަހާނެ ހުސް ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ.
މެޗުގެ ދެވަނަ ހާފު އެއްކޮށްހެން ޑޮމިނޭޓް ކޮށްގެން ކުޅުނީ ސްޕެއިން އެވެ. މި ހާފުގައި މޮރޮކޯ އިން ވަނީ ވަރުގަދަ އަށް ޑިފެންސްކޮށްފަ އެވެ. ޑިފެންސް ކުރަމުން މިހާފުގައި މޮރޮކޯ އިން ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރި އެވެ.
މުޅި މެޗުގައި ވެސް މޮރޮކޯ އިން ގޯލު ޖަހަން އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ ބެންޗުން ކުޅެން އެރި އަބްދުލްހާމިދު ސަބީރީ އަށެވެ. މެޗުގެ ފަހުކޮޅު ސަބީރީ އޭރިޔާ ތެރެއިން ފޮނުވާލި ނުރައްކާތެރި ބޯޅަ ސްޕެއިންގެ ގޯލްކީޕަރު އުނާއި ސިމޮން ވަނީ މަތަކޮށްފަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ސަބީރީ އަށް ހުސްކޮށް ލިބުނު ފުރުސަތެއްގައި ގޯލަށް ޖެހުން ލަސްކުރުމުން ސްޕެއިންގެ ޑިފެންޑަރުން ސާފުކޮށްލި އެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފުގެ ފަހު މިނެޓުގައި ސްޕެއިންގެ ޕަބްލޯ ސަރަބިއާ ފޮނުވާލި ހަމަލާ ބޭރަށް ދިޔައީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ.
އެއްވަރުވެގެން ޖެހި ޕެނަލްޓީގައި ފެނުނީ ސްޕެއިންގެ ސެވިއްޔާ އަށް ކުޅޭ މޮރޮކޯގެ ގޯލްކީޕަރު ބޯނޯގެ ހުށިޔާރުކަމެވެ. މެޗުގައި ސްޕެއިންގެ ތިން ޕެނަލްޓީގެ ތެރެއިން ކާލޯސް ސޮލާ އާއި ސާޖިއޯ ބުސްކެޓްސް ޖެހި ޕެނަލްޓީތައް ބޯނޯ މަތަކުރި އެވެ. ސްޕެއިންގެ ފުރަތަމަ ޕެނަލްޓީ ސަރަބިއާ ޖެހުމުން އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މޮރޮކޯ އިން ވަނީ ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ވައްދާލާފަ އެވެ. މޮރޮކޯގެ ބާޑް ބެނޫން ޖެހި ޕެނަލްޓީ ސްޕެއިންގެ ގޯލްކީޕަރު އުނާއި ސިމޮން މަތަކުރި އެވެ. އެކަމަކު ސަބީރީ އާއި ހަކީމް ޒިޔެޗް އަދި އަޝްރަފް ހަކީމީ ވަނީ ޕެނަލްޓީތައް ކާމިޔާބުކޮށް ތާރީހީ މޮޅު މޮރޮކޯ އަށް ހޯދައިދީފަ އެވެ.

މިއީ މޮރޮކޯ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ކުއާޓާ ފައިނަލުގައި މޮރޮކޯ ނުކުންނާނީ ޕޯޗުގަލް އާއި ސްވިޒަލެންޑް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އެ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.

މި ލިއުމާއި ގުޅޭ