ފީފާ ވޯލްޑް ކަޕްގައި މިރޭ ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗުގައި ހައިރާން ކުރުވަނިވި ނަތީޖާއެއް މޮރޮކޯ އަށް ނެރެވިދާނެ ކަމަށް މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީ ބުނެފި އެވެ.
ވޯލްޑް ކަޕަށް މޮރޮކޯ ކޮލިފައިވީ ކެނެޑާ އާއި ބެލްޖިއަމް އަދި ކްރޮއޭޝިއާ ހިމެނުނު ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. ގްރޫޕް ސްޓޭޖުގައި މޮރޮކޯ އިން ވަނީ ބެލްޖިއަމް އާއި ކެނެޑާ ބަލިކޮށް ކްރޮއޭޝިއާއާ އެއްވަރުކޮށްފަ އެވެ.
"އަހަރެމެން މީ ގްރޫޕުގެ އެއްވަނަ ހޯދި ޓީމް. އަހަރެން ދެކޭ ގޮތުގައި އަހަރެމެންނަށް ކޮންމެވެސް ވަރަކަށް އިހުތިރާމް ކުރަންޖެހޭ. ސްޕެއިން އަހަރެމެން ދެކެ ޖެހިލުން ވާނެ. މޮރޮކޯ އަށް އަނެއްކާވެސް ކީއްވެ ސަޕްރައިޒެއް ނުގެނެވެންވީ؟" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީ ބުންޏެވެ.
މޮރޮކޯ އާއި ސްޕެއިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ވާދަކޮށް 2-2 އިން ވަނީ އެއްވަރުވެފަ އެވެ. އެ މެޗު ސްޕެއިން އެއްވަރުކުރީ އިތުރު ވަގުތުގައި އިއާގޯ އަސްޕާސް ޖެހި ލަނޑުންނެވެ. ހަކީމީ ބުނީ ސްޕެއިން އަކީ ވޯލްޑް ކާމިޔާބު ކުރާނެކަމަށް ބެލެވޭ ޓީމެއް ކަމަށާއި އެކަމަކު އެޓީމުގައި ވެސް މޮޅުވުމުގެ މެންޓަލިޓީ ދަށް ނުވާނެ ކަމަށެވެ. ހަކީމީ ބުނީ މޮރޮކޯގެ ސްޓައިލްގައި ކުޅެ އުއްމީދަކީ ސްޕެއިން ބަލިކުރުން ކަމަށެވެ.މޮރޮކޯ މެޗަށް ނުކުންނައިރު ސްޕެއިންގެ ސަމާލުކަން ހުރީ ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެން ޖެހުނަސް އެކަމަށް ތައްޔާރުވުމަށެވެ. ސްޕެއިން އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ސްޕެއިން އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނީ ޔޫރޯގައި ޕެނަލްޓީ ޖަހައިގެން ކެޓުމުން ވޯލްޑް ކަޕަށް ތައްޔާރުވާން ކުޅުންތެރިން 1000 ޕެނަލްޓީ ޖަހަން އޭނާ އެންގިން ކަމަށެވެ.
"އަހަރެން މި ގަބޫލުކުރަނީ ކުޅުންތެރިން ހޯމްވޯކް ހަދައިފި ކަމަށް. މީގެ އަހަރެއްހާ ދުވަސްކުރިން ސްޕެއިންގައި ކުރި ކޭމްޕެއްގައި އަހަރެން ބުނިން ކުޅުންތެރިން ގާތު ވޯލްޑް ކަޕަށް އަންނައިރު މަދުވެގެން 1000 ޕެނަލްޓީ ޖަހަން ވާނޭ" މަޖާޒީ ގޮތަކަށް ކުރި މާނައިގައި ސްޕެއިންގެ ކޯޗު ބުންޏެވެ.
އެންރީކޭ ބުނީ އެއްހާސް ފަހަރު ޕެނަލްޓީ ފަރިތަކުރަން ބުނީ އެއީ ކުޅުންތެރިޔާ އަށް ވަރަށް ބޮޑު ޓެންޝަނަކަށް ވާތީ ކަމަށެވެ.
މޮރޮކޯއާ ދެކޮޅަށް ސްޕެއިން ކުޅުނު ތިން މެޗުން ވެސް ބަލިވެފައެއް ނުވެ އެވެ. ދެ މެޗުން މޮޅުވިއިރު އެންމެ ފަހުގެ ވޯލްޑް ކަޕް މެޗު އެއްވަރުވީ އެވެ. 1961 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފް ދެ ލެގްގައި ސްޕެއިން އިން ވަނީ މޮރޮކޯ ބަލިކޮށްފަ އެވެ.
ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ސްޕެއިން އާއި މޮރޮކޯ ވާދަކުރާ މެޗު ފަށާނީ މިރޭ އަށެއް ޖަހާއިރު އެވެ.