ޖަޕާންގެ ފުޓުބޯޅަ ޓީމާއި ސަޕޯޓަރުންނަކީ ކޮންމެ ކުޅިވަރެއްގައި ވެސް ނަމޫނާ ދައްކާ ބައެކެވެ. އެގޮތުން ދުނިޔޭގެ ބޮޑެތި ނޫސްތަކުގެ ހެޑްލައިންތަކަށް އެމީހުންގެ ވާހަކަ އަރައެވެ.
އޭގެ ތެރެއިން ވެސް ފާހަގަ ކޮށްލެވޭ ދުވަސްވަރަކީ ޖަޕާންގެ ފުޓުބޯޅަ ޓީމް ވޯލްޑް ކަޕްގައި ކުޅޭ ދުވަސްވަރު އެވެ. އެގޮތުން މީގެ ކުރިން ވެސް ޖަޕާން ޓީމް ވަނީ ޗޭންޖިން ރޫމް ސާފުކޮށްފައިދާ ޓީމެއްގެ ގޮތުގައި މަޝްހޫރުވެފައެވެ.
އެގޮތުން ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ރޭ ކްރޮއޭޝިއާއާ ވާދަކުރި މެޗު 1-1 އިން އެއްވަރުވެ ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި 3-1 އިން ބަލިވެ ޖަޕާން މުބާރާތުން ކެޓި މެޗަކީ ޖަޕާނުގެ ސަޕޯޓަރުން ރޮއްވާލި މެޗެކެވެ. ސަޕޯޓަރުންނާއި ކުޅުންތެރިން ރޮމުން ދިޔަތަން ވަނީ ކެމެރާތަކުން ދުރަށް ދައްކައިފައެވެ.
މެޗުން ބަލިވުމުން ދަނޑު ދޫކޮށްފައި އަވަށް ދިޔުމުގެ ބަދަލުގައި ޖަޕާނުގެ ސަޕޯޓަރުންގެ ފަރާތުން ފެނުނީ ރީތި މިސާލެކެވެ. މެޗު ނިމި އެހެން ސަޕޯޓަރުން ނިކުންނަން ދެން ޖަޕާނުގެ ސަޕޯޓަރުން މަޑުކުރީ އެމީހުން ދަނޑުގައި ހުރި ކުނި ސާފު ކުރުމަށެވެ. އެމީހުން ދަނޑު ދޫކޮށް ދިޔައީ ކުނިތައް ނަގައި ތަން ރީތި ކޮށްދީފައެވެ.
މިކަން ފާހަގަ ކޮށް ކުޅިވަރު ޚަބަރުތައް ގެނެސްދޭ ޗެނަލް އީއެސްޕީއެން އިން ވަނީ ޕޯސްޓެއް ވެސް އާންމުކޮށްފައެވެ.
މި މަންޒަރަކީ ޖަޕާނު ފިޔަވައި އެހެން ޓީމެއްގެ ފަރާތުން ފެނިފައިވާ މަންޒަރު ތަކެއް ނޫނެވެ. ކޮންމެ ކުޅިވަރަކަށް ޖަޕާން ކުޅުންތެރިންނާއި ސަޕޯޓަރުން ދިޔަ ކަމުގައި ވިޔަސް އެމީހުން ދާނީ އެތަނަކަށް އެމީހުން ގެންދިޔަ ކުނިތައް ނަގައި ސާފުކޮށްފައެވެ.
މިއާއެކު ގިނަ ބަޔަކު ވަނީ ޖަޕާންގެ ރައްޔިތުންނަށް ތައުރީފުކޮށް ގިނަ ޕޯސްޓްތަކެއް ސޯޝަލް މީޑިއާ އަށް ދޫކޮށްލައިފައެވެ. ޖަޕާން ކުއާޓާ ފައިނަލަށް ދަތުރު ނުކުރި ނަމަވެސް ޖަޕާން ދިޔައީ އެތައް ބައެއްގެ ލޯބި ހޯދައިގެންނެވެ.
މިއަހަރުގެ ފީޕާ ވޯލްޑް ކަޕްގައި ޖަޕާނުން ވަނީ އޭޝިއާ ވެސް ފަޚްރުވެރި ކޮށްދީފައެވެ. އެގޮތުން ފުރަތަމަ ބުރު ފަހަނަ އަޅައި ޖަޕާން ވަނީ ދެވަނަ ބުރުގައި ކުޅުނު މެޗްގައި ރޭ ކްރޮއޭޝިއާއާ ދެކޮޅަށް މޮޅު ކުޅުމެއް ވެސް ދައްކައިފައެވެ.