Friday 3rd Feb 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޯލްޑް ކަޕް

ބޮޑު މޮޅަކާ އެކު ނަށަމުން ބްރެޒިލް ކުއާޓާ އަށް

ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ރޭ ދެކުނު ކޮރެއާ 1-4 އިން ބަލިކޮށް ބްރެޒިލް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ބްރެޒިލްގެ އިތުރުން ކުއާޓާ ފައިނަލުގެ ޖާގަތައް ހޯދާފައިވަނީ ނެދަލެންޑްސް، އާޖެންޓީނާ، ފްރާންސް، އިންގްލެންޑް އަދި ކްރޮއޭޝިއާ އެވެ. ކުއާޓާ ފައިނަލުގެ ފަހު ދެޖާގަ ކަށަވަރު ވާނީ މިރެ އެވެ.

އަނިޔާއިން ރަނގަޅުވެ ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ނޭމާ ވަނީ ކުޅެފަ އެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ނޭމާ އަށް އަނިޔާވުމުން ފަހު ދެމެޗުގައި ނުކުޅެ އެވެ. ބްރެޒިލުން ބުނީ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހު ނޭމާ ނޮކްއައުޓް ބުރުގައި ކުޅެވޭނެ ކަމަށެވެ. ނޭމާއާ އެކު ރޭގައި ބްރެޒިލްގެ ފަރާތުން ފެނުނީ ތަފާތު މޮޅު ކުޅުމެކެވެ.

ބްރެޒިލްގެ ހަތަރު ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު ހަތް ވަނަ މިނެޓުގައި ޖެހީ ވިނީޝަސް ޖޫނިއާ އެވެ. ރަފީނިއާ ނަގައިދިން ހުރަސް އޭރިޔާ ތެރެއިން ވިނީޝަސް އަށް ލިބުމުން، ހަމަޖެހިލާފައި ވަނީ ގޯލުގެ ކަނަށް ވައްދާލާފާ އެވެ. އެ ބޯޅަ ދިފާއުކުރަން ދެކުނު ކޮރެއާގެ ތިން ކުޅުންތެރިއަކާއި ގޯލްކީޕަރު މަސައްކަތްކުރި އެވެ. މިއީ ވޯލްޑް ކަޕްގައި ވިނީޝަސް ޖެހި ފުރަތަމަ ގޯލެވެ. އަދި ބްރެޒިލްގެ ގައުމީ ޓީމަށް ޖަހައިދިން ދެވަނަ ގޯލެވެ.

ބްރެޒިލްގެ ދެވަނަ ލަނޑު 13 ވަނަ މިނެޓު ޖެހީ ޕެނަލްޓީއަކުން ނޭމާ އެވެ. މިއި އޭރިޔާ ތެރެއިން ރިޗާލިސަން އަށް ދެކުނު ކޮރެއާގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. މިއާ އެކު ނޭމާ ބްރެޒިލް ގައުމީ ޓީމަށް ޖަހައިދިން ގޯލުގެ އަދަދު ވަނީ 76 އަށް އަރައިފަ އެވެ. ބްރެޒިލްގެ ރެކޯޑް އޮތީ 77 ގޯލު ޖަހާފައިވާ ޕެލޭ އަތުގަ އެވެ.

ބްރެޒިލްގެ ފުރަތަމަ ދެ ގޯލަށް ފަހު އެޓީމުގެ ކުޅުންތެރިން ވަނީ އުފާފާޅުކުރުމުގެ ގޮތުން ނަށައިފަ އެވެ. ބްރެޒިލްގެ ކުޅުންތެރިންނަކީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރުމުގެ ގޮތުން އެފަދަ ހަރަކާތްތައް ދައްކުވައިދޭ ބައެކެވެ. ވޯލްޑް ކަޕްގެ ބްރެޒިލްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު ނަށާއިރު، މި ސީޒަނުގައި ރެއާލް މެޑްރިޑްގެ ވިނީޝަސް ގޯލު ޖެހުމަށް ފަހު ނެށުމުން ސްޕެއިންގެ މީޑިއާގައި އެމައްސަލަ ހޫނުވެ، ވިނީޝަސްއާ ނަސްލީ ގޮތުން ވެސް ދިމާކުރި އެވެ. ދިފާއުގައި ރެއާލް މެޑްރިޑާއި ބްރެޒިލްގެ ކުޅުންތެރިން ވެސް ތެދުވި އެވެ. ބްރެޒިލްގެ ކުޅުންތެރިން ބުނަމުން އަންނަނީ ގޯލު ޖެހުމަށް ފަހު ނެށުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި އެއީ ކުޅުންތެރިޔާގެ އަމިއްލަ އިހްތިޔާރުގައި އޮންނަ ކަމެއް ކަމަށެވެ.

ތިންވަނަ ގޯލު 29 ވަނަ މިނެޓުގައ ޖެހީ ރިޗާލިސަން އެވެ. ތިއާގޯ ސިލްވާ ދިން ބޯޅަ ހޯދުމަށް ފަހު ރިޗާލިސަން ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ. މިއީ ވޯލްޑް ކަޕްގައި ރިޗާލިސަން ޖެހި ތިންވަނަ ލަނޑެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިނީޝަސް ނަގައިދިން ހުރަހެއް އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބްރެޒިލްގެ ހަތަރު ވަނަ ލަނޑު ޖެހީ ލޫކަސް ޕަކޭޓާ އެވެ.

ދެވަނަ ހާފުގައި ދެކުނު ކޮރެއާ އިން ވަނީ ކުޅުން ރަނގަޅުކޮށް ބްރެޒިލް ގޯލެއް ޖެހިޔަނުދީ ހިފަހައްޓައިފަ އެވެ. އަދި، މި ހާފުގެ 76 ވަނަ މިނެޓުގައި ދެކުނު ކޮރެއާގެ ޕައިކް ސެއުން-ހޯ ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. އޭރިޔާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ބްރެޒިލްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފަ އެވެ. މި ގޯލުގެ އިތުރުން ދެކުނު ކޮރެއާ އިން ފޮނުވާލި ގިނަ ހަމަލާތަކެއް ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ މަތަކުރި އެވެ.

މެޗުގައި ބްރެޒިލްގެ ކޯޗު ޓީޓޭ ވަނީ ބެންޗުގައި ތިބި ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތުދީފަ އެވެ. ރޭގެ މެޗާ އެކު ވޯލްޑް ކަޕަށް ބްރެޒިލުން ނެގި 26 ކުޅުންތެރިން މިފަހަރުގެ މުބާރާތުގައި ވަނީ ކުޅެފަ އެވެ.
ވޯލްޑް ކަޕްގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ މޮރޯކޯ އާއި ސްޕެއިން އެވެ. ފަހު މެޗުގައި ޕޯޗުގަލް ނުކުންނާނީ ސްވިޒަލެންޑާ ދެކޮޅަށެވެ.

މި ލިއުމާއި ގުޅޭ