ގަތަރުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ވާދައިގެ ތައްޓަށް ކުޅޭ ފުޓު ބޯޅަ މުބާރާތް(ވޯލްޑް ކަޕް) ގައި ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދިން ޓީމެއްގެ ގޮތުގައި ބްރެޒިލް ވެއްޖެއެވެ.
އެގޮތުން ބްރެޒިލްގެ ކޯޗް އެޑެނޯ ލިއޮނާޑޯ ވަނީ މިހާތަނަށް ކުޅުނު މެޗްގައި ޓީމުގެ 26 ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ. އެގޮތުން ބްރެޒިލްއިން ވަނީ އެޓީމް ގްރޫޕް ސްޓޭޖުގައި ކެމަރޫން އާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ 11 ގައި ނުހިމެނޭ ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ.
އެމެޗާ ކުރިމަތިލީއިރު, ބްރެޒިލްނވަނީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. އެހެން ކަމުން ދެވަނަ ބުރުގައި ކުޅެންޖެހޭ މެޗަށް, ފުރަތަމަ 11 އަށް ރެސްޓެއް ދިނުމުގެ ގޮތުން ކޯޗް ވަނީ ބެންޗް ޓީމުގެ އެއް ކުޅުންތެރިޔަކު ފިޔަވައި ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ.
އެމެޗުން ބްރެޒިލް ބަލިވުމުން މީޑިއާ ތަކުގައި ބެންޗްޓީމް ކުޅެގެން ބަލިވީ ކަމަށް ވާހަކަ ދެކެވުމުން, ބްރެޒިލްގެ ކޯޗް ބުނެފައިވަނީ އޭނާގެ ޓީމުގައި ބެންޗް ޓީމެއް ނޯންނާނެ ކަމަށެވެ. އަދި އޭނާގެ ޓީމުގައި އުޅޭނީ ކުޅުންތެރިން ކަމަށް ވެސް ކޯޗް ވަނީ ބުނެފައެވެ.
ބްރެޒިލްގެ އެންމެ ފަހުން ގުރުސަތު ނުލިބި ހުރީ އެޓީމުގެ ތިން ވަނަ ކީޕަރެވެ. އެހެންކަމުން ރޭ ކޮރެއާ އަތުން ބްރެޒިލް 4-1 ގެ ނަތީޖާއިން މޮޅުވި މެޗްގެ ފަހު ހާފުގައި ވަނީ ފުރުސަތު ދީފައެވެ.
މިކަން ފާހަގަ ކޮށް ފީފާއިން ވެސް ވަނީ ޓްވީޓެއް ކޮށްފައެވެ. އެޓްވީޓުގައި ފީފާއިން ބުނެފައިވަނީ ޓީމުގައި ހިމެނުނު 26 ކުޅުންތެރިންނަށް ފުރުސަތު ހޯދައި ދިނުމަކީ ބްރެޒިލް ޓީމު ޓީމެއްގެ ގޮތުގައި ކުޅެމުން އަންނަ ކަމުގެ މިސާލެއް ކަމަށެވެ. އެކަމަށްޓަކައި ފީފާއިން ވަނީ ބްރެޒިލް އަށް މަރުހަބާ ފޮނޮވައި ތައުރީފުކޮށްފައެވެ.