ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މިރޭ ކްރޮއޭޝިއާއާ ވާދަކުރި މެޗު 1-1 އިން އެއްވަރުވެ ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި 3-1 އިން ބަލިވެ ޖަޕާން މުބާރާތުން ކަޓައިފި އެވެ.
ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ކުޅުނު ހަތަރު ފަހަރު ވެސް ޖަޕާން ވަނީ ބަލިވެފަ އެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި އެޓީމު ކެޓީ ބެލްޖިއަމް އަތުން 3-2 އިން ބަލިވެގެންނެވެ. އެ މެޗުގައި ދެ ގޯލުގެ ލީޑެއްގައި އޮވެފައި ބެލްޖިއަމުން ޖަޕާން ކޮޅަށް ފަހަތުން އަރައި ތިން ގޯލު ޖެހި އެވެ. ބެލްޖިއަމް މޮޅުވި ލަނޑު ޖަޕާން ކޮޅަށް ވައްދާލީ މެޗުގެ ފަހު މިނެޓުގަ އެވެ. އޭގެ ހަތަރު އަހަރު ފަހުން ޕެނަލްޓީގައި ކްރޮއޭޝިއާ އަތުން ބަލިވެ މުބާރާތުން ކެޓުމަކީ ވެސް އެޓީމަށް ހިތްދަތި ނަތީޖާއެކެވެ.
މިރޭގެ މެޗުގެ ފުރަތަމަ ގޯލު 43 ވަނަ މިނެޓުގައި ޖެހީ ޖަޕާންގެ ޑައިޒެން މައެޑާ އެވެ. އަރިމަތިން މާޔާ ޔޮޝީޑާ ނަގައިދިން ހުރަސް މައެޑާ ގޯލަށް ވައްދާލީ އެއްފަހަރުން ޖަހަ އެވެ. ފުރަތަމަ ހާފުގައި ލީޑުގައި އޮވެގެން ނިންމާލިއިރު ޖަޕާނުން ވަނީ ކައުންޓަ އެޓޭކުގައި ކްރޮއޭޝިއާގެ ގޯލަށް ނުރައްކާކޮށްފަ އެވެ.
ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ކްރޮއޭޝިއާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އިވާން ޕެރިސިޗެވެ. ޑެޔަން ލޮވްރަން ނަގައިދިން ހުރަސް ޕެރިސިޗް ގޯލަށް ވައްދާލި ބޮލުން ޖަހަ އެވެ. މި ގޯލަށް ފަހު ދެވަނަ ހާފުގައި މޮޅަށް ކުޅުނީ ކްރޮއޭޝިއާ އެވެ. 90 މިނެޓުގައި ނަތީޖާ ހަމަހަމަވުމުން ކުޅުނު އިތުރު ވަގުތުގެ 30 މިނެޓުގައި މާ ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއްނުވެ އެވެ. ދެޓީމުގެ ކުޅުންތެރިންގެ ފަރާތުން ވެސް މެޗުގެ ފަހުކޮޅު ވަރުބަލިކަން ފެނުނެވެ.
އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ކްރޮއޭޝިއާގެ ގޯލްކީޕަރި ޑޮމިނިޗް ލިވަކޮވިޗް ވަނީ ޖަޕާންގެ ތިން ޕެނަލްޓީ މަތަކޮށްފަ އެވެ. ހަތަރު ޕެނަލްޓީގެ ތެރެއިން ޖަޕާނަށް ހަމައެކަނި ކާމިޔާބުކުރެވުނީ ޓަކޫމާ އަސާނޯ ޖެހި ޕެނަލްޓީ އެވެ. އެޓީމުގެ ޓަކޫމީ މިނަމީނޯ އާއި ކައުރޫ މިޓޯމާ އަދި ޔޮޝީޑާ ޖެހި ޕެނަލްޓީ ގޯލްކީޕަރު މަތަކުރީ އެވެ.
ކްރޮއޭޝިއާ އިން ވަނީ ހަތަރު ޕެނަލްޓީ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. އެޓީމުގެ ޕެނަލްޓީތައް ވައްދާލީ ނިކޮލާ ވްލަސިޗް އާއި މާސެލޯ ބްރޮޒޮވިޗްގެ އިތުރުން މޮޅުވި ޕެނަލްޓީ ޖެހި މާރިއޯ ޕަސަލިޗް އެވެ. ކްރޮއޭޝިއާގެ މާކޯ ލިވާޔާ ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ކްރޮއޭޝިއާ ކުއާޓާ ފައިނަލުގައި ވާދަކުރާނީ މިރޭ ބްރެޒިލް އާއި ދެކުނު ކޮރެއާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.