ރައްޔިތުންގެ ފާޑު ކިޔުންތައް އަމާޒުވުމުން, ފީފާ ވޯލްޑް ކަޕްގެ މެޗެއް ބައްލަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަތަރަށް ކުރައްވާ ދަތުރުފުޅުގައި ޓިކެޓް އަމިއްލަފުޅަށް ނަންގަވާ ގޮތަށް ނިންމައިފިއެވެ.
ރައީސް ސޯލިހް އެ ގައުމުގައި ހުންނެވުމާއި ފަރިއްކޮޅުގެ ކަންކަން ހަމަޖައްސާނީ ގަތަރުގެ ސަރުކާރުން ކަމަށް ރައީސް އޮފީހުން މިއަދު ވަނީ ބުނެފަ އެވެ.
ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސޯލިހްގެ ސެކިއުރިޓީ ޓީމާއި, އެމަނިކުފާނާއެކު މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ އެހެން ބޭފުޅުންގެ ހުރިހާ ޚަރަދެއް ހަމަ ޖައްސަނީ ދައުލަތުންނެވެ.
ގަތަރުގައި މިހާރު ކުރިއަށް ގެންދާ ވޯލްޑް ކަޕްގެ މެޗު ބައްލަވާލައްވަން ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލް ތާނީ, ރައީސް ސޯލިހަށް ދައުވަތު އަރުވައިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވާއިރު، ރައީސް ވަޑައިގަންނަވާނީ ކޮން އިރަކު ކަމެއް އަދި ކޮން މެޗަކަށް ކަމެއް ރައީސް އޮފީހުން ހާމަކޮށްފައި ނުވެއެވެ.
"ފައިނަލް ނުވަތަ ސެމީ ފައިނަލްގެ މެޗަކަށް ވަޑައިގެންފާނެ. ސީދާ އަޅުގަނޑަށް ޔަގީންކަމާއެކު ދަންނަވާކަށް ނޭނގޭ. ގަތަރުގެ އަމީރުގެ ދައުވަތެއް ރައީސަށް ވަނީ ލިބިވަޑައިގެންފައި،" ތަރުޖަމާނު ވިދާޅުވި އެވެ.
މި މުބާރާތުގައި މިހާރު ކުރިއަށް ދަނީ ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ދެވަނަ ބުރަށް ދަތުރު ކުރި 16 ޓީމުގެ ދެމެދުގައި ކުޅޭ ރައުންޑެއެވެ.