ގްރޫޕް ސްޓޭޖުގައި ޖަރުމަނާއި ސްޕެއިން ބަލިކުރި ޖަޕާނުން ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މިއަދު ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނާނެ އެވެ.
ޖަޕާނަކީ މިފަހަރުގެ މުބާރާތުގައި އެންމެ ސަޕްރައިޒިން އެއް ޓީމެވެ. ގްރޫޕުގެ އެއްވަނަ އެޓީމު ކަށަވަރުކުރީ ޖަރުމަނާއި ސްޕެއިންގެ މައްޗަށް ފަހަތުން އަރައި ކާމިޔާބީ ހޯދައިގެންނެވެ. ގްރޫޕް ސްޓޭޖުގައި އެޓީމު ބަލިވީ ކޮސްޓަ ރީކާ އަތުންނެވެ.
މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޖަޕާންގެ ޑިފެންޑަރު ޔޫޓޯ ނަގަޓޯމޯ ބުނީ ބިރުން ތިބެގެން ކްރޮއޭޝިއާ ބަލިނުކުރެވޭނެ ކަމަށާއި، މެޗަކުން މޮޅުވުމަށް އެންމެ މުހިއްމީ ބިރެއް ނެތި ކެރިގެން ކުރިމަތިލުން ކަމަށެވެ.
"ޓެކްޓިކްސް އަދި ޓެކްނިކްސް އަކީ މެޗެއްގެ ނަތީޖާ ބަދަލުކުރަން ވަރަށް މުހިއްމު ކަންކަން. އެކަމަކު އެ ހުރިހާ ކަމެއް ކިތަންމެ ރަނގަޅަށް ހުއްޓަސް ދަނޑުމަތީގައި ބިރުން ތިބެއްޖެ ނަމަ އެހެން ހުރިހާ ކަމެއް ބޭކާރުވާނެ" ނަގަޓޯމޯ ބުންޏެވެ.
ދެވަނަ ބުރަށް ކްރޮއޭޝިއާ ކޮލިފައިވީ ވަރުގަދަ ބެލްޖިއަމް ކަޓުވާލުމަށް ފަހު އެވެ. އެއްވަނަ ޓީމުގެ ގޮތުގައި އެޓީމު ކޮލިފައިވީއިރު މޮރޮކޯ އާއި ބެލްޖިއަމްއާ އެއްވަރުކުރި އެވެ. ކެނެޑާ އަތުން 1-4 އިން ވަނީ މޮޅުވެފަ އެވެ.
ކްރޮއޭޝިއާ އަކީ 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ރަނަރަޕް ޓީމެވެ. ފައިނަލުގައި ކްރޮއޭޝިއާ ބަލިވީ ފްރާންސް އަތުންނެވެ.
މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް ވަނީ ޖަޕާނާ މެދު ޖެހިލުންވާކަން ހާމަކޮށްފަ އެވެ. ޑަލިޗް ބުނީ ސްޕެއިން މެޗުގައި ފަހަތުން އަރައި ޖަޕާން މޮޅުވާނެ ކަމަށް އޭނާ އުއްމީދު ނުކުރާ ކަމަށެވެ.
"ސްޕެއިނުން ފުރަތަމަ ގޯލު ޖެހީމަ އަހަރެން ހީކުރީ ޖަޕާނަށް އަނބުރާ މެޗު ތެރެއަށް ނާދެވޭނެ ކަމަށް. އެކަމަކު އެޓީމުން ދުލެއް ނުދިން. އަދި އެއީ ޖަޕާނަށް ހައްގު މޮޅެއް" ޑަލިޗް ބުންޏެވެ.
ޑަލިޗް ބުނީ ޖަރުމަނާއި ސްޕެއިން ބަލިކުރުމުން ޖަޕާންގެ ވަރުގަދަކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި، މި ހާލާތުގައި ޖަޕާނާ ދެކޮޅަށް ނުކުންނަން ޖެހޭތީ މެޗު ޔަގީނުން ވެސް އުނދަގޫ ވާނެކަމަށް ޑަލިޗް ބުންޏެވެ.
"ޖަޕާނަކީ ވޯލްޑް ކަޕްގައި ވާދަކުރަން އަހަރެން ބޭނުންވާ ގައުމެއް. އޭރު ޖަޕާނާ މެދު ވިސްނެނީ ވެސް އެހެން ގޮތަކަށް. އެކަމަކު ޖަރުމަނާއި ސްޕެއިން ބަލިކުރިފަހުން ޖަޕާން ބަލިކުރަން އުނދަގޫވާނެކަން އެނގޭ" ޑަލިޗް ބުންޏެވެ.
މިއީ ވޯލްޑް ކަޕްގައި މި ދެޓީމު ވާދަކުރާ ތިންވަނަ ފަހަރެވެ. 1998 ވަނަ އަހަރުގެ މުބާރާތުގައި ކްރޮއޭޝިއާ އިން ވަނީ 1-0 އިން ޖަޕާން ބަލިކޮށްފަ އެވެ. 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މި ދެޓީމުގެ ކުރިމަތިލުން ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
މިއީ ޖަޕާން ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދަތުރުކުރި ހަތަރު ވަނަ ފަހަރެވެ. މިދިޔަ ތިން ފަހަރު ވެސް ޖަޕާން ވަނީ ދެވަނަ ބުރުގައި ބަލިވެފަ އެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޖަޕާން ބަލިވީ ބެލްޖިއަމާ ވާދަކޮށެވެ. އެ މެޗުގައި ދެ ގޯލު ކުރީގައި އޮއްވައި ބެލްޖިއަމުން ޖަޕާން ބަލިކުރީ ފަހަތުން އަރައި ތިން ގޯލު ޖަހައިގެންނެވެ.
ޖަޕާނާއި ކްރޮއޭޝިއާ ވާދަކުރާ މެޗު އަލް ޖަނޫބް ސްޓޭޑިއަމްގައި ފަށާނީ މިރޭ އަށެއް ޖަހާއިރު އެވެ.