އޮޅުވާލައިގެން ކުރާ ސްކޭމް ކޯލްތަކުގެ މައްސަލަ ހުއްޓުވުމަށް ގުޅުންހުރި ހުރިހާ މުއައްސަސާތަކެއް އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިއަދު ފެށި 'މަލްޓި އެޖެންސީ ވޯކްޝޮޕް އޮން ކޮމްބެޓިން ސްކޭމް އިންދަ މޯލްޑިވްސް' ބައްދަލުވުމަށްފަހު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްކޭމް ކޯލުތަކުގެ ސަބަބުން ރައްޔިތުންނާއި ވިޔަފާރިތަކަށް ލިބޭ ބޮޑެތި ގެއްލުންތަކުން ސަލާމަތް ކުރުމަށް ގުޅުން ހުރި ހުރިހާ މުއައްސަސާތައް އެކުގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަދި އެ މަސައްކަތުގައި ސަލާމަތްތެރިކަމަށް އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ ރައްޔިތުން ހޭލުންތެރި ކުރުން ކަމަށް ވިދާޅުވި އެވެ.
ސްކޭމްތައް ހުއްޓުވުމަށް މިއަދު ފެށި ވޯކްޝޮޕްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި މި އަހަރުގެ މިހާތަނަށް އޮޅުވާލައިގެން ކުރާ ސްކޭމްގެ 998 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.
އެ ހުރިހާ މައްސަލަތަލުން ޖުމްލަ 23 މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވި ގޮތުގައި އިގްތިސާދީ ނަޒަރަކުންނާއި، ފަރުދުންނަށް ލިބޭ ގެއްލުމަކީ އަންދާޒާ ކުރެވޭނެ ގެއްލުމެއް ނޫނެވެ. އަދި މުއައްސަސާތަކުގެ ގާބިލްކަން ހުރި މިންވަރުން މިހާރު ވެސް އެ ކަންކަން ހުއްޓުވަން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.