ދ.ރިނބުދޫ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން އެ ރަށުން ދުވަސްވީ ބޮޅިވަޅެއް ފެނިއްޖެއެވެ.
އެ ބޮޅިވަޅުގެ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވާން ފަށާފައިވާއިރު، އެ ވީޑިއޯއާއެކު އާންމުވެފައިވާ މައުލޫމާތަށް ބަލާއިރު މި ބޮލިވަޅު ފެނުނީ އެ ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރަން ހޮޅިވަޅުލުމުގެ މަސައްކަތް ކުރި ސަރަހައްދަކުންނެވެ.
ބޮލިވަޅެއް ފެނުމާ ގުޅިގެން އެ މައުލޫމާތު އެ ރަށު ކައުންސިލުން ނޭޝަނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖާ ހިއްސާކޮށްފައިވެއެވެ.
މީސްމީޑިއާގައި ދައުރުކުރަމުންދާ ވީޑިއޯއާއެކު އާންމުކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ ބެލެވޭ ގޮތުގައި މި ވަޅަކީ ވަރަށް ކުރީ ޒަމާނެއްގައި އެ ސަރަހައްދުގައި ކޮނެ، ވަޅުލާފައިވާ ބޮލިތަކެކެވެ.
ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މި ބޮލިވަޅު ފެނުމުން އެކަމުގެ މައުލޫމާތު ރިނބުދޫ ކައުންސިލުން ހެރިޓޭޖު މިނިސްޓްރީއާ ހިއްސާކޮށްފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އަދި ބޮލިވަޅާ ގުޅިގެން ހެރިޓޭޖް މިނިސްޓްރީގެ ލަފައާއި އިރުޝާދާ އެއްގޮތަށް ރިނބުދޫ ކައުންސިލުން އަމަލުކޮށްދިނުމަށްވެސް މިނިސްޓަރު އެދިވަޑައިގެންފައިވެއެވެ.