Friday 3rd Feb 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޯލްޑް ކަޕް

ފަސޭހަ މޮޅަކާ އެކު އިންގްލެންޑް ކުއާޓާ ފައިނަލަށް

ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ރޭ ފަސޭހަކަމާ އެކު 3-0 އިން ސެނެގޯލް ބަލިކޮށް އިންގްލެންޑް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އިންގްލެންޑުގެ އިތުރުން ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ ނެދަލެންޑްސް އާއި އާޖެންޓީނާ އަދި ފްރާންސެވެ. ފްރާންސް ރޭ ވަނީ 3-1 އިން ޕޮލެންޑް ބަލިކޮށްފަ އެވެ. ކުއާޓާގައި އިންގްލެންޑް ވާދަކުރާނީ ފްރާންސާ އެވެ.

ރޭގެ މެޗަށް ނުކުތް ޓީމުގައި އިންގްލެންޑްގެ ރަހީމް ސްޓާލިން ހިމަނާފައެއްނުވެ އެވެ. އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނީ އާއިލީ ކަމަކާ ގުޅިގެން ޓީމު ދޫކޮށް ސްޓާލިން އަނބުރާ ގައުމަށް ގޮސްފައިވާ ކަމަށެވެ. ސްޓާލިންގެ ބަދަލުގައި ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ކުޅުނީ ފިލް ފޯޑެން އެވެ.

މެޗުގައި އިންގްލެންޑް ލީޑު ނެގީ 38 ވަނަ މިނެޓުގައި ޖޯޑެން ހެންޑަސަން ޖަހައިދިން ގޯލުންނެވެ. ޖޫޑް ބެލިންހަމް އަރިމަތިން ނަގައިދިން ބޯޅަ ހެންޑަސަން ވަނީ ހަމަޖެހިލާފައި ގޯލަށް ވައްދާލާފަ އެވެ. މިއީ އިންގްލެންޑުގެ ގައުމީ ޓީމަށް ހެންޑަސަން ޖަހައިދިން ދެވަނަ ލަނޑެވެ. ފުރަތަމަ ލަނޑު ޖެހީ މިދިޔަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޔޫކްރޭން ކޮޅަށެވެ.

އިންގްލެންޑް ލީޑު ނެގުމުގެ ކުރިން މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ސެނެގޯލް އެވެ. މި ހާފުގައި ސެނެގޯލްގެ ބޫލަޔޭ ޑިއާ ޖެހި ނުރައްކާތެރި ބޯޅައެއް ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. އެކަމަކު އިންގްލެންޑް ލީޑު ނެގުމުން ސެނެގޯލްގެ ރޫހު ގެއްލި އެޓީމުގެ ހަމަލާތައް މަދުވި އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ކައުންޓަ އެޓޭކެއްގައި ފޯޑެން ދިން ބޯޅައަކުން ދެވަނަ ގޯލު ޖެހީ ހެރީ ކޭން އެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ކޭން ޖެހި ފުރަތަމަ ގޯލެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކޭން ވަނީ ހަ ގޯލު ޖަހައި ރަން ބޫޓު ހޯދާފަ އެވެ. ކޭންގެ ގޯލަކީ ގައުމީ ޓީމަށް އޭނާ ޖަހައިދިން 52 ވަނަ ގޯލެވެ. ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވަނީ 53 ގޯލު ޖެހި ކުރީގެ ފޯވާޑް ވޭން ރޫނީ އެވެ. ރޫނީގެ ރެކޯޑާ ހަމަކުރަން ކޭން އަށް ބޭނުންވަނީ އެންމެ ގޯލެކެވެ.

ދެވަނަ ހާފުގައި ވެސް އިންގްލެންޑުން ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރި އެވެ. އެޓީމުގެ ތިންވަނަ ގޯލު 57 ވަނަ މިނެޓުގައި ޖެހީ ބުކަޔޯ ސަކާ އެވެ. މިއީ ވެސް ފޯޑެން ދިން ބޯޅައަކުން ސަކާ ޖެހި ލަނޑެކެވެ.

ވޯލްޑް ކަޕްގައި މިރޭ ވެސް ދެވަނަ ބުރުގެ ދެމެޗު ކުޅޭނެ އެވެ. ރޭގަނޑު އަށެއް ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޖަޕާން އާއި ކްރޮއޭޝިއާ އެވެ. މިރޭ 12 ޖަހާއިރު ކުޅޭނީ ބްރެޒިލް އާއި ދެކުނު ކޮރެއާ އެވެ.

މި ލިއުމާއި ގުޅޭ