ޞިހުޔޫނީ ދައުލަތުގެ ރައީސެއް ބަޙުރައިނަށް ކުރާ ފުރަތަމަ ޒިޔާރަތުގައި އިސާކް ހެރްޒޯގް ބަޙުރައިނުގެ ރަސްގެފާނު ޙަމަދު ބިން ޢީސާ އަލްޚަލީފާއާއި ވަލީ ޢަހުދު އަމީރު ސަލްމާން ބިން ޙަމަދު އަލްޚަލީފާއާ މަޝްވަރާތައް ބާއްވައިފިއެވެ.
2020 ވަނަ އަހަރުގައި ބަޙުރައިނާއި އިސްރާއީލުގެ މެދުގައި ސިޔާސީ ގުޅުން ޤާއިމުކުރުމަށްފަހުގައި ހެރްޒޯގް އެ ޤައުމަށް ފުރަތަމަ ފަހަރަށް ގޮސްފައިވަނީ އާދީއްތަދުވަހުއެވެ.
ބަހުރައިނުގެ ރަސްމީ ނޫސް އެޖެންސީން ބުނި ގޮތުގައި މި ބައްދަލުވުމުގައި ދެ ޤައުމުގެ އަމިއްލަ ވިޔަފާރިތަކުގެ މެދުގައި މިހާރަށްވުރެ ބޮޑަށް މުވާސަލާތުކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ދެ ޤައުމުގެ ވެރިން މަޝްވަރާކުރެއްވިއެވެ. އަދި ސަރަހައްދީ ސަލާމަތާ ގުޅުންހުރި ކަންކަމާމެދު ޚިޔާލު ބަދަލުކުރެއްވިއެވެ.
ހެރްޒޯގާއެކު އިސްރާއީލުގެ ވިޔަފާރިވެރިންނާއި އެކި ސިނާއަތްތަކުގައި އިސްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވިއެވެ. އެ ވަފުދަށް މަރުހަބާ ވިދާޅުވީ ބަޙުރައިނުގެ ޚާރިޖީވަޒީރު ޢަބްދުލްޢާޠިފް ރާޝިދް އައްޒަޔާނީއެވެ.
މި ބައްދަލުވުންތަކުގައި، އަދަލުވެރި، ޝާމިލު އަދި ދެމެހެއްޓެނެވި ސުލްހަވެރި ހައްލަކާއެކު، ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުވެ، ފަލަސްޠީނާއި އިސްރާއީލަށްވެސް ހަމަޖެހުމާއި ކުރިއެރުން ލިބުމަށް އެދިވަޑައިގަންނަވާކަމަށް ބަޙުރައިނުގެ ރަސްގެފާނު ވިދާޅުވިކަމަށް އެ ޤަމުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.
ހެރްޒޯގު ބުނެފައިވަނީ ދިފާއާއި ވިޔަފާރިއާއި ފަތުރުވެރިކަމާއި ތިމާވެށި ހިމެނޭހެން އެކި ދާއިރާތަކުން ބަހުރައިނާއި އިސްރާއީލުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުން މުހިއްމުކަމަށް ދެކޭ ކަމުގައެވެ. މި ދަތުރުގައި ބަޙުރައިނުގައި ދިރިއުޅޭ ޔަހޫދީންނާ ހެރްޒޯގް ބައްދަލުކުރަންވަނީ ހަމަޖެހިފައެވެ.