Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޯލްޑް ކަޕް

އެމްބާޕޭގެ ޖާދުލާ އެކު ފްރާންސް ކުއާޓާ ފައިނަލަށް

ކިލިއަން އެމްބާޕޭ ޖެހި ހިތްގައިމު ދެ ގޯލާ އެކު 3-1 އިން ޕޮލެންޑް ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ޗެމްޕިއަން ފްރާންސް ދަތުރުކޮށްފި އެވެ.

ފްރާންސްގެ އިތުރުން ކުއާޓާގެ ޖާގަތައް ކަށަވަރުކުރީ ނެދަލެންޑްސް އާއި އާޖެންޓީނާ އެވެ. ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި އާޖެންޓީނާ އާއި ނެދަލެންޑްސް ވާދަކުރާއިރު ފްރާންސް ކުއާޓާ ފައިނަލުގައި ވާދަކުރާނީ މިރޭ އިންގްލެންޑާއި ސެނެގޯލް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.

މިރޭގެ މެޗުގައި ފްރާންސް ވަނީ މޮޅަށް ކުޅެ ޕޮލެންޑަށް ނުރައްކާކޮށްފަ އެވެ. މެޗުގެ ފުރަތަމަ ގޯލު އެމްބާޕޭގެ އެހީތެރިކަމާ އެކު ޖެހީ އޮލިވިއޭ ޖިރޫޑް އެވެ. ފުރަތަމަ ހާފުގައި ޕޮލެންޑަށް ގޯލު ޖަހާނެ ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ.

ދެވަނަ ހާފުގައި ވެސް އެމްބާޕޭގެ މޮޅު ކުޅުމާ އެކު ފްރާންސުން ގޯލު ޖަހާނެ ފުރުސަތު ތަނަވަސްކުރި އެވެ. މި ހާފުގައި ފްރާންސްގެ ދެވަނަ ގޯލު 74 ވަނަ މިނެޓުގައި ޖެހީ އެމްބާޕޭ އެވެ. އޮސްމާން ޑެމްބެލޭ ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު އެމްބާޕޭ ވަނީ ހަމަޖެހިލާފައި ގޯލުގެ މަތީ ކަނަށް ވައްދާލާފަ އެވެ.

އެމްބާޕޭ ފްރާންސްގެ ތިންވަނަ ގޯލު ކާމިޔާބުކުރީ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގަ އެވެ. މާކަސް ތުރާމް ދިން ބޯޅަ އެމްބާޕޭ ވަނީ ފުރަތަމަ ގޯލެކޭ އެއްގޮތަށް މަތީ ކަނަށް ވައްދާލާފަ އެވެ.

ފްރާންސް ތިން ގޯލުގެ ލީޑެއްގައި އޮއްވައި މެޗުގެ ފަހު ވަގުތު ޕޮލެންޑަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. ރޮބާޓް ލެވަންޑޯސްކީ ފޮނުވާލި ޕެނަލްޓީ ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް މަތަކުރި ނަމަވެސް، ޕެނަލްޓީ ޖެހުމުގެ ކުރިން ގޯލުގެ ރޮނގު ހުރަސް ކުރުމުން ރެފްރީ ވަނީ ޕެނަލްޓީ އަލުން ޖަހަން ފުރުސަތުދީފަ އެވެ. ދެވަނަ ފުރުސަތުގައި ލެވަންޑޯސްކީ ވަނީ ހަމަޖެހިލާފައި ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލާފަ އެވެ.

އެމްބާޕޭ މިރޭ ޖެހި ދެ ގޯލާ އެކު އޭނާ ވަނީ ވޯލްޑް ކަޕްގައި ނުވަ ގޯލު ހަމަކޮށްފަ އެވެ. އުމުރުން އެންމެ 23 އަހަރުގައި އެމްބާޕޭ މި އަދަދަށް ގޯލު ޖެހީ ވޯލްޑް ކަޕްގެ 11 މެޗުންނެވެ. ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހީ ޖަރުމަނުގެ މިރޮސްލާވް ކްލޯސާ އެވެ. އޭނާ ވަނީ 16 ގޯލު ޖަހައިފަ އެވެ. ޒުވާން އުމުރުގައި ނުވަ ގޯލު ހަމަކުރުމާ އެކު ކްލޯސާގެ ރެކޯޑް އެމްބާޕޭ މުގުރާލުމުގެ ފުރުސަތު ބޮޑެވެ.

މިރޭ ޖިރޫޑް ޖެހި ގޯލާ އެކު އޭނާ މިހާރު ވެފައިވަނީ ފްރާންސްގެ އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އަށެވެ. މި ރެކޯޑް ޖިރޫޑް ކުރިން ހިއްސާކުރީ ތިއެރީ އޮންރީއާ އެވެ. ޖިރޫޑް 52 ގޯލު ޖަހާފައިވާއިރު ދެވަނައިގައި އޮންރީ އޮތީ 51 ގޯލާ އެކު އެވެ.

ވޯލްޑް ކަޕްގައި މިރޭ އިންގްލެންޑާއި ސެނެގޯލް ވާދަކުރާ މެޗު ފަށާނީ 12 ޖަހާއިރު އެވެ.

މި ލިއުމާއި ގުޅޭ