Friday 3rd Feb 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޯލްޑް ކަޕް

މެޗް ޕްރިވިއު: އިންގްލެންޑް – ސެނެގޯލް

ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މިރޭ ސެނެގޯލްއާ ދެކޮޅަށް ނުކުންނައިރު އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓަށް ދިމާވެފައިވާ އެންމެ ބޮޑު ބޮލުގަ ރިހުމަކީ ފުރަތަމަ އެގާރައިގައި ހިމަނާނެ ކުޅުންތެރިން ކަނޑައެޅުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އިންގްލެންޑް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ އެއްވަނަ ހޯދިއިރު އެޓޭކުގައި ތިބި ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ. ހާއްސަކޮށް އާއްމުކޮށް ފުރަތަމަ އެގާރައިގައި ނުހިމެނޭ ފިލް ފޯޑެން އާއި މާކަސް ރަޝްފާޑް އަންނަނީ ލިބޭ ފުރުސަތުގައި ތަފާތު ދައްކަމުންނެވެ. ރަޝްފާޑް މިފަހަރުގެ މުބާރާތުގައި ތިން ގޯލު ޖަހާފައިވާއިރު ފޯޑެން ވަނީ އެއް ގޯލު ޖަހައިފަ އެވެ. ކޯޗު ސައުތުގޭޓަށް ކުރިމަތިވާ އެންމެ ބޮޑު ފާޑުކިޔުމަކީ ފޯޑެން އަށް ފުރަތަމަ އެގާރައިން ފުރުސަތު ނުދިނުމެވެ. އެކަމަކު ފޯޑެންގެ ބަދަލުގައި ފުރަތަމަ އެގާރައިގައި އާއްމުކޮށް ބުކަޔޯ ސަކާ ވެސް މިފަހަރު ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެހެންވެ ކުޅުންތެރިން ރަނގަޅު ފޯމުގައި ތިބުމަކީ ފުރަތަމަ އެގާރަ ނަގާއިރު ސައުތުގޭޓަށް އޮތް ޕްރެޝަރެކެވެ.

މިރޭގެ މެޗަށް ނުކުންނައިރު އިންގްލެންޑުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު އަމިއްލަ ސަބަބަކާ ގުޅިގެން އާސެނަލްގެ ޑިފެންޑަރު ބެން ވައިޓް މިހާރު ވަނީ އިންގްލެންޑްގެ ކޭމްޕް ދޫކޮށް އަނބުރާ ގައުމަށް ގޮސްފަ އެވެ.

އިންގްލެންޑް ދެވަނަ ބުރަށް ކޮލިފައިވީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖުގައި އީރާން އާއި ވޭލްސް އަތުން މޮޅުވިއިރު އެމެރިކާއާ ވާދަކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ސެނެގޯލް ދެވަނަ ބުރަށް ކޮލިފައިވީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ނެދަލެންޑްސް އަތުން ފުރަތަމަ މެޗުގައި ބަލިވި ނަމަވެސް ފަހުން ސެނެގޯލުން ވަނީ އިކުއޭޑޯ އާއި ގަތަރު ބަލިކޮށްފަ އެވެ.

މުބާރާތަށް ނުކުތްއިރު ސެނެގޯލަށް ދިމާވި އެންމެ ބޮޑު ކަންބޮޑުވުމަކީ ކެޕްޓަން ސަޑިއޯ މާނޭ އަށް އަނިޔާވެ ނުކުޅެވުމެވެ. އެކަމަކު މާނޭ ނެތި ދެވަނަ ބުރު ކަށަވަރު ކުރެވުމަކީ އެޓީމަށް ލިބިފައިވާ ހިތްވަރެކެވެ. މިރޭގެ މެޗަށް ނުކުންނައިރު އެޓީމުގެ ހުރިހާ ކުޅުންތެރިން ތިބީ ފިޓްކޮށެވެ. އެކަމަކު ސަސްޕެންޝަނުގެ ސަބަބުން އެވަޓަންގެ މިޑްފީލްޑަރު އިދްރީސާ ގޭ އަށް މިރޭގެ މެޗުގައި ނުކުޅެވޭނެ އެވެ.

ކުޅުންތެރިން ފިޓްކޮށް ތިއްބަސް ޓީމުގެ ކޯޗު އަލިއޫ ސީސޭ ބަލިވުމާ ގުޅިގެން މިވަގުތު ހުރީ ޓީމާ ދުރުގަ އެވެ. ސީސޭގެ ބަދަލުގައި މެޗު ކޮންފަރެންސް ގައި ބައިވެރިވީ އެސިސްޓެންޓް ކޯޗު ރެގިސް ބޮގާޓް އެވެ.
"މިދިޔަ ދެ ވަރަކަށް ދުވަހު ކޯޗު އުޅުނީ ބަލިކޮށް. އިއްޔެ ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ އަހަރެމެން. އެކަން އަހަރެމެން ކުރީ ކޯޗު ގެ އިރުޝާދާ އެއްގޮތަށް" ބޮގާޓް ބުންޏެވެ.

ބޮގާޓް ބުނީ އުއްމީދަކީ މެޗުގެ ކުރިން ކޯޗު ސީސޭ އަށް ބެންޗަށް ދެވޭވަރަށް ހާލަތު ރަނގަޅުވުން ކަމަށެވެ.

މިއީ ސެނެގޯލް ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ކޮލިފައިވި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރަކީ އެގައުމު ވޯލްޑް ކަޕްގައި ފުރަތަމަ ވާދަކުރި 2002 ވަނަ އަހަރެވެ. އެފަހަރު ކުއާޓާ ފައިނަލަށް ސެނެގޯލް ދަތުރުކުރި އެވެ.
ވޯލްޑް ކަޕްގެ ތާރީހުގައި އެފްރިކާގެ ޓީމުތަކާ ދެކޮޅަށް އިންގްލެންޑް ވަނީ ހަތް މެޗު ކުޅެފަ އެވެ. ހަތަރު މެޗުން މޮޅުވިއިރު ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ. ނޮކްއައުޓް ބުރުގައި އެފްރިކާގެ ޓީމަކާ ދެކޮޅަށް އިންގްލެންޑް އެންމެ ފަހުން ނުކުތީ 1990 ވަނަ އަހަރު އެވެ. އެފަހަރު އިތުރު ވަގުތު ކުޅެ ކެމެރޫން އަތުން 3-2 އިން ވަނީ މޮޅުވެފަ އެވެ.

ގަތަރުގެ އަލް ބައިތުގައި އިންގްލެންޑާއި ސެނެގޯލް ވާދަކުރާ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.

މި ލިއުމާއި ގުޅޭ