Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ފެނަކައިގެ މާލީ ހާލަތު ދަށްވެ މުވައްޒަފުންނަށް އިތުރު ގަޑި ނުދޭން ނިންމައިފި

އަތޮޅު ތެރެއަށް ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ދައުލަތުގެ ކުންފުނި ފެންކަ ކޯޕަރޭޝަނުގެ މާލީ ހާލަތު ދަށްވެ އެ ކުންފުނީގެ މުވައްޒަފުންނަށް އިތުރު ގަޑި ދިނުން ހުއްޓައިލަން ނިންމައިފިއެވެ.

ފެނަކައަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަނުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވޭ ކުންފުންޏަށް ވާއިރު، އެ ކުންފުންޏަކީ އާންމު ވިޔަފާރިތަކަށް އެންމެ ބޮޑަށް ދަރަނިވެރިވެރިވެފައިވާ ސަރުކާރު ކުންފުންޏެވެ.

ދިޔަރެސް" އަށް ލިބިފައިވާ އެ ކުންފުނީގެ އެތެރޭގެ ލިޔެކިޔުންތަކުން ފެންނަގޮތުގައި 2021 ވަނަ އަހަރުގެ ނިޔަލަށް ފެނަކަ ކުންފުނީގެ ޖުމްލަ ދަރަންޏަކީ 1.4 ބިލިއަން ރުފިޔާއެވެ. ފެނަކަ ކުންފުންޏަކީ މިހާރު ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ދަރަނި ބޮޑު އެއް ކުންފުންޏެވެ.

މިހާރުގެ ސަރުކާރުން ވެރިކަމަށް އައިއިރު ފެނަކައިގެ ދަރަނި ހުރީ 627 މިލިއަނުގައެވެ. އެހެން ކަމުން 4 އަހަރު ތެރޭގައި ފެނަކައިގެ ދަރަނި ވަނީ 800 މިލިއަން ރުފިޔާއިން އިތުރުވެފައެވެ.

ދަރަނި އެންމެ ބޮޑަށް އިތުރުވެފައިވަނީ ފާއިތުވި އަހަރެވެ. މިގޮތުން ފާއިތުވި އަހަރު ފެށުނު އިރު ދަރަނީގެ ގޮތުގައި 1.076 ބިލިއަން ރުފިޔާ ހުރިއިރު އަހަރު ނިމުނު އިރު ދަރަނި ވަނީ 1.4 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެއީ 400 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ދަރަނީގެ އެންމެ ބޮޑު ބަޔަކީ އެކި ފަރާތްތަކުން މުދަލާއި ހިދުމަތް ހޯދައިގެން ފެނަކައިން ނުދައްކާ ހުރި ފައިސާއެވެ. އެއީ ޖުމްލަ 1.417 ބިލިއަން ރުފިޔާއެވެ.

ފެނަކައިގެ ދަރަނި ބޮޑުވެ ޚަރަދުތައް ހަމަޖެއްސުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ފެންކައިގެ އެމްޑީ އަޙްމަދު ސައީދު މުޙައްމަދު ސޮއިކުރައްވައި ނެރުއްވި ސާކިއުލާއެއްގައި މުވައްޒަފުންނަށް އަންގާފައިވަނީ، 4 ޑިސެންބަރު 2022ވަނަ ދުވަހުން ފެށިގެން އޮފީހުގެ މަސައްކަތް ހެނދުނު 8:00 އާއި މެންދުރުފަހު 15:00 ގެ ދެމެދުގައި ނިންމަން އަންގާ ކަމަށެވެ.

އޭގެ އިތުރަށް އެހެން ގޮތަކަށް އަންގަންދެން ރަސްމީ ގަޑީގެ އިތުރަށް ބުރާންޗުތަކާއި ޑިޕާޓުމެންޓުތަކުން ނުވަތަ މުވައްޒަފުން މަސައްކަތްކުރަންވާނީ އެކަމަށް ޚާއްޞަ ހުއްދައެއް ލިބިގެންކަމަށްވެސް އެމްޑީ ސައީދު ސޮއިކުރައްވައި ނެރުއްވި ސާކިއުލާގައި ބުނެފައިވެއެވެ.

ފެނަކައިގެ ދަރަނި އަދާނުކުރެވި ޚަރަދުތައް އިންތިހާއަށް ބޮޑުވެފައިވާއިރު ފެނަކައިގެ ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑުވެފައިވަނީ މުވައްޒަފުންނަށްކުރާ ހޭދަކަން ސަރުކާރު ކުންފުނިތައް ޖަވާބުދާރިކުރުވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އެންމެ ފަހުން ނެރުނު ދައުލަތުގެ ކުންފުނިތަކާ ބެހޭ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ސަރުކާރަށް ފާޑުކިޔާ ގިނަ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ މަޤުޞަދުތަކަށް ބޭނުންނުވާ މިންވަރަށް ގިނަ އަދަދެއްގެ ވަޒީފާ ފެނަކައިން އުފައްދާފައިވެއެވެ.

މި ލިއުމާއި ގުޅޭ