ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގެ ތިންވަނަ މެޗުގައި މިރޭ ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ޕޮލެންޑާ ދެކޮޅަށް ނުކުންނާނެ އެވެ.
ދެވަނަ ބުރަށް ފްރާންސް ކޮލިފައިވީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖުގައި ފްރާންސުން އޮސްޓްރޭލިއާ އާއި ޑެންމާކް ބަލިކުރި އެވެ. އެކަމަކު ފަހު މެޗުގައި ޓިއުނީޝީއާ އަތުން ވަނީ ބަލިވެފަ އެވެ. އެ މެޗަށް ނުކުތްއިރު ވެސް ފްރާންސް އޮތީ ދެވަނަ ބުރު ކަށަވަރުކޮށްފަ އެވެ.
2006، 2010 އަދި 2014 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދި ޓީމުތައް ޖެހިގެން އައި މުބާރާތުގެ ގްރޫޕް ސްޓޭޖުން ވަނީ ކަޓައިފަ އެވެ. 2006 ވަނަ އަހަރުގެ ޗެމްޕިއަން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި އެވެ. 2010 ވަނަ އަހަރު ސްޕެއިން ވޯލްޑް ކަޕް ކާމިޔާބުކޮށް ޖެހިގެން އައި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ނުދެވުނެވެ. ހަމަ އެގޮތަށް 2014 ވަނަ އަހަރު ޖަރުމަނުން ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓީ އެވެ. އެކަމަކު އެކަން މިފަހަރު ފްރާންސުން ވަނީ ބަދަލުކޮށްފަ އެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ ޕޮލެންޑަށް ފުރިހަމަ އިހްތިރާމް ކުރާނެ ކަމަށާއި، މެޗު ފަސޭހަކޮށް ނެގެން ނޯންނާނެ ކަމަށެވެ.
"އެޓީމުގައި އެބަތިބި ތަޖުރިބާކާރު ރަނގަޅު ކުޅުންތެރިން. ޕޮލެންޑުން ދައްކާ ކުޅުމަށް އަހަރެމެން އިހުތިރާމް ކުރަންޖެހޭ. މުބާރާތުގައި ކޮންމެ މެޗެއް ވެސް އުނދަގޫ ވާނެ. ހުރިހާ ޓީމެއް ވެސް މުބާރާތަށް އައި ވަރަށް ރަނގަޅަށް ތައްޔާރުވެގެން. ޕޮލެންޑުގެ ކުޅުންތެރިން ވެސް ކުޅެނީ ވަރުގަދަ ލީގުތަކުގަ" ޑެޝޯމްޕްސް ބުންޏެވެ.
ލެވަންޑޯސްކީ ސައުދީ އަރަބިއާ ކޮޅަށް ގޯލު ޖެހުމަށް ފަހު. ފްރާންސް ބަލިކުރަން ލެވަންޑޯސްކީ އަށް ގިނަ ބޯޅަތަކެއް ސަޕްލައި ކުރަންޖެހޭ ކަމަށް ކޯޗު ބުނެފައިވޭ
ޕޮލެންޑް ދެވަނަ ބުރު ކަށަވަރުކުރީ އާޖެންޓީނާ ހިމެނުނު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އެޓީމަށް ދެވަނަ ބުރުގެ ޖާގަ ލިބުނީ ފަހު މެޗުގައި ފައިދާ ގޯލުގެ ތަފާތުންނެވެ. ގްރޫޕް ސްޓޭޖުގައި ސައުދީ އަރަބިއާ އަތުން މޮޅުވިއިރު މެކްސިކޯއާ ކުޅުނު މެޗު އެއްވަރުކުރި އެވެ. ބަލިވީ އާޖެންޓީނާ އަތުންނެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލެންޑުގެ ކޯޗު ޗެސްލޯވް މިޗްނިއެވިޗްޒް މިރޭގެ މެޗުގައި އެޓީމުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އަށް ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރުން މުހިއްމު ކަމަށެވެ.
"ވަރަށް ފަސޭހަ ހާލަތްތަކުގައި އަހަރެމެންނަށް އެބަހުރި އުނދަގޫ ޕާސް ދެވިފަ. ލެވަންޑޯސްކީ އަށް އެންމެ ބޭނުންވާ ގޮތަށް ފުރުސަތުތައް ތަނަވަހެއް ނުކުރެވޭ. އެފެންވަރުގެ ފޯވާޑުންނަށް ބޭނުންވާނެ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކުރަން" ކޯޗު ބުންޏެވެ.
މިއީ ވޯލްޑް ކަޕްގައި ފްރާންސާއި ޕޮލެންޑުގެ ދެވަނަ ކުރިމަތިލުމެވެ. އެންމެ ފަހުން މި ދެޓީމު ވޯލްޑް ކަޕްގައި ވާދަކުރީ 1982 ވަނަ އަހަރު އެވެ. އެ މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި ޕޮލެންޑް ވަނީ 3-2 އިން ފްރާންސް ބަލިކޮށްފަ އެވެ. ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ވެސް ޕޮލެންޑް އަތުން ފްރާންސް ބަލިވެފައެއްނުވެ އެވެ. ތިން މެޗުން ފްރާންސް މޮޅުވިއިރު ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ފްރާންސާއި ޕޮލެންޑް ވާދަކުރާ މެޗު އަށެއް ޖަހާއިރު ފަށާނީ އަލް ތުމާމާ ސްޓޭޑިއަމްގަ އެވެ.