ޔޫކުރެއިނަށް ތާއީދުކުރާ ހުޅަނގުގެ ބާރުތަކުން ރަޝިޔާގެ ތެލުގެ އަގު ފީފާއަކަށް 60 ޑޮލަރުގައި ހިފަހައްޓަން ނިންމި ނިންމުން ބަލައިނުގަންނަކަން އިއުލާނުކުރުމާއެކު، އަގު ހިފަހައްޓަން ތާއީދުކުރި ޤައުމުތަކަށް ތެޔޮ ނުވިއްކާނެކަމުގެ އިންޒާރު ރަޝިޔާއިން ދީފިއެވެ.
ވިލާތުގެ އިއްތިހާދުގައި ހިމެނޭ 27 ޤައުމާއި، އޮސްޓްރޭލިއާއާއި އިނގިރޭސިވިލާތާއި ކެނަޑާއާއި ޖަޕާނު އަދި އެމެރިކާއިންވަނީ ރަޝިޔާއިން ވިއްކާ ތެލުގެ އަގު ފީފާއަކަށް 60 ޑޮލަރަށްވުރެ ބޮޑުނުކުރެވޭނެކަމަށް ކަނޑައަޅާފައެވެ. ރަޝިޔާގެ ތެލުގެ އަގު ވަކި މިންވަރެއްގައި ހިފަހައްޓަން ނިންމި ނިންމުން ތަންފީޒުކުރާނީ އަންނަ ހޯމަދުވަހުން ފެށިގެންނެވެ.
ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާން ޑްމިޓްރީ ޕެސްކޯވް ވިދާޅުވީ އަގު ހިފަހައްޓަން ނިންމި ނިންމުން ބަލައިނުގަންނާނެކަމަށާއި ނަމަވެސް އެ ނިންމުމާ ގުޅިގެން އަޅާނެ ފިޔަވަޅެއް ނިންމުމަށް އިތުރަށް މަސްރަހު ދިރާސާކުރަންޖެހޭނެ ކަމަށެވެ. ވިއެނާގައި ހުންނަ ބައިނަލްއަޤުވާމީ މުއައްސަސާތަކަށް ކަނޑައަޅާފައި ހުންނަވާ ރަޝިޔާގެ ދާއިމީ މަންދޫ މިޚާއިލް އުނިޔަނޯވް ވިދާޅުވީ އެ ނިންމުމަށް ތާއީދުކުރާ ޔޫރަޕުގެ ޤައުމުތަކަށް އެކަމުގެ ހިތިރަހަ ތަޖުރިބާކުރަންޖެހޭނެ ކަމަށެވެ.
އުލްޔަނޯވް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި އަހަރުން ފެށިގެން ޔޫރަޕަށް އުޅެންޖެހޭނީ ރަޝިޔާގެ ތެލާއި ނުލައި ކަމަށެވެ. އަދި ބާޒާރާ ދެކޮޅު އަގު ހިފަހެއްޓުންތަކަށް މަދަދުވެރިވާ ޤައުމުތަކަށް ރަޝިޔާއިން ތެޔޮ ފޯރުކޮށްނުދޭނެކަން ކުރިން އިއުލާނުކޮށްފައިވާނެކަމަށާއި، ވަރަށް އަވަހާއި ރަޝިޔާއިން ތެޔޮ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާކަމަށް އީޔޫން ތުހުމަތުކުރާނެކަމަށް އުލްޔަނޯވް ވިދާޅުވިއެވެ.
އީޔޫއާއި ޖީ-7ގެ ޤައުމުތަކުން ކަނޑައެޅި އަގާމެދު ހިތްހަމަނުޖެހިގެން ޔޫކުރެއިނުގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީގެ އޮފީހުން ނެރުނު ބަޔާނެއްގައި އެއަށްވުރެ އެ އަގު ދަށްކުރުމަށް ގޮވާލާފައިވެއެވެ. އަދި އެ ޤައުމުތަކުން އެކަށީގެންވާ މިންވަރުގެ ހަރުކަށި ފިޔަވަޅުނާޅާކަމަށް ބުނެ އެ ބަޔާނުގައި ފާޑުކިޔާފައިވެއެވެ.
ޒެލެންސްކީގެ އޮފީހުގެ އެންމެ އިސްވެރިޔާ އެންޑްރީ ޔާމަކް ވިދާޅުވީ ރަޝިޔާގެ އިޤުތިޞާދު ހަލުއިކޮށް ސުންނާފަތިކުރުމަށް އެ ޤައުމުގެ ތެޔޮ ވިއްކޭނެ އެންމެ ބޮޑު އަގު 30 ޑޮލަރަށް ތިރިކުރަންޖެހޭ ކަމަށެވެ. އެ ވިސްނުމަކީ ރަޝިޔާއާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލާ ޤައުމުކަމަށްވާ ޕޮލޭންޑުން ތާއީދުކުރާ ވިސްނުމެކެވެ.
ތެޔޮ ވިއްކުމަށް ކޮންމެހެން މުއާމަލާތްކުރަންޖެހޭ އިންޝުއަރޭންސް ކުންފުނިތައް ފަދަ ކުންފުނިތަކަށް ރަޝިޔާގެ ތެޔޮ ސަޕްލައިކުރާ ފަރާތްތަކާއެކު ވިޔަފާރިކުރެވޭނީ ފީފާއެއް 60 ޑޮލަރަށް ނުވަތަ އެއަށްވުރެ ކުޑަ އަގަކަށް ވިއްކާނަމައެވެ. އެއިން ގިނަ ކުންފުނިތަކަކީ އީޔޫއާއި އިނގިރޭސިވިލާތުގައި ހިންގާ ކުންފުނިތަކެވެ.