Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޯލްޑް ކަޕް

ފާޑުކިޔުމަކުން ޓީމަށް އަސަރެއް ނުކުރާނެ: ވެން ހާލް

އެޓީމުގެ އެޓޭކް މާބޮޑަށް ދަށްކަމަށް ބުނެ ފާޑުކިޔުން އަމާޒުވިޔަސް ފަރުވާލެއް ނެތް ކަމަށާއި، ބޭނުންވަނީ ކެތްތެރިކަމާ އެކު ވޯލްޑް ކަޕްގައި ކުރިއަށް ދިއުން ކަމަށް ނެދަލެންޑްސް ޓީމުގެ ކޯޗު ލުއީ ވެން ހާލް ބުނެފި އެވެ.

ވޯލްޑް ކަޕްގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ނެދަލެންޑްސް މިރޭ ނުކުންނާނީ އެމެރިކާއާ ދެކޮޅަށެވެ. ގްރޫޕް އޭގެ އެއްވަނަ ނެދަލެންޑްސް ހޯދިއިރު އެމެރިކާ ވަނީ ގްރޫޕް ބީގެ ދެވަނަ ހޯދާފަ އެވެ. މި ދެޓީމަކީ މިފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ބަލިނުވާ ފަސް ޓީމުގެ ތެރޭގައި ހިމެނޭ ދެޓީމެވެ.

ގްރޫޕް ސްޓޭޖުގައި ނެދަލެންޑްސް ވަނީ އިކުއެޑޯ އާއި އެއްވަރުކޮށް، ގަތަރާއި ސެނެގޯލް ބަލިކޮށްފަ އެވެ. އެމެރިކާ އިން ވަނީ ވޭލްސް އާއި އިންގްލެންޑް މެޗު އެއްވަރުކޮށް ފަހު މެޗުގައި އީރާން ބަލިކޮށްފަ އެވެ. ތިން މެޗުގައި އެމެރިކާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ.

ވެން ހާލް ބުނީ ފާޑުކިޔަސް އޭނާގެ ޓީމަށް އެކަމުގެ ނުރަނގަޅު އަސަރު ނުކުރާނެ ކަމަށެވެ.

"2014 ވަނަ އަހަރު ވެސް ހަމަ އެގޮތަށް ފާޑުކިޔުން އަމާޒުވި. މިފަހަރު ވަކި ތަފާތެއް ނޫން. ހަމަ ވަރަށް ގޯސްކޮށް ނެދަލެންޑްސްގެ ވާހަކަ ދައްކާ. އަހަރެން އެކަމަށް ހޭނިއްޖެ. ކުޅުންތެރިން ވެސް އެކަމަށް ހޭނިފަ ތިބީ" ނެދަލެންޑްސް އަށް ރަނގަޅަށް އެޓޭކް ނުކުރެވޭ ކަމަށް ބުނެ އަމާޒުވާ ފާޑުކިޔުންތަކާއި ގުޅިގެން ވެން ހާލް ބުންޏެވެ.

ވެން ހާލް ބުނީ ނެދަލެންޑްސްގެ އަމާޒަކީ ވިސްނުންތެރިކަމާ އެކު އެޓީމު ކުރިއަށް ދާން އޮތް ދަތުރުގައި، ކާމިޔާބީ ހޯދުން ކަމަށެވެ.

ވެން ހާލްގެ ކޯޗުކަމުގައި ނެދަލެންޑްސް ވަނީ ސެމީ ފައިނަލުގައި ކުޅެފަ އެވެ. އެފަހަރު ސެމީގައި އާޖެންޓީނާ އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.
މިރޭ އެމެރިކާއާ ދެކޮޅަށް ނުކުންނައިރު، ވެން ހާލް އެމެރިކާ ސިފަކުރީ މިފަހަރުގެ އެންމެ މޮޅު އެއް ޓީމުގެ ގޮތުގަ އެވެ.

"އެމެރިކާގައި އޮތީ ވަރަށް މޮޅު ޓީމެއް. އެއީ މިފަހަރު އޮތް އެންމެ މޮޅު އެއް ޓީމޭ އަހަންނަށް ބުނެވިދާނެ" ވެން ހާލް ބުންޏެވެ.
ވެން ހާލް ބުނީ އެމެރިކާގެ ވަރުގަދަކަން އެނގިހުރެ މެޗު ފަސޭހަކޮށް ނުނަގާނެ ކަމަށެވެ.

މިއީ ވެން ހާލް ނެދަލެންޑްސް ކޯޗުކަން ކުރާ ތިންވަނަ ފަހަރެވެ. މިފަހަރުގެ އޭނާގެ ކޯޗުކަމުގައި ނެދަލެންޑްސް އަދި ބައްޔެއް ނުވެ އެވެ. އަދި ވޯލްޑް ކަޕްގައި އޭނާ އިރުޝާދުދިން އެއްވެސް މެޗަކުން ބަލިވެފައެއްނުވެ އެވެ. 2014 ވަނަ އަހަރު އާޖެންޓީނާ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވުމުން، ބަލާފައިވަނީ އެއްވަރުވި މެޗެއްގެ ގޮތުގަ އެވެ. ވެން ހާލްގެ ކޯޗުކަމުގައި ނެދަލެންޑްސް ވަނީ ވޯލްޑް ކަޕްގެ ހަތް މެޗު ކާމިޔާބުކޮށް ތިން މެޗު އެއްވަރުކޮށްފަ އެވެ.

އެމެރިކާ އާއި ނެދަލެންޑްސް ވާދަކުރާ މެޗު ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ފަށާނީ މިރޭ ރާއްޖެ ގަޑިން އަށެއް ޖަހާއިރު އެވެ.

މި ލިއުމާއި ގުޅޭ