ޔޫރަޕުގެ ހަ ޤައުމެއްގައި ހުންނަ ޔޫކުރެއިނުގެ އެމްބަސީތަކާއި ކޮންސިއުލޭޓުތަކަށް ޖަނަވާރުގެ ލޯތަކެއް އަޅާފައިހުރި ޕެކޭޖުތަކެއް ލިބިފައިވާކަމަށް އެ ޤައުމުން ބުނެފިއެވެ.
ޔޫކުރެއިނުގެ ޚާރިޖީވުޒާރާގެ ތަރުޖަމާޏް އޯލޭ ނިކޮލެންކޯ ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ޖަނަވާރުގެ ލޯ އަޅާފައިވާ ޕާރިސަލްތައް ލިބުނީ ހަންގޭރީއާއި ނެދަލޭންޑްސްއާއި ޕޮލޭންޑާއި ކްރޮއޭޝިއާއާއި އިޓަލީގައި ހުންނަ ޔޫކުރެއިން އެމްބަސީތަކަށާއި، އިޓަލީގެ ނޭޕްލްސްއާއި ޕޮލޭންޑް ކްރަކޯވްއާއި ޗެކް ރިޕަބްލިކްގެ ބްރްނޯގައި ހުންނަ އެ ޤައުމުގެ ކޮންސިއުލޭޓުތަކަށް ކަމަށެވެ.
އަދި މިހާރު ޔޫކުރެއިނުން އެ މެސެޖުގެ މާނަ ދިރާސާކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށްވެސް އޭނާ ލިޔުއްވިއެވެ.
ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުގެ 10:30 ހާއިރު ނޭޕްލްސްގައި ހުންނަ ޔޫކުރެއިނުގެ ކޮންސިއުލޭޓަށް މަހު ލޯ އަޅާފައިވާ ޕާރިސަލެއް ލިބިފައިވާކަން ނޭޕްލްސްގައި ހުންނަވާ ކޮންސިއުލް މަކްސީމް ކޮވަލެންކޯ ވިދާޅުވެފައިވެއެވެ. އޭނާ ޤަބޫލުކުރައްވާ ގޮތުގައި މި މެސެޖަކީ ވަރަށް ވަރުގަދަ އަދި ނުރައްކާތެރި ނިޝާނެކެވެ.
ނިކޮލެންކޯ ވިދާޅުވި ގޮތުގައި މި ޕާރިސަލް ކޮންސިއުލޭޓަށް ލިބުނީ ބުދަދުވަހުގައި ސްޕެއިނުގައި ހުންނަ ޔޫކުރެއިނުގެ އެމްބަސީއަށް ޕެކޭޖެއްގައި ފޮރުވާފައި ފޮނުވި ބޮމެއް އެ ޕެކޭޖު ހުޅުވުމުން ގޮވައި އެކަކަށް އަނިޔާވެފައިވަނިކޮށެވެ.
ނިމުނު ދުވަސްތަކުގައި ވެޓިކަނުގައި ހުންނަވާ ޔޫކުރެއިނުގެ އެމްބަސަޑަރު ދިރިއުޅުއްވާ ގެއަށް ބަޔަކު ގެއްލުން ދީފައިވެއެވެ. އަދި ކަޒަކިސްތާނުގައި ހުންނަ ޔޫކުރެއިން އެމްބަސީއަށް ބޮމުގެ ހަމަލާއެއް ދޭނެކަމުގެ އިންޒާރުވެސް ލިބިފައިވާކަމަށް ނިކޮލެންކޯ ވިދާޅުވިއެވެ.