Friday 3rd Feb 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ބަރުލަމާނީ ނިޒާމަކަށް ރައީސް ޞާލިހްގެ ތާއީދު ލިބޭނެ: ރައީސް ނަޝީދު

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީން ބާއްވާ ޕްރައިމަރީއަށް އެމަނިކުފާނުގެ ކެމްޕޭނަށް ގދ. ތިނަދޫއަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި އެމްޑީޕީގެ ފަރާތުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ބިނާ ކުރެއްވީ ބަރުލަމާނީ ނިޒާމަކަށް ކަމަށާއި އެމްޑީީޕީން 2018 ވަނަ އަހަރު ރައްޔިތުންނާއި ހަމައަށް ގެނައި މެނިފެސްޓޯގައި ވެރިކަމުގެ ނިޒާމު ބަދަލުކުރާ ވާހަކަ ހިމެނީ އެކަން ފުރިހަމަ ކުރުމަށް ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ދާއިރާތަކާއި އެ ޕާޓީގެ ގޮފިތަކާއި އެ ޕާޓީގެ މުޅި އޮނިގަނޑު އޮތީ ބަރުލަމާނީ ނިޒާމެއްގައިކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރިޔާސީ ނިޒާމަކީ ސިޔާސީ ޕާޓީތަށް ހިންގާ ނިޒާމެއް ނޫންކަމަށާއި ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށްޓަކައި އެމްޑީޕީ ވެރިކަމަށް އަންނަތާ 18 މަސް ދުވަހުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓަކަށް އެހުމަކީ އެމްޑީޕީން ވެފައިވާ ވައުދެއްކަމަށެވެ.

އެކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މިސަރުކާރުން ރައްޔިތުންގެ ގާތުގައި އެވޯޓަށް ނާހައި، އިތުރު ވާހަކައެއް އެހުމަކީ އެހާ ބުއްދިވެރިކަމެއް ނޫން ކަމަށާއި ބަރުލަމާނީ ނިޒާމެއް ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އަދި އެ މަސައްކަތައް ރައީސް ޞާލިހްގެ ތާއީދު ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލްކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ