Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖުޑީޝަލް ސާވިސް ކޮމިޝަން

ފަނޑިޔާރަކު އެދިވަޑައިގެންފިނަމަ ޖޭއެސްސީން ބާއްވާނީ ހުޅުވާލެވިފައިވާ އަޑުއެހުމެއް: ހިސާން

ޖޭއެސްސީން ބަލާ ސުލޫކީ މައްސަލައެއްގެ އަޑުއެހުމެއް ހުޅުވާލައިގެން ކުރިއަށްގެންދަން ފަނޑިޔާރަކު އެދިވަޑައިގެންފިނަމަ އެ ހާލަތުގައި ކޮމިޝަނުގެ ތަހުގީގުކުރާ ކޮމިޓީގެ އަޑުއެހުން ބާއްވާނީ ހުޅުވާލައިގެންކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

މިފަދައިން ހިސާން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާމެދު ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލައެއްގެ އަޑުއެހުންތައް ހުޅުވާލައިގެން ބާއްވަން މަހާޒު އެދިވަޑައިގެންފައިވަނިކޮށް އެ މައްސަލައިގެ އަޑުއެހުންތައް ހުޅުވާލައިގެން ބާއްވަން އަދި ނިންމާފައިނުވާކަމަށް ޖޭއެސްސީގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނިކޮށެވެ.

ފަނޑިޔާރު މަހާޒަށް ޖޭއެސްސީން ތުހުމަތުކުރަނީ އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެއްވި މައްސަލައިގެ ހުކުމްކުރުން އޮތް ދުވަހު އެމަނިކުފާނަށް ތާއީދުކުރާ މީހަކު ފޮނުވި ފަރިއްކޮޅެއް ފަރިއްކުޅުއްވިކަމަށެވެ. ނަމަވެސް މަހާޒު ވިދާޅުވެފައިވަނީ އެ ދުވަހުވެސް ފަރިއްކޮޅު ބައްލަވައިގަތީ އަމިއްލައަށް ފައިސާ ދައްކަވާފައިވާ އަމިއްލަ ޚަރަދުގައި ކަމަށެވެ.

މައްސަލަތައް ކުރިއަށްދާއިރު ކޮންމެ ދުވަހަކުވެސް އެއް ފަނޑިޔާރަކު ދެން ތިއްބަވާ ދެ ބޭފުޅުންނަށް ފަރިއްކޮޅު ދެއްވުމަކީ ސުޕްރީމް ކޯޓުގައި ވަރަށް އާންމުކޮށް ހިނގާ ކަމެއްކަމަށް މައުލޫމާތު ލިބެއެވެ. އަދި ރައީސް ޔާމީނުގެ މައްސަލަ ކޮންމެ ދުވަހަކުވެސް ދިގުލައިގެންދާތީ އެ މައްސަލަ ނިމެންދެން ފަނޑިޔާރުން އަމަލުކުރެއްވީ އެގޮތަށްކަމަށް ފަނޑިޔާރު މަހާޒު ވިދާޅުވިއެވެ.

އެ ދުވަހު މަހާޒު ފަރިއްކޮޅު ބައްލަވައިގަތީ އޭނާގެ ބަފައިބެ ޝައިޚް ޢަބްދުލްޢަޒީޒު ޔޫސުފުގެ ރެސްޓޯރެންޓަކުންކަމަށް މައުލޫމާތު ލިބިފައިވެއެވެ. ޝައިޚް ޢަބްދުލްއަޒީޒަކީ ސިޔާސީ އެއްވެސް މަސައްކަތެއްގައި އުޅުއްވާ ބޭފުޅެއް ނޫންކަން ފާހަގަކުރެވެއެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ހުޅުވާލައިގެން ބާއްވަން ފަނޑިޔާރު މަހާޒު އެދިވަޑައިގެންފައިވާއިރު، އެ މައްސަލައިގެ އަޑުއެހުންތައް ހުޅުވާލައިގެން ނުބޭއްވުމަށް މައްސަލަ ތަހުގީގުކުރާ ކޮމިޓީގެ މެންބަރުންނަށް ޖޭއެސްސީގެ ރައީސް ޙިސާން ބާރުއަޅުއްވާކަމަށް، އެ ކޮމިޝަނުގެ އިސްވެރިޔަކު ނަން ނުޖެހުން ޝަރުތުކޮށް "ދިޔަރެސް"އަށް މައުލޫމާތު ދެއްވާފައިވެއެވެ.

ނަމަވެސް އެ މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫންކަމަށް ވިދާޅުވެ ހިސާން ފާހަގަކުރެއްވީ ޖޭއެސްސީގެ އުސޫލުތަކާއި ޤަވާއިދުތަކުގައިވާ ގޮތުން ފަނޑިޔާރަކު ހުޅުވާލައިގެން އަޑުއެހުން ބާއްވަން އެދިވަޑައިގެންފިނަމަ އެގޮތަށް ހުޅުވާލާފައިވާ އަޑުއެހުމެއް ބޭއްވުމަކީ ލާޒިމުކަމެއް ކަމަށެވެ. އަދި އެ އަޑުއެހުން ހުޅުވާލައިގެން ގެންދިއުމާއި ނުގެންދިއުމުގެ އިޚުތިޔާރެއް މައްސަލަ ބަލާ ކޮމިޓީއަކަށް ނޯންނާނެ ކަމަށްވެސް ހިސާނު ވިދާޅުވިއެވެ.

އަދި ހުޅުވާލައިގެން އަޑުއެހުންތައް ބޭއްވުމަށް ފަނޑިޔާރުން އެދުމަކީ ޖޭއެސްސީގެ ރައީސްގެ ހައިސިއްޔަތުން އޭނާ މަރުހަބާ ވިދާޅުވާ ކަމެއްކަމަށާއި، އަދި ހުރިހާ ފަނޑިޔާރުންވެސް ހުޅުވާލެވިފައިވާ އަޑުއެހުންތަކެއް ބާއްވަން އެދުމަށް ބާރުއަޅުއްވާކަމަށްވެސް ހިސާން ވިދާޅުވިއެވެ. ހިސާން ވިދާޅުވި ގޮތުގައި ހުޅުވާލެވިފައިވާ އަޑުއެހުންތަކެއް ބޭއްވުމަކީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގެ މަސައްކަތުގެ ދެފުށްފެންނަ މިންވަރު އިތުރުވާނެ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ