ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައމްަދު ޞާލިހްގެ ސަރުކާރަކީ އެންމެ ކޮރަޕްޓް ސަރުކާރު ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
މެންބަރު ޣައްސާން މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ 2018 ވަނަ އަހަރު މި ސަރުކާރުން ވެރިކަމަށް އައުމަށް ހެދި ދޮގު ވައުދުތައް ހާމަވެފައިވާ ކަމަށާއި އޭރު ވައްކަމާއި ދެކޮޅު ކަމަށް ބުނި ކަމަށެވެ. އެހެންނަމަވެސް މިއީ އެންމެ ކޮރަޕްޓް ސަރުކާރު ކަމަށް އޭނާ ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައުމަށް އެކި ވާހަކަ ދެއްކި އިރު މިއީ އިންސާފުގެ ދަތުރޭ ބުނި ކަމަށާއި އެގޮތުން މި ސަރުކާރުން އެކި މީހުންނަށް ކަން ކުރަނީ އެކި ގޮތަށް ކަމަށެވެ.
އަދި ޖޭއެސްސީ ބޭނުންކޮށްގެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން އުޅުން މިއަދު އާއްމު ވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ޣައްސާން ވިދާޅުވީ ދަރަނި ނުނަގާނެ ކަމަށް މި ސަރުކާރުން ބުނި ކަމަށެވެ. އެގޮތުން މި ސަރުކާރުން ދަރަނި ނުނަގާތޯ އައްސަވާ އޭނާ ވަނީ މިސަރުކާރާ ސުވާލު ކުރައްވާފައެވެ.
މެންބަރު ޣައްސާން މިފަދައިން ވިދާޅުވެފައިވާއިރު އިންޑިއާ ސަރުކާރުން ދާދި ފަހުން ވަނީ ރާއްޖެއަށް ސަތޭކަ މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ.