Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރަޝިޔާ

ޖީ-7އާއި އީޔޫން ރަޝިޔާގެ ތެލުގެ އަގު ފީފާއަކަށް 60 ޑޮލަރުގައި ހިފަހައްޓަން ނިންމައިފި

ރަޝިޔާއިން ބާޒާރަށް ނެރޭ ތެލުގެ އަގު ހިފަހައްޓައި ފީފާއެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 60 އެމެރިކާ ޑޮލަރުކަމަށް ވިލާތުގެ އިއްތިހާދާއި ޖީ-7އާއި އޮސްޓްރޭލިއާއިން އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމުގެ ބޭނުމަކީ ޔޫކުރެއިން ހަނގުރާމައަށް ޚަރަދުކުރަން ބޭނުންވާ ފައިސާ ރަޝިޔާއަށް ނުލިބޭނެ ގޮތް ހެދުމާއެކު ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާދިއުން ހުއްޓުވުންކަމަށް އެ ޤައުމުތަކުން ބުނެއެވެ.

އީޔޫއިން ރަޝިޔާގެ ތެޔޮ ގަނެވޭނެ އަގު ކަނޑައެޅީ ކަނޑު މަގުން ރަޝިޔާއިން ބޭރުކުރާ ތެޔޮ ގަތުން މަނާކުރުމާއެކު، އެފަދަ މުދަލަށް އިންޝުއަރޭންސްގެ ޚިދުމަތް ދިނުން މަނާކުރުމާ ގުޅިގެންނެވެ. ޖީ-7ގެ ޤައުމުތަކުން މި ފިޔަވަޅަށް ތާއީދުކުރުމުގެ ބޭނުމެއްކަމަށް ބުނެފައިވަނީ ރަޝިޔާގެ ތެޔޮ ބާޒާރުން ކުއްލިއަކަށް ގެއްލި އެކަމުގެ ސަބަބުން ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ހިރާސް ކުޑަކުރުމަށް ކަމަށެވެ.

އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ޖަނެޓް ޔެލެން ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ ރަޝިޔާގެ ރައީސް ޕުޓިން ޔޫކުރެއިނުގައި ހިންގަވަމުންގެންދަވާ ހަނގުރާމައަށް ބޭނުންވާ ފައިސާ ލިބޭ މައިގަނޑު މަސްދަރުން ފައިސާ ލިބޭ މިންވަރު ހަނިކުރެވުމާއެކު، ބައިނަލްއަޤުވާމީ ހަކަތައިގެ ސަޕްލައިއަށް ހަމަޖެހުން ލިބި އަގުތައް އެއްވަރެއްގައި ހިފަހެއްޓުމަށް ބާރުއެޅޭނެ ކަމަށެވެ.

މި އެއްބަސްވުމަށް ވާސިލުވެފައިވަނީ ދިގުލައިގެންދިޔަ މަޝްވަރާތަކަކަށް ފަހުއެވެ. އެގޮތުން ޕޮލޭންޑުންވަނީ އަގު ކުޑަކުރެވޭނެ އެންމެ ކުޑަ މިންވަރަކަށް އަގު އަޑުކުރުމަށް މަސައްކަތްކޮށްފައެވެ. 24 ގަޑިއިރަށް ދެމިގެންދިޔަ މަޝްވަރާތަކަށްފަހު ވިލާތުގެ ގިނަ ޤައުމުތަކުން އެ އެއްބަސްވުމަށް ތާއީދުކުރިއެވެ. އަދި ހުކުރުދުވަހުގައި ޕޮލޭންޑުންވެސް އެ އެއްބަސްވުމަށް ތާއީދުކުރަން ނިންމިއެވެ.

ޖީ-7ގެ ޤައުމުތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަޝިޔާގެ ތެޔޮ ވިއްކޭނެ އެންމެ ބޮޑު އަގު މުރާޖައާކޮށް އެ އަގަށް ހާލަތާ ގުޅޭ ގޮތުން ގެންނަންޖެހޭ ބަދަލުތަކެއް ހުރިނަމަ އެ ބަދަލުތައް ގެންނަން އެ ގުރޫޕުގެ ޤައުމުތައް ތައްޔާރުކަމަށެވެ. ޚާއްޞަކޮށް މި ބަދަލާ ގުޅިގެން ގުޅިފައިވާ އިއްތިހާދުގެ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކުރާނެ އަސަރަށް އެފަދަ ހާލަތެއްގައި ރިއާޔަތްކުރާނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފީފާއަކަށް 60 ޑޮލަރުގެ އަގަކީ މިހާރުވެސް ބާޒާރުގައި ރަޝިޔާގެ ތެޔޮ ވިކޭ އަގާ ކައިރިކުރާ އަގެކެވެ. އެހެންކަމުން ބައެއް ފަރާތްތަކުން ބުނެފައިވަނީ މި އަގަކީ ރަޝިޔާއަށް އާމްދަނީ ލިބޭ މިންވަރު މަދުކުރުމަށް އެކަށީގެންވާ މިންވަރުގެ ހުރަހަކަށްނުވާނެ ކަމަށެވެ. ނަމަވެސް އެ އަގަކީ ތެލުގެ އަގު ބަލަން ބޭނުންކުރާ ބައިނަލްއަޤުވާމީ މިންގަނޑުކަމަށްވާ ބްރެންޓުގެ މިންގަނޑުން ތެލުގެ އަގުހުރި މިންވަރުކަމަށްވާ ފީފާއަކަށް 85.48 ޑޮލަރަށްވުރެ ވަރަށް ބޮޑުތަން ކުޑަ އަގެކެވެ.

މި ލިއުމާއި ގުޅޭ