Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޯލްޑް ކަޕް

ދެވަނަ ބުރު ޔަގީންކޮށް ދެކުނު ކޮރެއާގެ ކުޅުންތެރިން ލޮލުން އުފަލުގެ ކަރުނަ

ފީފާ ވޯލްޑް ކަޕްގައި ފަހު ވަގުތު ޕޯޗުގަލް 2-1 އިން ބަލިކޮށް ވޯލްޑް ކަޕްގެ ދެވަނަ ބުރުގެ ޖާގައެއް ދެކުނު ކޮރެއާ އިން ހޯދައިފި އެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި އުރުގުއޭ މިރޭ ވަނީ 2-0 އިން ގާނާ ބަލިކޮށްފަ އެވެ. އެކަމަކު އެޓީމަށް ދެވަނަ ބުރު ކަށަވަރުކުރެވޭ ގޮތެއްނުވި އެވެ. މިރޭގެ މެޗަށް ނުކުތްއިރު ދެކުނު ކޮރެއާ އަށް ދެވަނަ ބުރުގެ ފުރުސަތު އޮތީ ހަނިކޮށެވެ. އެޓީމަށް އޮތް ހަމައެކަނި ގޮތަކީ ޕޯޗުގަލް ބަލިކޮށް އުރުގުއޭގެ ނަތީޖާ އަށް އިންތިޒާރު ކުރުމެވެ.

މި ގްރޫޕުގެ އެއްވަނަ ހޯދީ ހަ ޕޮއިންޓާ އެކު ޕޯޗުގަލް އެވެ. ދެވަނަ ލިބުނު ދެކުނު ކޮރެއާ އާއި ތިން ވަނަ ލިބުނު އުރުގުއޭ ވެސް ނިންމާލީ ހަތަރު ޕޮއިންޓުގަ އެވެ. މި ދެޓީމަށް ފައިދާ ގޯލެއް ވެސް ލިބިފައި ނެތުމާ އެކު ދެން ބެލީ ދެޓީމުން ޖެހި ގޯލުގެ އަދަދަށެވެ. ދެކުނު ކޮރެއާ އިން ތިން މެޗުގައި ހަތަރު ގޯލު ޖެހިއިރު ތިން މެޗުގައި އުރުގުއޭ އަށް ޖެހުނީ ދެ ގޯލެވެ. އެހެންވެ ޖެހި ގޯލުގެ ތަފާތުން ދެކުނު ކޮރެއާ އަށް ދެވަނަ ބުރު ޔަގީންވި އެވެ. ގްރޫޕުގެ ފުލަށް ދިޔަ ގާނާ އަށް ލިބުނީ ތިން ޕޮއިންޓެވެ.

ޕޯޗުގަލް އާއި ދެކުނު ކޮރެއާ މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލްގެ ރިކާޑޯ ހޯޓާގެ ގޯލުން ލީޑު ނެގި އެވެ. މިއީ މިރޭ ފުރަތަމަ އެގާރައި ހިމެނިގެން ކުޅުނު ޑިއޯގޯ ޑަލޯގެ އެހީތެރިކަމާ އެކު ހޯޓާ ޖެހި ލަނޑެކެވެ. މި ހާފުގައި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރުވި އެވެ. ރޮނާލްޑޯ ފޮނުވާލި ބޯޅަ ދެކުނު ކޮރެއާގެ ކީޕަރު ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެކުނު ކޮރެއާ އިން ނަތީޖާ ހަމަހަމަކުރި އެވެ. 27 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ ކިމް ޔަންގް-ވޮން އެވެ.
ދެވަނަ ހާފުގައި ދެކުނު ކޮރެއާ އިން ބޮޑަށް މަސައްކަތްކުރީ ޑިފެންސް ކުރުމަށް ފަހު ލިބޭ ފުރުސަތުގެ ބޭނުން ހިފާށެވެ. ދެކުނު ކޮރެއާ އިން މެޗުގެ ނަތީޖާ އަނބުރާލީ އިތުރު ވަގުތުގަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ސޮން ހެއުން މިންގެ ދިން ބޯޅަ އޭރިޔާ ތެރެއަށް ވަދެ ގޯލަށް ވައްދާލީ ހުވާން ހީ-ޗަން އެވެ. އޭނާ އަށް ލިބުނު ބޯޅަ ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ.

ޕޯޗުގަލްގެ މައްޗަށް ކާމިޔާބީ ހޯދުމަށް ފަހު ދެކުނު ކޮރެއާގެ ކުޅުންތެރިން ތިބީ ދަނޑު މެދުގައި އުރުގުއޭގެ މެޗުގެ ނަތީޖާ އަށް އިންތިޒާރު ކުރާށެވެ. އުރުގުއޭ އަށް އިތުރު ގޯލެއް ނުޖެހި މެޗު ނިމުމުން ދެކުނު ކޮރެއާ އަށް ދެވަނަ ބުރު ޔަގީންވި އެވެ.

ހިތްވަރާ އެކު ޕޯޗުގަލް އަތުން ހޯދި ބޮޑު މޮޅާ އެކު ދެކުނު ކޮރެއާގެ ކުޅުންތެރިންގެ ލޮލުން ފެނުނީ އުފަލުގެ ކަރުނަ އެވެ. އެޓީމުގެ ކެޕްޓަން ސޮން އާއި އެހެން ކުޅުންތެރިން ރުއި މަންޒަރު އެވަގުތު ފެނުނެވެ. އަދި ދެވަނަ ބުރު ޔަގީންވުމާ އެކު ދެކުނު ކޮރެއާގެ ކުޅުންތެރިން ދަނޑުމަތީގައި ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.

ދެކުނު ކޮރެއާ އަކީ ވޯލްޑް ކަޕްގެ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކުރި އޭޝިއާގެ ތިންވަނަ ޓީމެވެ. މީގެ ކުރިން އޮސްޓްރޭލިއާ އާއި ޖަޕާނުން ދެވަނަ ބުރު ޔަގީންކުރި އެވެ.
ދެވަނަ ބުރުގައި ދެކުނު ކޮރެއާ ނުކުންނާނީ ގްރޫޕް ޖީގެ އެއްވަނަ ޓީމާ ދެކޮޅަށެވެ. މިހާރު އޮތްގޮތުން ދެކުނު ކޮރެއާ ދެވަނަ ބުރުގައި ވާދަކުރަން ޖެހޭނީ ބްރެޒިލްއާ އެވެ.

މި ލިއުމާއި ގުޅޭ