އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް، އެމަނިކުފާނާއެކު މަސައްކަތް ކުރެއްވުމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
އިއްޔެ އޮތް 'އާސްކް ސްޕީކާ' ޕްރޮގުރާމުގެ ތެރެއިން މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އަސްލަމަކީ އެމަނިކުފާނަށް ވަރަށް މަގްބޫލު ބޭފުޅެއް ކަމަށާއި އެއީ މަޖިލިސް މެންބަރުންގެ ތެރެއިންވެސް އެންމެ ހަރުދަނާ އެކަކު ކަމަށެވެ.
އާސްކް ސްޕީކާ ޕްރޮގުރާމުގައި އެމީހާ ރައީސް ނަޝީދާ ސުވާލު ކުރެއްވީ އަސްލަމަކީ ކުރިން އެމަނިކުފާނުގެ އަރިސް ބޭފުޅަކަށް ހުންނެވުމަށްފަހު މަޖިލިސް ރައީސްކަން ނުލިބުނު ހިސާބުން އޭނާ ނަޝީދާ ދެކޮޅަށް މަސައްކަތް ކުރައްވާ ކަމަށް ބުނެ އެވެ. އެހެންކަމުން އަދިވެސް ރައީސް ނަޝީދު އަސްލަމަށް ތާއީދު ކުރައްވަންތޯ އޭނާ އެއްސެވި އެވެ.
"އަޅުގަނޑު ވަރަށް މަގްބޫލު ބޭފުޅެއް އަސްލަމަކީ، އަލުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ޕާލިމެންޓޭރިއަނުންގެ ތެރެއިން އެންމެ ހަރުދަނާ އެއް ބޭފުޅާ އެއީ. ދެން އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި އަސްލަމް ބައިވެރި ނުކޮށް އަޅުގަނޑު ކުރަން އޮތް އެއްވެސް ކަމެއް ހަގީގަތުގައި ނެތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެހެންކަމުން ސިޔާސީ ހަޔާތުގައި އަސްލަމް އެމަނިކުފާނާއެކު ހުންނެވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އަދި ބައެއް ފަރާތްތަކުން އެގޮތަށް ގަބޫލުކުރިޔަސް އަސްލަމް އެމަނިކުފާނާ ދެކޮޅަށް މަސައްކަތް ނުކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް އެދެން، އަޅުގަނޑާ އެކުގައި މަސައްކަތް ކުރެއްވުމަށް އަސްލަމް ހުންނެވުމަށް. ސުވާލުކުރެއްވި ބޭފުޅާ އެގޮތަށް ދެކެވަޑައިގަތަސް ވެސް އަސްލަމް އަޅުގަނޑަ އިދިކޮޅަކަށެއް މަސައްކަތެއް ނުކުރައްވާ. އަޅުގަނޑު ދެކޭ ގޮތުގައި ނުވެސް ކުރައްވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އިއްޔެ ކުރިއަށްދިޔަ އާސްކް ސްޕީކާ ޕްރޮގުރާމުގެ ތެރެއިން ރައީސް ނަޝީދު-- ފޮޓޯ/ މަޖިލިސް
އެމަނިކުފާނު އެހެން ވިދާޅުވި ނަމަވެސް އެމްޑީޕީ ދެ ފެކްޝަނަކަށް ބެހިފައި އޮތް އިރު، އަސްލަމް ފާހަގަކުރެވެނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ މެންބަރެއްގެ ގޮތުގަ އެވެ. ރައީސް ސޯލިހަށާއި ސަރުކާރަށް ތާއީދުކުރާ ގިނަ މެންބަރުން ދަނީ ފާޑުގައި ރައީސް ނަޝީދަށް ފާޑުވިދާޅުވަމުންނެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު އަސްލަމަށް ރަނިން މޭޓުކަށް ދިނުމަށް އެއްބަސްވުމަށްފަހު އެ މަގާމު ދިނީ މުސްތަފާ ލުތުފީއަށެވެ. 2019 ވަނަ އަހަރު ރައީސް ނަޝީދު ބެކްކޮށްގެން އަސްލަމް މަޖިލިސް ރައީސްކަމަށް ކުރިމަތިލުމުންވެސް އޭނާ އެއިގެން ފެއިލްކޮށްފި އެވެ.
އޭގެ ފަހުން ރައީސް ނަޝީދުގެ ތާއީދާއެކު އެމްޑީޕީގެ ނައިބު ރައީސް ކަމަށް އަސްލަމް ކުރިމަތިލުމުންވެސް ފަހު ވަގުތު އެ މަގާމަށް ހޮވީ މުހައްމަދު ޝިފާސް (ޝިއްޕެ) އެވެ. އަސްލަމް ޕީޖީ ލީޑަރުކަމުގެ މަގާމަށް އޭގެ ފަހުން ހޮވުނީ ރައީސް ސޯލިހުގެ ތާއީދާއެކު އެވެ.
އަސްލަމް ރައީސް ނަޝީދަށް ކުރައްވާ ތާއީދު އަނބުރާ ގެންގޮސް، ރައީސް ސޯލިހުގެ ފެކްޝަނާ ގުޅުނީ އެ ސަބަބުތަކާ ހުރެ ކަމަށް ބެލެވެ އެވެ.