ގްރޫޕް ޑީގައި މިރޭ އޮސްޓްރޭލިއާ އަތުން 0-1 އިން ބަލިވެ، ދެވަނަ ބުރުގެ ޖާގަ ގެއްލި މަޝްހޫރު ޑެންމާކް ގްރޫޕުގެ އެންމެ ފުލުގައި ވޯލްޑް ކަޕް ނިންމާލައިފި އެވެ.
ޑެންމާކަކީ ކޮލިފައިންގައި ރަނގަޅު ނަތީޖާތަކެއް ނެރުނު ޓީމެކެވެ. އަދި މިދިޔަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި އެޓީމު ވާދަކުރި އެވެ. އެކަމަކު މިފަހަރުގެ ވޯލްޑް ކަޕްގައި އެޓީމު ފެނުނީ ދަށްކޮށެވެ. ތިން މެޗުގެ ތެރެއިން ފްރާންސާއި އޮސްޓްރޭލިއާ އަތުން ބަލިވިއިރު އެއްވަރުކުރެވުނީ ޓިއުނީޝިއާއާ އެވެ.
މި ގްރޫޕުން އަނެއް ބުރަށް ދަތުރުކުރި ފްރާންސާއި އޮސްޓްރޭލިއާ ވެސް ވަނީ ހަ ޕޮއިންޓް ހޯދާފަ އެވެ. ގޯލުގެ ތަފާތުން ގްރޫޕުގެ އެއްވަނަ ލިބުނީ ފްރާންސަށެވެ. ހަތަރު ޕޮއިންޓާ އެކު ޓިއުނީޝިއާ އަށް ލިބުނީ ތިންވަނަ އެވެ.
މިރޭގެ މެޗު ފަށައިގެން ޑެންމާކުން ވަނީ މޮޅަށް ކުޅެ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު އޮސްޓްރޭލިއާ އިން ވަނީ ކުޅުން ރަނގަޅުކޮށް ޑެންމާކަށް ޕްރެޝަރުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފު ޑެންމާކުން ފެށީ އެޓޭކުތައް ވަރުގަދަކޮށެވެ. އެކަމަކު މެޗުގައި ލީޑު ނެގީ އޮސްޓްރޭލިއާ އިންނެވެ. މެޗުގެ 60 ވަނަ މިނެޓުގައި އޮސްޓްރޭލިއާގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މެތިއު ލެކީ އެވެ. މިއީ ރިލޭ މެގްރީގެ އެހީތެރިކަމާ އެކު ލެކީ ޖެހި ލަނޑެކެވެ.
މިއީ 2006 ވަނަ އަހަރަށް ފަހު އޮސްޓްރޭލިއާ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އޭގެފަހުން 2010، 2014 އަދި 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން އޮސްޓްރޭލިއާ ކެޓީ އެވެ.
ދެވަނަ ބުރުގައި އޮސްޓްރޭލިއާ ނުކުންނާނީ ގްރޫޕް ސީގެ އެއްވަނަ ޓީމާ ދެކޮޅަށެވެ. މި ގްރޫޕުގައި ހިމެނެނީ އާޖެންޓީނާ، ޕޮލެންޑް، މެކްސިކޯ އަދި ސައުދީ އަރަބިއާ އެވެ.
ވޯލްޑް ކަޕްގައި މިރޭ 12 ޖަހާއިރު ކުޅޭނީ ގްރޫޕް ސީގެ ފަހު މެޗުތަކެވެ.