Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޯލްޑް ކަޕް

ޓިއުނީޝިއާ އިން ފްރާންސް ބަލިކޮށްފި

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޑީގައި މިރޭ ޓިއުނީޝިއާ އަތުން 0-1 އިން ބަލިވި ނަމަވެސް ފްރާންސުން ގްރޫޕުގެ އެއްވަނަ ކަށަވަރު ކޮށްފި އެވެ.
މި ގްރޫޕުގައި މިރޭ ކުޅުނު އަނެއް މެޗުގައި އޮސްޓްރޭލިއާ އިން ވަނީ ޑެންމާކް 0-1 އިން ބަލިކޮށް ދެވަނަ ބުރު ކަށަވަރުކޮށްފަ އެވެ. ގްރޫޕުގެ އެއްވަނަ ލިބުނު ފްރާންސާއި ދެވަނަ ލިބުނު އޮސްޓްރޭލިއާ ނިންމާލީ ހަ ޕޮއިންޓުގަ އެވެ. ޓިއުނީޝިއާ އަށް ހަތަރު ޕޮއިންޓް ލިބުނުއިރު ފުލަށް ދިޔައީ ޕޮއިންޓެއް ލިބުނު ޑެންމާކެވެ.

މެޗަށް ނުކުތްއިރު ފްރާންސަށް ދެވަނަ ބުރު ކަށަވަރުވެފައި އޮތުމުން ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވަނީ ފުރަތަމަ އެގާރަ އަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައި ކުޅުނު ކުޅުންތެރިންގެ ތެރެއިން، މިރޭ ފުރަތަމަ އެގާރައިން ފުރުސަތު ދިނީ ރަފައެލް ވެރާން އަދި އައުރެލިން ޗުއަމެނީ އަށެވެ.

ޓިއުނީޝިއާ އިން އެޓީމުގެ ތަޖުރިބާކާރު ކެޕްޓަން ވަބީ ކަޒްރީ ފުރަތަމަ އެގާރައިގައި ހިމެނި އެވެ.

ބަދަލުތަކާ އެކު މެޗު ފަށައިގެން ފްރާންސް ފެނުނީ ދަށްކޮށެވެ. ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މި ހާފުގައި މޮޅަށް ކުޅުނީ ޓިއުނީޝިއާ އެވެ. މި ހާފުގެ ކުރީކޮޅު ޓިއުނީޝިއާގެ ކުޅުންތެރިއަކު ގޯލަށް ބޯޅަ ވައްދާލި އެވެ. އެކަމަކު އެވަގުތު އޮފްސައިޑުގައި ހުރުމުން އެ ގޯލު ބަލައިނުގަތެވެ.

ދެވަނަ ހާފުގައި ވެސް ޓިއުނީޝިއާ އިން ވަނީ މޮޅަށް ކުޅެފަ އެވެ. މެޗުގައި އެޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ކަޒްރީ އެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ހިފައިގެން ގޮސް ކަޒްރީ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލާފަ އެވެ.

ގޯލަށް ފަހު ޓިއުނީޝިއާގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން އޮސްޓްރޭލިއާ އިން ޑެންމާކް ކޮޅަށް ގޯލު ޖެހުމުން ޓިއުނީޝިއާ ގްރޫޕުގެ ތިންވަނަ އަށް ވެއްޓުނެވެ.

މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ފްރާންސްގެ އޮންޓުއަން ގްރީޒްމަން ގޯލެއް ޖެހި އެވެ. އެކަމަކު ފަހުން ވީއޭއާރުން ބެލުމަށް ފަހު ނިންމީ ގޯލު ޖެހުމުގެ ކުރިން ގްރީޒްމަން ހުރީ އޮފްސައިޑްގައި ކަމަށެވެ.

ވޯލްޑް ކަޕުން ކެޓިޔަސް ޓިއުނީޝިއާ އަށް ލިބުނު ހިތްހަމަޖެހުމަކީ ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަތުން ތާރީހީ މޮޅެއް ލިބުމެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ޓިއުނީޝިއާ އަށް ކާމިޔާބުކުރެވުނު ތިންވަނަ މެޗެވެ.

ވޯލްޑް ކަޕްގައި މިރޭ ދެން ކުޅޭނީ ގްރޫޕް ސީގެ ފަހު ދެ މެޗެވެ. އެއީ އާޖެންޓީނާ އާއި ޕޮލެންޑް ވާދަކުރާ މެޗާއި މެކްސިކޯ އާއި ސައުދީ އަރަބިއާ ވާދަކުރާ މެޗެވެ.
ދެވަނަ ބުރުގައި ފްރާންސް ވާދަކުރަން ޖެހޭނީ އާޖެންޓީނާ ހިމެނޭ ގްރޫޕުގެ އެއްވަނަ ޓީމާ އެވެ.

މި ލިއުމާއި ގުޅޭ