Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިސްރު

މިސްރުން ފޭރިގަނެގެން އިނގިރޭސިން ގެންދިޔަ ރޮސެޓާ ހިލަ އަނބުރާ މިސްރަށް ދޭން ގޮވާލައިފި

ޤަދީމީ މިސްރުގެ ލިޔުންތަކުގެ މާނަ ދެނެގަތުމުގައި އެންމެ ބޮޑު އެހީތެރިކަމަކަށްވި ރޮސަޓާ ހިލަ އަނބުރާ މިސްރަށް އިއާދަކުރަން އެ ޤައުމުގެ އެތައް ހާސް ބަޔަކު އިނގިރޭސިވިލާތަށް ގޮވާލައިފިއެވެ.

މި ހިލައަކީ އިނގިރޭސިވިލާތުގެ މަޝްހޫރު "ބްރިޓިޝް މިއުޒިއަމު"ގައި ހުރި އާސާރީ ތަކެތީގެ ތެރެއިން އެންމެ ގިނަ ބަޔަކު އެ ބަލައިލުމަށް ޒިޔާރަތްކުރާ އާސާރީ ތަރިކައެވެ. އެ ހިލައިގެ ލިޔުންތަކުގެ މާނަ ދެނެގަނެވުނުތާ 200 އަހަރު ފުރުން ފާހަގަކުރާ މުނާސަބާއާ ދިމާކޮށް މިސްރުގެ ގިނަ ބަޔަކުވަނީ އެ ހިލަ އަނބުރާ އެ ޤައުމަށް އިއާދަކުރަން ގޮވާލާފައެވެ.

ގަދަކަމުން މިސްރުން އެ ހިލަ އިނގިރޭސިވިލާތަށް ގެންގޮސްފައިވަނީ 1801 ވަނަ އަހަރުގައެވެ. އިނގިރޭސިންނާއި ފަރަންސޭސިންގެ މެދުގައި އިސްތިއުމާރީ ވާދަވެރިކަން އެންމެ ބޮޑަށް އޮތް ދުވަސްވަރުގައި އެ ދެ ދައުލަތުގެ މެދުގައި މި ހިލަ ތާށިވިއެވެ.

ފަރަންސޭސިން ރޮސެޓާގެ ނަމުން ނަންދިން މިޞްރުގެ އުތުރުގެ އަވަށެއް ކަމުގައިވާ ރާޝިދުގައި ފަރަންސޭސި ސައެންސްވެރިން ކޮނުނު ކޮނުމެއްގެ ތެރެއިން މި ހިލަ އެންމެ ފުރަތަމަ ފެނުނީ 1799 ވަނަ އަހަރުއެވެ. މިސްރުގައި އިނގިރޭސިންނާއި ފަރަންސޭސިން ކުރި ހަނގުރާމާގައި އިނގިރޭސިންނަށް ނަސްރު ލިބުމާއެކު ދެ ޤައުމުގެ ޖެނެރަލުންގެ މެދުގައި ހެދި އެއްބަސްވުމެއްގެ ދަށުން އެ ހިލައިގެ މިލްކުވެރިކަން އިނގިރޭސިންނަށް ލިބުނެވެ.

މިޞްރުގެ 4،200 މީހުން ސޮއިކޮށްފައިވާ ޕެޓިޝަނެއްގައި ބުނެފައިވަނީ އެ ހިލަ އިނގިރޭސިވިލާތަށް ގެންދިޔައީ ޤާނޫނާ ޚލާފަށް ކަމަށެވެ. އަދި 100،0000 މީހުން ސޮއިކޮށްފައިވާ އިތުރު ޕެޓިޝަނެއްގައި ފާހަގަކުރީ އެ ހިލަ މިސްރުން ގެންދިޔައީ މިސްރު މީހުންގެ ބަހެއް ނެތި އިސްތިއުމާރީ ދެ ބާރެއްގެ މެދުގައި ހެދި އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

ނަމަވެސް ބްރިޓިޝް މިއުޒިއަމުން އެ ވާހަކަ ދޮގުކޮށް ބުނެފައިވަނީ އެ އެއްބަސްވުމުގައި މިސްރުގެ މުމައްސިލެއް (ރިޕްރެޒެންޓޭޓިވްއެއް) ސޮއިކުރި ކަމަށެވެ. އެ މިއުޒިއަމުން އެ ބުނާ މުމައްސިލަކީ އުސްމާނީ ޚިލާފަތަށް ނިސްބަތްވާ އެޑްމިރަލެކެވެ.

މި ހިލައިގެ އިތުރަށްވެސް މިސްރާއި ޤަދީމީ ގުރީސްއިން ފޭރިގަނެ އިނގިރޭސިވިލާތުގެ މިއުޒިއަމްތަކުގައި ހުރި އާސާރީ ތަރިކަ އެ ޤައުމުތަކަށް އަލުން އިއާދަކުރަން އެ ޤައުމުތަކުގެ އިލްމުވެރިންނާއި އާންމުން އަންނަނީ ގޮވައިލަމުންނެވެ. އެ ހުރިހާ ގޮވައިލުމަކަށް އިނގިރޭސި މިއުޒިއަމުތަކާއި ސަރުކާރުތަކުން އަބަދުވެސް އިންކާރުކޮށް ދެކޮޅުހަދައެވެ.

އެހެންނަމަވެސް ހުޅަނގުގެ އެހެން ބައެއް ޤައުމުތަކުގެ ދާރުލްއާސާރުތަކުގައި ހުރި އެހެނިހެން ޤައުމުތަކުގެ އާސާރުތައް ވަގުފާރުކޮށްފައިވާކަން ކޯޓުތަކުގައި ސާބިތުވެ، ކޯޓުތަކުގެ އެންގުންތަކާ އެއްގޮތަށް އަނބުރާ އެ ތަކެތި ނިސްބަތްވާ ޤައުމުތަކާ ހަވާލުކޮށްފައިވެއެވެ.

އެގޮތުން ނިއުޔޯކުގެ މެޓްރޮޕޮލިޓަން މިއުޒިއަމުގައި ހުރި މިސްރަށް ނިސްބަތްވާ ސޯޅަ އާސާރީ ތަރިކައެއް ވަގުފާރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމުގައި އެމެރިކާގެ ތަހުގީގަކުން ނިންމުމުން އެތަކެތި މިސްރަށް އިއާދަކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ