އިންޑިއާއިން ދަރަންޏަށް ފައިސާ ނެގުމަކީ ރަނގަޅުކަމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފިއެވެ.
އިންޑިއާ އިން ނެގި 100 މިލިއަން ޑޮލަރު ލޯނަށް އިޝާރާތްކޮށް ޓުވިޓަރގައި ހަަސަން ކުރުސީގެ ނަމުގައި ހަރަކާތްތެރިވާ އެކައުންޓަކުން ރޭ ކުރި ޓުވީޓެއްގައި ވަނީ ޗައިނާ އަދި އިންޑިއާއަށް އަބަދު ރާއްޖެއަށް އެހީތެރިނުވެވޭނެ ކަމަށް ބުނެފައެވެ. އަދި މިގޮތަށް ކަންތައް ކުރަމުންދާނަމަ ދައުލަތުގެ ހަރު މުދާ އެ ޤައުމުތަކަށް ދޭން ޖެހިދާނެ ކަމަށް ކުރުސީގެ ޓުވީޓުގައިވެއެވެ.
އެ ޓުވީޓާއި ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާ އަދި ޗައިނާ އަކި އެއްކަހަލަ ދެ ޤައުމު ކަމަށް ނުބުނެވޭނެ ކަމަށެވެ. މިގޮތުން އިންޑިއާއިން އެހީ ވަނީ ރާއްޖެ މިނިވަންކަމާއި އެކު ތަރައްޤީވާން ކަމަށާއި ޗައިނާ އެއާ ހިލާފަށް ދަރަނި ބޭނުން ކުރަނީ ޗައިނާއިން ބޭނުންވާ ކަންކަން ހާސިލު ކުރުމަށް ކަމަށެވެ.
މީގެ އިތުރުން ނަޝީދު ވަނީ ހަސަން ކުރުސީ އަކީ އެމަނިކުފާނު ގެންގުޅުއްވާ އެކައުންޓެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.
އިންޑިއާ އެހީވަނީ ރާއްޖެ މިނިވަންކަމާއި އެކު ތަރައްޤީވާން ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް އިންޑިއާއިން ރާއްޖެއަށް ލޯނު ދެނީ އަބަދުވެސް ކޮންމެވެސް ކަމެއްގެ މުގާބިލުގައެވެ. މިގޮތުން މީގެ ކުރިން ކޮވިޑު ތެރޭގައި އެމްއެމްއޭގެ ރިޒާވް ހުސްވާތީ ލޯނެއް ދިނީ އުތުރުތިލަފަޅުގައި އިންޑިއާ ސިފައިންގެ މަރުކަޒެއް ޤާއިމްކުރަން ދިވެހި ސަރުކާރުން އެއްބަސްވުމުންނެވެ.
އިންޑިއާއިން ދޭ ލޯނުތަކަކީވެސް ހިލޭ އެހީގެ ގޮތުގައި ސަރުކާރުން އަބަދުވެސް ސިފަކުރެއެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް އިއްޔެ ނެގި 100 މިލިއަން ޑޮލަރުގެ ލޯނަކީވެސް އެހީކަމަށް ސިފަކޮށް ސަރުކާރުގެ އިސްވެރިން އިއްޔެ ޓުވީޓުކުރެއްވިއެވެ.