ވަގު ޑޮލަރުގެ މުއާމަލާތްކުރި މައްސަލައަކާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ ތިން މީހަކު ދިގު މުއްދަތަކަށް ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލާގައި ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކޮށްފައިވަނީ އުމުރުން 23 އަހަރުގެ ފިރިހެނަކާއި، 21 އަހަރުގެ ފިރިހެނަކާއި، 24 އަންހެނެއްގެ މައްޗަށެވެ.
މި ތިން މީހުންގެ މައްޗަށް ތުހުމަތުކުރަނީ މަކަރާއި ހީލަތް ހެދުމާއި ފޯޖަރީގެ ތުހުމަތެވެ. އެ ތުހުމަތުގައި އެމީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރީ އިއްޔެއެވެ.
މި މައްސަލާގައި ހިމެނޭ 21 އަހަރުގެ މީހާ 30 ދުވަހަށް އަދި 23 އަހަރުގެ ފިރިހެންމީހާއާއި 24 އަހަރުގެ އަންހެންމީހާ 40 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.
އެ މީހުން އެ މުއްދަތަށް ބަންދުކުރަން އަމުރުކުރި ސަބަބެއްކަމަށް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވަނީ އެމީހުން ބަންދުން ވީއްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމެވެ. އަދި ކޯޓު އަމުރުގައިވާ ގޮތުން އެ މީހުންގެ މައްޗަށް ތުހުމަތުވާ މިންވަރަށް ހެކި ހުށަހަޅާފައިވެއެވެ.
ފުލުހުން މިހާތަނަށް ބުނެފައިވަނީ ވަގު ޑޮލަރުގެ މުއާމަލާތްކުރި މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށް މުއްދަތު ޖަހަން ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށްދާ ކަމަށެވެ.