ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދޭން ބޭނުންވާ ވަރަށްވެސް ދައުލަތުގައި ފައިސާ ނެތް ދަނޑިވަޅެއްގައި އަނެއްކާވެސް އިތުރު ބަޔަކަށް ރައީސް ސޯލިހް ސިޔާސީ މަޤާމުތައް ދެއްވައިފިއެވެ.
މިގޮތުން ސިޔާސީ މަޤާމުތައް މިފަހަރު ދެއްވާފައިވަނީ ޖޭޕީގެ ކުރީގެ ތަރުޖަމާނު މޫސާ ރަމީޒް، ކުރިން ފިލްމު ކުޅުނު އަލީ ޝިޔާމް އަދި ޝިޔާދާ އިބްރާހިމް ނަމަކަށް ކިޔާ ފަރާތަކަށެވެ.
މޫސާ ރަމީޒަށް ދީފައިވަނީ ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ސިޔާސީ ވަޒީފާއެކެވެ. އަދި އަލީ ޝިޔާމަށް ދީފައިވަނީ ތިރިނަވަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސުލޭޓުގެ ވަޒީފާއެކެވެ. ޝިޔާދާ އައްޔަންކޮށްފައިވަނީ ފޮރިން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރއަކަށެވެ.
މޫސާ ރަމީޒް އަދި އަލީ ޝިޔާމް އަކީ މީގެކުރިން ޓުވިޓަރގައި ސަރުކާރަށް ފާޑުކިޔަމުން އައި ފަރާތްތަކެވެ. ނަމަވެސް ފަހަކަށް އައިސް އެ ދެމީހުންވެސް ރައީސް ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ސަނާކިޔައި ޓުވީޓުކުރަމުން އައިސްފައިވެއެވެ.
އެއް ދުވަހެއްގައި 3 ފަރާތަށް ސިޔާސީ ވަޒީފާ ދިން އިރު މިދިޔަ ހަފްތާގައިވެސް 3 ފަރާތަކަށް ސަރުކާރުން ވަނީ ސިޔާސީ މަޤާމުތައް ދީފައެވެ.
ސިޔާސީ މަޤާމުތަކުގައި މިވަގުތު ތިބީ ކިތައް މީހުންކަންވެސް ސަރުކާރުން ސިއްރުކޮށްފައިވާއިރު އެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އަންގާފައެވެ. ނަމަވެސް ސަރުކާރުން އެ އެންގުމަށް އިޖާބަ ދީފައިނުވެއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ސިޔާސީ މުވައްޒަފުންގެ މުސާރަ ދިނުމަށް 452.9 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ސިޔާސީ މުވައްޒަފުންނަށް މުސާރަ ދިނުމަށް މިހާ ބޮޑު ބަޖެޓެއް ފާސްކުރި ފުރަތަމަ ފަހަރެވެ. ފާއިތުވި 2021 ވަނަ އަހަރު ސިޔާސީ މުވައްޒަފުންނަށް މުސާޜަ ދިނުމަށް ފާސްކުރީ 407 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެން ކަމުން މިއަހަރުގެ ބަޖެޓަށް ވަނީ 45 މިލިއަން ރުފިޔާ އިތުރުވެފައެވެ