ދެ ދަރިންގެ ހަށިގަނޑު ފޮށިތަކަކަށް ލައި ފޮރުވާފައިވަނިކޮށް ފެނުނު މައްސަލައަކާ ގުޅިގެން ދެކުނު ކޮރެއާއިން ނިއުޒިލޭންޑަށް އެކްސްޓްރަޑައިޓުކުރި އަންހެނަކު ނިއުޒިލޭންޑުގެ ކޯޓަކަށް ބުދަދުވަހުގައި ހާޒިރުކޮށްފިއެވެ.
އުމުރުން 42 އަހަރުގެ އެ އަންހެންމީހާގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދެ ދައުވާކޮށްފައިވެއެވެ. މަނުކާއޫ ޑިސްޓްރިކްޓު ކޯޓުގައި ބޭއްވި ކުރުކުރު އިޖުރާއީ އަޑުއެހުމުގައި އޭނާއަށް ދައުވާއަށް ޖަވާބުދީރީވާން އަންގާފައިނުވެއެވެ.
އެ އަޑުއެހުމުގައި ފަނޑިޔާރުވަނީ އެ މައްސަލައާ ގުޅޭ ބައެއް ތަފުސީލުތައް ސިއްރުކުރަން އަމުރުކޮށްފައިވެއެވެ. އެގޮތުން އެ އަންހެންމީހާއާއި އޭނާގެ ދަރިންގެ ނަންތައް ފަދަ ތަފުސީލުތައް ސިއްރުކުރަން އަމުރުކުރި ނަމަވެސް، އެ އަންހެންމީހާއަކީ މަރައިލި ކުދިންގެ މަންމަކަން ރިޕޯޓުކުރަން ކޯޓުން ހުއްދަދީފައިވެއެވެ.
މި ކުށް އަންހެންމީހާގެ މައްޗަށް ސާބިތުވެއްޖެނަމަ އުމުރުދުވަހުގެ ޖަލު ހުކުމެއް އިއްވާނެއެވެ. ނަމަވެސް ނިއުޒިލޭންޑުގެ ނިޒާމުގައި ހަމަޖެހިފައިވާ އުސޫލުން، ހުކުމުން 10 އަހަރު ތަންފީޒުވުމުން އޭނާއަށް ޕެރޯލުގެ ދަށުން މިނިވަންވުމުގެ ފުރުސަތު އޮންނާނެއެވެ.
ބުދަދުވަހުގެ އަޑުއެހުން ފެށުމާއެކު ތަރުޖަމާނެއް މެދުވެރިކޮށް ފަނޑިޔާރާ ވާހަކަދެއްކުމުގެ ފުރުސަތަކަށް އަންހެންމީހާ އެދުމުން އޭނާގެ ޤާނޫނީ ވަކީލުވަނީ އޭނާއަށް އެންމެ ރަނގަޅު ގޮތަކީ ފަނޑިޔާރާ ސީދާ ވާހަކަނުދެއްކުން ކަމަށެވެ. އެ ވާހަކައަށް ފަނޑިޔާރު ތާއީދުކުރިއެވެ.
ފަސް މިނިޓުފަހުން އަޑުއެހުން ނިންމައިލުމަށްފަހު އަންހެންމީހާ ކޯޓުން ނިކުމެގެން ޖަލަށް ގޮސްފައިވާއިރު ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހުގައެވެ.
އޮންލައިންކޮށް ހިންގި ބީލަމެއްގައި ސްޓޮރޭޖު ޔުނިޓެއްގައި ހުރި ސާމާނުތަކެއް އޯކުލޭންޑު އާއިލާއަކުން ގަންއިރު އޭގެ ތެރޭގައި ދެ ކުދިންގެ ހަށިގަނޑު އަޅާފައިވާ ފޮށިތައް ހިމެނުނެވެ. އެ ފޮށިތަކުގައި ދެކުދިންގެ ހަށިގަނޑު އޮތްކަން ހާމަވުމާއެކު ނިއުޒިލޭންޑުގެ ގިނަ ބަޔަކަށް ސިހުން ލިބުނެއެވެ.
ނިއުޒިލޭންޑުގެ ފުލުހުން ބުނި ގޮތުގައި މަރާފައި ފޮށިތަކަށް ލާފައި ތިބި ކުދިންނަކީ އުމުރުން ފަސް އަހަރާއި 10 އަހަރުގެ ދެ ކުދިންނެވެ. އެ ކުދިން މަރާފައި އެ ފޮށިތައް އޮކްލޭންޑުގައި ހުރި ސްޓޮރޭޖު ޔުނިޓެއްގައި ފޮރުވާފައި ބަހައްޓާފައި ހުންނަތާ ތިން އަހަރު ނުވަތަ ހަތަރު އަހަރު ފާއިތުވެފައިވާކަމަށްވެސް ނިއުޒިލޭންޑުގެ ފުލުހުން ބުންޏެވެ.
އެ އަންހެންމީހާ ނިއުޒިލޭންޑުން ދެކުނު ކޮރެއާއަށް 2018 ވަނަ އަހަރު ގޮސްފައިވާއިރު އޭނާ ދެކުނު ކޮރެއާއިން ހައްޔަރުކުރީ ނިމުނު ސެޕްޓެންބަރު މަހުގައެވެ. އަދި އޭނާ ނިއުޒިލޭންޑަށް ގެންދިއުމުގައި މައްސަލައެއް ނެތްކަމަށް ލިޔުމުން ސޯލްގެ ހައިކޯޓަށް ހުށަހެޅުމުން އޭނާ އެކްސްޓްރަޑައިޓްކުރަން އެ ކޯޓުން ހުއްދަދިނީ މި މަހުގެ ކުރީ ކޮޅުގައެވެ.