Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗައިނާ

ޗައިނާގައި ހުރި ނިއުކުލިއާ ވޯހެޑުގެ އަދަދު 1،500އަށް އިތުރުކުރާނެކަމަށް ޕެންޓަގަނުން ބުނެފި

ޗައިނާއިން އެ ޤައުމުގެ ނިއުކުލިއާ ބާރު އިތުރަށް ފުޅާކޮށް މިހާރު އެ ޤައުމުގައި ހުރި ނިއުކުލިއާ ހަތިޔާރުގެ އަދަދު ހަތަރު ގުނައަށް 2035 ވަނަ އަހަރުގެ ނިޔަލަށް އިތުރުކުރަން މަސައްކަތްކުރަމުން އަންނަކަމަށް އެމެރިކާގެ އަސްކަރީވުޒާރާއިން އަންގާރަދުވަހުގައި ޝާއިއުކުރި ރިޕޯޓެއްގައި ބުނެފިއެވެ.

މި ރިޕޯޓުގައި ކަށަވަރުކޮށްދީފައިވަނީ، އެމެރިކާގެ މަސްއޫލުވެރިން އަންދާޒާކުރާ މިންވަރަށްވުރެ ހަލުއިކޮށް ޗައިނާއިން ނިއުކުލިއާ ޤާބިލުކަން އިތުރުކުރަމުން އަންނަކަމަށް ބުނެ ނިމުނު އަހަރުގައި ޕެންޓަގަނުން ނެރުނު ރިޕޯޓެއްގައި ހިމެނޭ ވާހަކަތަކެވެ. އެ ރިޕޯޓުގައި ބުނި ގޮތުގައި ޗައިނާގެ ބޭނުމަކީ އެމެރިކާއާއި އެ ޤައުމުގެ މެދުގައި އޮތް އަސްކަރީ ތަފާތު މި ޤަރުނުގެ މެދުތެރޭގެ ކުރިން ކުޑަކުރުން ކަމަށެވެ.

ޕެންޓަގަނުން ބުނި ގޮތުގައި ކުރިއަށް އޮތް ހަ އަހަރުގެ ތެރޭގައި ޗައިނާގެ ނިއުކުލިއާ ވޯހެޑުތަކުގެ އަދަދު 700 އަށް އިތުރުވާނެކަމަށާއި 2030 ވަނަ އަހަރުގައި އެ އަދަދު 1،000 އަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ މިހާރު ޗައިނާގެ މިލްކުވެރިކަމުގައި ހުރީ ޖުމްލަ 400 ނިއުކުލިއާ ވޯހެޑު ކަމަށެވެ. އަދި އެ އަދަދު 2035 ވަނަ އަހަރުގެ ނިޔަލަށް 1،500 އަށް އިތުރުވާނެ ކަމަށެވެ.

މި ވަގުތު އެމެރިކާގައި ބޭނުންކުރެވޭ ހާލަތުގައި 3،750 ނިއުކުލިއާ ވޯހެޑު އެބަހުރިއެވެ. ޗައިނާގެ ނިއުކުލިއާ ވޯހެޑުތަކުގެ އަދަދު އިތުރުވަމުންދާ ދިއުމާއެކު، ވާދަވެރި ނިއުކުލިއާ ދެ ބާރުކަމުގައިވާ ރަޝިޔާއާއި ޗައިނާ ހުއްޓުވަން ނިއުކުލިއާ ހަތިޔާރުގެ ބިރު ބޭނުންކުރާނެ ގޮތާމެދު ބޮޑެތި ކަންބޮޑުވުންތައް އެމެރިކާގެ އިސްވެރިންގެ މެދުގައި އަންނަނީ އުފެދެމުންނެވެ.

ޕެންޓަގަނުގެ ރިޕޯޓަކީ 2021 ވަނަ އަހަރު ޗައިނާގެ ހަރަކާތްތައް ތަހުލީލުކުރާ ރިޕޯޓެއްކަމުގައިވާތީ މި އަހަރު ރަޝިޔާއިން ޔޫކުރެއިނަށް ދިން ހަމަލާދިނުމާ ގުޅިގެން ޗައިނާގެ އަސްކަރީ ކުރިއެރުމުގެ އިސްތިރާޖިއްޔާއަށް އައި ބަދަލުތައް އެ ރިޕޯޓުގައި ނުހިމެނެއެވެ.

ނަންނުޖެހުން ޝަރުތުކޮށް މީޑިއާއަށް މައުލޫމާތުދެއްވި އެމެރިކާގެ މަސްއޫލުވެރިއެއް ވިދާޅުވެފައިވަނީ ރަޝިޔާއަށް ޔޫކުރެއިން ހަނގުރާމާގައި ޗައިނާއިން މަދަދުވެރިނުވި ނަމަވެސް ރަޝިޔާއިން އެ މައްސަލާގައި ދައްކާ ވާހަކަތައް ޗައިނާއިން ތަކުރާރުކުރާ ކުރުމާއި، ރަޝިޔާއާ ގުޅިގެން އަސްކަރީ ތަމްރީނުތައް ޗައިނާއިން ކުރިއަށްގެންދާ މައްސަލަތައް ކައިރިން ބަލަމުން އަންނަކަމަށެވެ.

މުހައްލިލުން ފާހަގަކުރައްވާ ގޮތުގައި ރަޝިޔާއިން ނިއުކުލިއާ ހަތިޔާރު ބޭނުންކުރާނެކަމަށް ބުނެ ދެމުންދާ އިންޒާރުތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމައުން އަމަލުކުރާ ގޮތް ވަރަށް ކައިރިން ޗައިނާއިން ބަލަމުންދާ ކަމަށެވެ.

މި ލިއުމާއި ގުޅޭ