މި ސަރުކާރުން ބޭރުގެ ގައުމުތަކުން ލޯނު ނަގަނީ ދިވެހިރާއްޖޭ ރަހުނުކޮށްފައިކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން މިފަދައިން ވިދާޅުވެފައިވަނީ އަވައްޓެރި އިންޑިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމާއި ގުޅިގެންނެވެ.
އަލީ ހުސައިންގެ ޓްވީޓުގައި ދަރަނި ދައްކަން މި ސަރުކާރުން ނަގަނީ ދަރަނި ކަމަށާއި އެ ދަރަނި ދައްކަން ސަރުކާރުގެ ހައްލަކީ ޓީ ބިލްކަމަށް ވިދާޅުވެ ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އަދި އެ ޓީ ބިލަށް ފައިސާ ދައްކަން ވެސް ނަގަނީ ދަރަނި ކަމަށާއި މި ސަރުކާރުން ލޯނު ނަގަން ރަހުނު ކޮށްފައި އޮތީ ދިވެހި ރާއްޖޭގެ މިނިވަންކަންކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ރައީސް ޞާލިހު ވެރިކަމަށް ވަޑައިގަތްފަހުން ދައުލަތުގެ ދަރަނި އެތައް ގުނައަކަށް ވަނީ އިތުރުވެފައެވެ. މިގޮތުން ރައީސް ސޯލިހުގެ ވެރިކަމުގައި އެކަނި އިތުރުވި ދަރަނި 50 ބިލިއަނަށްވުރެ އިތުރެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ދައުލަތުގެ ދަރަނީގެ ގޮތުގައި ހުރީ 48 ބިލިއަން ރުފިޔާއެވެ. އެއީ އޭގެ ކުރީ ސަރުކާރުތަކުން ވާރުތަވެގެން އައި ދަރަނިތަކާއި ވެސް އެކުގައެވެ. ރައީސް ސޯލިހުގެ ވެރިކަން ނިމޭއިރު ވެރިކަމުގެ 5 އަހަރު ތެރޭގައި އެކަނި ދައުލަތުގެ ދަރަނި 65 ބިލިއަން ރުފިޔާއިން އިތުރުވާނެއެވެ. މިއީ ފާއިތުވި އެހެން އެއްވެސް ވެރިކަމުގެ ދައުރެއްގައި ދަރަނި އިތުރުނުވާ މިންވަރެކެވެ.
ދަރަނި މިހާ ބޮޑުވެފައިވާއިރު މި ސަރުކާރުން އަންނީ އަވައްޓެރި އިންޑިއާއިން ގިނަ އަދަދަކަށް ލޯނު ނަގަމުންނެވެ. ރައީސް ޞާލިހްގެ ވެރިކަމުގައި އެންމެ ފުރަތަމަ އިންޑިއާއަށް ވަޑައިގެންވި ދަތުރުފުޅުގައި އެ ގައުމުން ދޭން އެއްބަސްވި 1 ބިލިއަން ޑޮލަރުގެ އެއްބަސްވުމުގެ ބަދަލުގައި އިންޑިއާ ސިފައިންގެ ބޭސްއެއް ރާއްޖޭގައި އެޅުމަށް އެ ގައުމުން ހުށަހެޅި ހުށަހަޅާފައިވެއެވެ. އެކަން ރާއްޖޭގެ މީޑިއާތަކުންވެސް އޭރު ރިޕޯޓުކޮށްފައިވެއެވެ.
އޭގެފަހުން ސަރުކާރުންވަނީ މާލެއާ ކައިރި އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިންގެ މަރުކަޒެއް ހަދަން އެއްބަސްވުމެއްވެފައެވެ. މީގެއިތުރުންވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އިންޑިއާގެ ސިފައިން ގާއިމުވެފައިވާކަން ވަނީ ފާހަގަވެފައެވެ.